ދިރާގުން މިންތީގެ ހަމަހަމަކަން ކަށަވަރު ކުރުމަށް ޓަކައި ކުރާ މަސައްކަތްތަކުގެ ތެރެއިން، ޖެންޑާ އެޑްވައިޒަރީ ޕްރޮގްރާމް ތައާރަފު ކުރުމަށް ޓަކައި އިންޓަނޭޝަނަލް ފައިނޭންޝަލް ކޯޕަރޭޝަން (އައިއެފްސީ) އާ ގުޅިގެން މަސައްކަތް ކުރަން ފަށައިފިއެވެ.
އެ ކުންފުނިން ދަނީ މިންތީގެ ހަމަހަމަކަން ކަށަވަރުކޮށް, މަސައްކަތުގެ މާހަލުގައި އަންހެނުން ބާރުވެރި ކުރުމަށް މިހާރު ވެސް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އައިއެފްސީން ދިރާގާއެކު މަސައްކަތް ކުރާނީ އެ ކުންފުނީގެ ޖެންޑާ އެކްޝަން ޕްލޭން ހަރުދަނާކުރުމަށެވެ. އަދި ވިޔަފާރީގެ ދާއިރާއިން އިތުރު ފުރުސަތުތައް ހަމަހަމަކަމާއެކު ހުޅުވާލުމަށް ވެސް އެ ކޯޕަރޭޝަނުން މަސައްކަތް ކުރާނެ ކަމަށް ދިރާގުން ބުނެއެވެ.
ދިރާގުން ބުނީ އެ ޕާޓްނާޝިޕްގެ ސަބަބުން އެ ކުންފުނިން މި އަހަރުގެ ކުރީކޮޅު ތައާރަފުކުރި ޖެންޑާ އެކްޝަން ޕްލޭން ހަރުދަނާވެ، އެ ކުންފުނީގެ ތެރޭގައި ޓެކްނިކަލް، ނޮން ޓެކްނިކަލް ރޯލުތަކާއި ލީޑަރުންގެ ގޮތުގައި އަންހެނުން ކުރިއެރުވުމަށް މަގުފަހިވެގެން ދާނެ ކަމަށެވެ.
ދިރާގުގެ ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދު ވަނީ އެ ކުންފުނީގެ ޖެންޑާ އެކްޝަން ޕްލޭން ފުރިހަމަ ކުރުމަށް އައިއެފްސީން ދެމުންދާ އެއްބާރުލުމަށް ޝުކުރުއަދާކުރައްވާފައެވެ.
"އަޅުގަނޑުމެން ދެކޭ ގޮތުގައި މި ގުޅުމަކީ އައިއެފްސީގެ ތަޖުރިބާގެ ބޭނުން ހިފައި، އަޅުގަނޑުމެންގެ އާ އެންވަޔަރަންމެންޓަލް، ސޯޝަލް އެންޑް ގަވަނަންސް (އީއެސްޖީ) ފަންކްޝަން ހަރުދަނާ ކުރުމަށް ލިބުނު ވަރަށް ބޮޑު ފުރުސަތެއް،" އިސްމާއިލް ރަޝީދު ވިދާޅުވިއެވެ.
އައިއެފްސީ އަކީ އަންހެނުންނަށް ވަޒީފާގެ ފުރުސަތުތައް ދިނުމަށް ބާރުއެޅުމަށާއި މަސައްކަތުގެ މާހައުލު އަންހެނުންނަށް ރައްކާތެރި ކުރުމަށް މަސައްކަތްކޮށް، މިންތީގެ ހަމަހަމަކަން ކަށަވަރު ކުރުމަށް ފުޅާ ދާއިރާއެއްގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތް ކުރާ ކޯޕަރޭޝަނެކެވެ.
އައިއެފްސީއިން ސްރީލަންކާއާއި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ކަންޓްރީ މެނޭޖަރު އަލެހަންޑްރޯ އަލްވަރޭޒް ޑި ލާ ކެމްޕާ ވިދާޅުވީ ވިޔަފާރިތައް ހިންގުމުގައި އަންހެނުންނަށް ހަމަހަމަ ޖާގައެއް ލިބުމަކީ ކުންފުނިތަކަށް އެތައް ގޮތަކުން ފައިދާ އިތުރުވާނެ ކަމެއް ކަމަށެވެ.
"އެ ކުންފުނީގެ ވިޔަފާރީގެ ސްޓްރެޓެޖީއާ އެއްގޮތަށް މިންތީގެ ހަމަހަމަކަން އިތުރުކުރުމަށް ދިރާގާ ގުޅިގެން މަސައްކަތް ކުރަން ލިބުމަކީ ލިބޭ ފަޚުރެއް. ދިރާގުން އެޅި މި ފިޔަވަޅާއެކު އެ ކުންފުނިން އެވަނީ ރާއްޖޭގެ އެހެން ކުންފުނިތަކަށް މުހިންމު ނަމޫނާއެއް ދައްކާފައި،" އޭނާ ވިދާޅުވިއެވެ. .
ދިރާގުން 2019 ވަނަ އަހަރު ވަނީ ވިމެން އެމްޕަވާމަންޓް ކޮމިޓީ އުފައްދައި އެ ކުންފުނީގެ ޖެންޑާ އިކުއަލިޓީ ލަނޑުދަނޑިތަކަށް އިސްކަންދޭ މިންވަރު އިތުރުކޮށްފައެވެ. އަދި އެ ކުންފުނީގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ ޕްރޮގްރާމްތައް މެދުވެރިކޮށް ވެސް އަންހެނުންނަށް ހިތްވަރުދީ، އަންހެނުން ބާރުވެރިކުރުމަށް ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.