އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ރައީސް ނަޝީދު އިއުލާންކުރައްވައިފި

ފޮޓޯ: ރައްޔިތުންގެ މަޖްލިސް

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު އިއުލާންކުރައްވައިފިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަންނަ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާކަން އެ ޕާޓީން އިއުލާން ކުރުމާ ގުޅިގެން ދެންމެ ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވަނީ، އެ ޕްރައިމަރީގައި ވާދަކުރަން ނިންމަވާފައިވާ ކަމަށެވެ.

"ޕާޓީގެ ހުރިހާ މެންބަރުންގެ ވޯޓު އަޅުގަނޑަށް ދެއްވުން އެދެން،" އެ ޓްވީޓުގައިވެއެވެ.

އެޕާޓީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ އަންނަ އަހަރުގެ ފަހުކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި އެޕާޓީގެ ޓިކެޓުގައި ވާދަކުރަން ޝައުގުވެރިވާ ބޭފުޅުންނަށް، މިއަދުން ފެށިގެން މި މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

ޕްރައިމަރީގައި ވާދަކުރަން ޝައުގުވެރިވާ މީހުން 500 މެންބަރުންގެ ތާއީދު ފޯމާއެކު މިމަހު 24 ވަނަ ދުވަހުގެ ހަވީރު ހަތަރެއް ޖެހުމުގެ ކުރިން ފޯމް ހުށަހަޅަން ޖެހެއެވެ.

އެ އިއުލާނުގައި އެމްޑީޕީން ވަނީ ރިޔާސީ ޕްރައިމަރީއާ ގުޅޭ މުހިންމު ތާރީޚުތަކެއް އިއުލާނުކޮށްފައެވެ. މިގޮތުން:

18 ޑިސެމްބަރު 2022– ރިޔާސީ ޕްރައިމަރީ އިއުލާނުކޮށް، ވާދަކުރުމުގެ ފުރުސަތު ހުޅުވާލުން
24 ޑިސެމްބަރު 2022– ކެންޑިޑޭޓުން ވާދަ ކުރުމުގެ ސުންގަޑި
03 ޖެނުއަރީ 2023 – ރިޔާސީ ޕްރައިމަރީ ފައިނަލް ވޯޓާސް ލިސްޓް އާންމު ކުރުން
28 ޖެނުއަރީ 2023– ރިޔާސީ ޕްރައިމަރީ ވޯޓްލާ ދުވަސް

އެ ޕާޓީން ރިޔާސީ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވެސް ވަނީ ޕްރައިމަރީގައި ވާދަކުރައްވަން ތައްޔާރަށް ހުންނެވި ކަމަށް މި އަހަރުގެ ޖޫން މަހު ވިދާޅުވެފައެވެ.

އެމްޑީޕީ ތެރޭ މިވަގުތު ވަރަށް ބޮޑަށް ބައިބައިވުން އުފެދި، ޕާޓީ ވަނީ ދެކަފިވެފައެވެ. އެގޮތުން ރައީސް ޞާލިޙާއި ރައީސް ނަޝީދާ ދެމެދު ނުތަނަވަސްކަން ބޮޑުވެފައިވަނީ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމާ ގުޅޭ ގޮތުންނެވެ. ދައުރުގެ މެދުން ބޮޑުވަޒީރުކަމަށް ވަޑައިގަތުމުގެ ޝައުގުވެރިކަން ނަޝީދުގެ ހުންނެވި ނަމަވެސް ރައީސް ޞާލިޙް ގެންދަވަނީ ފާޅުގައި ރިޔާސީ ނިޒާމަކަށް ތާއީދުކުރައްވަމުންނެވެ.

އެހެންވެ، އެޕާޓީގައި ދެ ފެކްޝަން އުފެދި އަރާރުންތައް ދަނީ ގިނަވަމުންނެވެ.

comment ކޮމެންޓް