މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި އަލުން ހަދާ ނިންމި ހަނދުވަރީ ހިނގުމުގައި ހުރި ގާތަށް އެއްކޮށް ރޫޅި، މަގުން ހިނގާބިނގާވެ އުޅޭ މީހުންނަށް އުނދަގޫވާ ވަރަށް ހަލާކުވެއްޖެއެވެ.
މާލޭ ސިޓީ ކައުންސިލުން، މާލޭގެ މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްގީ ކުރުމުގެ ގޮތުން ކުރިއަށްގެންދިޔަ ސްޓްރީޓް ސްކޭޕިން މަޝްރޫއުގެ މަސައްކަތްތައް ހަވާލުކުރީ ރޯޑް ޑެވޮލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާ އެވެ. އާރުޑީސީއިން ހަނދުވަރީ ހިނގުމުގެ މަސައްކަތް ނިންމީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.
ސިޓީ ކައުންސިލްގެ ސްޓްރީޓް ސްކޭޕިން މަޝްރޫއަކީ 462 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
އެކަމަކު، ހަނދުވަރީ ހިނގުމުގެ އިތުރުން ވެސް އެ މަޝްރޫއުގެ ދަށުން ހެދި ގިނަ މަގުތަކެއް ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. ގާތައް ދުރުވެ، ރޫޅުމުގެ ސަބަބުން ހަނދުވަރީ ހިނގުމުން ސައިކަލުގައި ދަތުރުކުރާ މީހުންނަށް އުނދަގޫތަކާ ކުރިމަތިވެއެވެ.
އެމަގުން އާންމުކޮށް ސައިކަލު ދުއްވާ ބައެއް މީހުން ކިޔައިދިން ގޮތުގައި ގާތައް ރޫޅުމުގެ ސަބަބުން ސައިކަލު ކޮންޓްރޯލް ކުރުމަށް ދަތިވެއެވެ. އެހެންވެ، އެ މަގުގައި ދުއްވަން ޖެހެނީ ހާއްސަ ސަމާލުކަމެއް ދީގެންނެވެ.

ހަނދުވަރީ ހިނގުމުގައި ހުރި ގާތަށް އެއްކޮށް ރޫޅިފައި--- ސަން ފޮޓޯ
"ކިރިޔާ ބާރަށް ދުއްވާލިޔަސް ހީވަނީ ދެންމެ ދެންމެ ފަހަތު ފުރޮޅު ކަހާލައިގެން ހިނގައިދާނެހެން،" އެމަގު ބޭނުންކުރާ މީހަކު ބުންޏެވެ.
މިކަމާ ގުޅިގެން، އެ މަގުތައް ހެދި ރޯޑް ޑެވޮލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ) "ސަން"އަށް ވިދާޅުވީ އާންމުކޮށް އެފަދަ މަގުތައް ހަލާކުވަނީ މަގުތައް ހަދާތާ ކުޑަ ދުވަސްކޮޅެއް ތެރޭގައި ކޮންމެވެސް އެހެން ބަޔަކު މަސައްކަތެއް ކުރުމަށް މަގުތައް ކޮނުމުގެ ސަބަބުން ކަމަށެވެ.
"ބައެއް ފަހަރު ހުންނަނީ ކޮންމެވެސް ގޮތަކުން އަޅުގަނޑުމެންނަށް ނޭނގި ކޮންމެވެސް މަސައްކަތެއް ބަޔަކު ހިންގާފަ. ނޫނީ، އެނޫން ވެސް ގޮތަކުން ގެއްލުންވެފައި," މޫކޭ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެފަދަ މައްސަލަތައް ހައްލު ކުރުމަށްޓަކައި އެކުންފުނިން މަސައްކަތް ކުރާ ކަމަށެވެ.
"ތި ފާހަގަކުރާ މަގުގެ މައްސަލަ ވެސް އަޅުގަނޑުމެންނަށް ވަނީ ފާހަގަ ކުރެވިފައި. އެޓެންޑް ވުމުގެ މަރުހަލާގައި މިހާރު އުޅެނީ," އޭނާ ވިދާޅުވިއެވެ.
އެފަދަ މައްސަލަތައް ވީހާވެސް މަދު ކުރުމަށްޓަކައި, މަގުތައް ނިންމާތާ އެއް އަހަރު ތެރޭގައި ހަލާކުވެއްޖެ ނަމަ އެ ކުންފުނިން ހިލޭ މަރާމާތު ކޮށްދޭކަން ވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
މާލޭގެ މަގުތަކުގައި ފެންބޮޑުވުމާއި، މަގު ހަލާކުވުމުގެ ކަންބޮޑުވުން އަބަދުވެސް އޮވެއެވެ.