ވޯލްޑް ކަޕުގެ ފައިނަލް: މުޅި ދުނިޔޭގެ ނަޒަރު މެސީއާއި އާޖެންޓީނާއަށް

އާޖެންޓީނާ ކެޕްޓަން ލިއޮނެލް މެސީ-- ފޮޓޯ/ޖޯން ޓެރީ

ޤަތަރުގައި ކުރިއަށްދާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ އެންމެފަހު މެޗު މިރޭ ކުޅޭއިރު، މިފަހަރުގެ މުބާރާތަކީ އެންމެ ފޯރިގަދަ މުބާރާތޭ ބުނެވިދާނެއެވެ.

މިކަމުގެ އެންމެ ބޮޑު އެއް ސަބަބަކީ ހަތުރުންނާއި މިތުރުން، އެ ކުޅުންތެރިއަކު ވޯލްޑް ކަޕުގެ ތަށި އުފުލާލުމަށް ބޭނުންވާ ކުޅުންތެރިއާ އެއްކޮޅުން ފައިނަލުގައި ކުޅުމެވެ. މި ދައްކަނީ އާޖެންޓީނާގެ ލިއޮނެލް މެސީގެ ވާހަކައެވެ. ފުޓްބޯޅަ ކުޅުންތެރިއެއްގެ ކެރިއަރުގައި ހޯދޭނޭ ހުރިހާ ކާމިޔާބެއް މެސީ ވަނީ ހޯދާފައެވެ. ވޯލްޑް ކަޕުގެ ތަށި ފިޔަވައެވެ.

މިފަހަރުގެ ވޯލްޑް ކަޕާ އާޖެންޓީނާ ކުރިމަތިލިއިރު އެޓީމަށް އެންމެބޮޑަށް ކުރިމަތިވި މައްސަލައަކީ ޓީމެއްގެ ގޮތުގައި ނުކުޅެވުމެވެ. އެކަން ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައިވެސް ފެނިގެންދިޔައެވެ. އެކަން އެހެންވުމުގައި ސަބަބުތަކެއް އެބަހުއްޓެވެ. ވޯލްޑް ކަޕަށް އާޖެންޓީނާއިން ނެގި ސްކޮޑުގައި ހިމެނެނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެކި ކުލަބުތަކަށް ކުޅެމުން އަންނަ ކުޅުންތެރިންނަށްވުން އެއީ އޭގެއިން އެއް ސަބަބެވެ.

އާޖެންޓީނާ ކުޅުންތެރިން ފަރިތަކުރުންތަކުގައި--- ފޮޓޯ/އޭޕީ

އެ ހުރިހާ ކުޅުންތެރިން ސްކޮޑަށް ނަގައި ވޯލްޑް ކަޕަށް ތައްޔާރުވުމަށް އާޖެންޓީނާގެ ކޯޗް ލިއޮނެލް ސްކަލޯނީއަށް ލިބުނީ ވަރަށް ކުޑަ ދުވަސްކޮޅެކެވެ. އަނެއްކޮޅުން ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިން ކަމަށްވާ، ލިއޮނެލް މެސީ، ޑިމާރިއާ ފަދަ ކުޅުންތެރިންނަށް އަނިޔާ ވެދާނެތީވެ، އާޖެންޓީނާގެ ފަރިތަކުރުންތައްވެސް ކުރިއަށްގެންގޮސްފައި ވަނީ ކޯޗް އެންމެ ބޭނުންވި ގޮތަކަށް ނޫނެވެ.

މިފަހަރުގެ ވޯލްޑް ކަޕުގައި އާޖެންޓީނާ ނިދިން ހޭލައްވާލި މެޗަކީ ސައުދީއާ ދެކޮޅަށް ކުޅުނު މެޗެވެ. އެމެޗުގެ ނަތީޖާއަށްފަހު އާޖެންޓީނާ ކުޅުންތެރިން އައީ މެޗަކަށްފަހު މެޗެއް ކުޅުން ރަނގަޅުކުރަމުންނެވެ.

މިފަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރުމަކީ އާޖެންޓީނާ ޓީމުން ދެކެމުން އައި ވަރަށްބޮޑު ހުވަފެނެކެވެ. އެންމެ ބޮޑު ސަބަބަކީ ލިއޮނެލް މެސީއެވެ. ކުރިން ފާހަގަކުރި ފަދައިން މިފަހަރުގެ ވޯލްޑް ކަޕް އާޖެންޓީނާ ކާމިޔާބުކޮށްފިނަމަ ލިއޮނެލް މެސީއަށް ފުޓްބޯޅައިން ހާސިލްވާނެ ހުރިހާއެއްޗެއް ހާސިލްވާނެއެވެ.

