އެވެޓާ: ހަފުތާ ބަންދުގައި ބައި ބިލިއަނާ ގާތަށް!

ފިލްމު އެޅުވި ހަފުތާ ބަންދުގައި އެކަނިވެސް ޖޭމްސް ކެމެރަންގެ "އެވެޓާ"ގެ ދެވަނަ ބައި "ދަ ވޭ އޮފް ވޯޓާ" ބައި ބިލިއަން ޑޮލަރާ ގާތްކުރާ އާމްދަނީ އެއް ހޯދައިފިއެވެ.

މިއަހަރުގެ އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރަމުން އައި އެއް ފިލްމަކީ އެވެޓާގެ ދެވަނަ ފިލްމެވެ. ފުރަތަމަ ފިލްމަށްފަހު 13 އަހަރު ފަހުން ފިލްމު ނެރޭތީ އެ ފިލްމަށް އޮތް އިންތިޒާރު އެތައް ބައެއްގެ މެދުގައި ބޮޑެވެ.

އެއާއެކު މިދިޔަ ހަފުތާ ބަންދާ ދިމާކޮށް ފިލްމު އެޅުވުމާއެކު އެ ފިލްމަށް އަންނަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޮޑު އާމްދަނީއެއް ލިބެމުންނެވެ. އެގޮތުން މިދިޔަ ހަފުތާ ބަންދުގައި އެކަނިވެސް އެ ފިލްމު ވަނީ 435 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދާފައެވެ. މި އާމްދަނީ އަކީީ އާދިއްތަ ދުވަހުގެ އާމްދަނީ އާ ނުލައި ލިބިފައިވާ މިންވަރެކެވެ.

މިދިޔަ ބުރާސްފަތި ދުވަހު ފިލްމު ދައްކަން ފެށިއިރު މި ފިލްމުގެ އޯޕެނިންއަށް އެމެރިކާއިން ލިބިފައިވަނީ 150 މިލިއަން ޑޮލަރެވެ. މިއީ މިއަހަރުގެ އޯޕެނިންއަށް ބަލާއިރު ދެވަނައަށް އެންމެ ބޮޑު އާމްދަނީއެވެ. ނަމަވެސް މި އާމްދަނީ އަކީ އެނަލިސްޓުން ލަފާކޮށްފައިވާ މިންވަރަށް ވުރެ ދަށް އަދަދެކެވެ. އެނަލިސްޓުން ލަފާކޮށްފައިވާގޮތުގައި މި ފިލްމުގެ އޯޕެނިންނަށް 190 މިލިއަން ޑޮލަރު ވަރު އެމެރިކާއިން އެކަނި ލިބޭނެއެވެ.

އެހެންވީމާ ފިލްމުގެ އާމްދަނީ ކުޑަ ދުވަސްކޮޅެއްގައި ބޮޑުވި ނަމަވެސް އެ ފިލްމަށް އޮތް ޕްރެޝަރު ވަރަށް ބޮޑެވެ. ފިލްމުގެ ޑިރެކްޓަރު ކެމެރަން ބުނިގޮތުގައި އެ ފިލްމުގެ އާމްދަނީ ދެ ބިލިއަން ޑޮލަރަށްވުރެ ދަށް ވެއްޖެ ނަމަ އެ ފިލްމު ފްލޮޕަކަށް ވެގެން ދާނެ ކަމަށެވެ. އެގޮތުން އެ ފިލްމު ޕްރޮޑިއުސް ކުރުމަށް 350 މިލިއަން ޑޮލަރު ވަނީ ހޭދަކޮށްފައެވެ.

އެވެޓާއަށް މިހާ ބޮޑު ޕްރެޝަރެއް އުފެދިފައިވަނީ ފުރަތަމަ ފިލްމުގެ އާމްދަނީއާ ގުޅިގެންނެވެ. ކެމެރަން 2009 ގައި ނެރުނު އެވެޓާގެ ފުރަތަމަ ފިލްމަކީ މިހާތަނަށް އެޅުވި އެންމެ ބޮޑު އާމްދަނީ ލިބިފައިވާ ފިލްމެވެ. މި ފިލްމަށް ވަނީ 2.9 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައެވެ.

comment ކޮމެންޓް