ނެދަލޭންޑްސް ބަލިކުރުމަށްފަހު އާޖެންޓީނާ ކުޅުންތެރިން އުފާފާޅުކުރަނީ-- ފޮޓޯ/މެސީ ފޭސްބުކް

ވޯލްޑް ކަޕް ފައިނަލް މިރޭ ކުޅޭއިރު، އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ ފުޓްބޯޅައިގައި އާޖެންޓީނާގެ ހަތުރުން ވެސް އެޓީމާއިއެކު އޮތްކަމެވެ. ބްރެޒިލް އަކީ ފުޓްބޯޅަގައި އާޖެންޓީނާއާ އެންމެ ވާދަވެރި އެއް ޤައުމެވެ. ބްރެޒިލްގެ ރައްޔިތުން މިހާރުވެސް ވަނީ އާޖެންޓީނާއާއެކު ތިބިކަމަށް ބުނެފައެވެ. ދެކުނު އެމެރިކާގެ ބައެއް ނޫސްތަކުން ބުނާގޮތުގައި އާޖެންޓީނާއަށް ސަޕޯޓްކުރުމުގެ ގޮތުން ބްރެޒިލްގެ ބައެއް މަގުތަކުގައި ވަނީ އާޖެންޓީނާ ދިދަ ސިފަވާގޮތަށް ކުލަ ލާފައެވެ.

މެސީ ބާސެލޯނާއަށް ކުޅުނުއިރު، ރިވާލްޑޯ އެޓީމުގެ ޕްރެކްޓިސް ދަނޑަށް ކުރި ޒިޔާރަތެއްގެ ތެރެއިން-- ފޮޓޯ/ބާސެލޯނާ

ބްރެޒިލްގެ ކުރީގެ ބައެއް ލެޖެންޑުން ވެސް ވަނީ މިފަހަރުގެ ވޯލްޑް ކަޕް ތަށި ލިބުން އެންމެ އެދެނީ ލިއޮނެލް މެސީއަށް ކަމަށް ބުނެފައެވެ. މީގެ ތެރޭގައި ރިވާލްޑޯ، އަދި ރޮނާލްޑޯ ފާހަގަކޮށްލެވެއެވެ. ބްރެޒިލްގެ ކުރީގެ ބައެއް ކުޅުންތެރިން މެސީގެ ފަހަތުގައި ތިބިއިރު، ރޮނާލްޑީނިއޯއާއި ނޭމާ އަކީ މެސީއާ ވަރަށް ގާތް ދެ ކުޅުންތެރިންނެވެ. ހާއްސަ ގޮތެއްގައި ރޮނާލްޑީނިއޯ އަކީ މެސީއާ ވަރަށް ގާތް ކުޅުންތެރިއެކެވެ. ބާސެލޯނާގައި މެސީގެ ކެރިއަރު ފެށީ ރޮނާލްޑީނިއޯގެ ކުޑަވައި އިނގިލީގައި ހިފައިގެންނެވެ.

ރޮނާލްޑީނިއޯ އާއި މެސީ ބާސެލޯނާގައި ހޭދަކުރި ދުވަސްވަރު-- ފޮޓޯ ބާސާ

ކޮންމެ އަކަސް މިރޭގެ ފައިނަލް މެޗަކީ އާޖެންޓީނާ އަށާއި އެ ޓީމުގެ ސަޕޯޓަރުންގެ އިތުރުން ފުޓްބޯޅައަށް ސަޕޯޓްކުރާ މީހުންގެ ނަޒަރު އެ މެޗަކަށް ހުއްޓޭނެ މެޗެކެވެ. އެންމެ ސަބަބަކަށް ޓަކައެވެ. މެސީއަށް މިފަހަރުގެ ވޯލްޑް ކަޕް ތަށީގައި އަތްޖައްސައި ލެވިދާނެތޯ ކުރާ ސުވާލުގެ ޖަވާބުގެ އިންތިޒާރުގައެވެ. އަދި ފުޓްބޯޅައިން އެ ކުޅުންތެރިއަކަށް ލިބޭނޭ ހުރިހާ އެއްޗެއް ހާސިލްވުމުގެ އުއްމީދުގައެވެ.

މިއީ މީގެ ދެ އަހަރުކުރިން މަރުވި ދުނިޔެދުށް އެންމެ މޮޅު ކުޅުންތެރިއާ އާޖެންޓީނާގެ ޑިއޭގޯ މަރަޑޯނާ ވެސް ދެކެމުން އައި އެންމެ ބޮޑު ހުވަފެނެވެ. އެއީ ލިއޮނެލް މެސީއަށް މިފަހަރުގެ ވޯލްޑް ކަޕް ލިބުމެވެ.

comment ކޮމެންޓް