މިދިޔަ މަހު އެންމެ ގިނަ މީހުން ޖަލަށްލީ މަސްތުވާތަކެތީގެ މައްސަލަތަކުގައި

މާފުށި ޖަލު

ފާއިތުވި ނޮވެމްބަރު މަހު އެންމެ ގިނައިން މީހުން ޖަލަށް ލާފައި ވަނީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.

ކަރެކްޝަންސްގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ މަހު ޖުމްލަ 76 މީހުން ޖަލަށް ލާފައިވާއިރު، 58 މީހަކަށް ހުކުމްކޮށްފައިވެއެވެ. އަދި ވާނުވާ ބަންދުގައި ޖުމްލަ 18 މީހަކު ތިބިކަމަށް ތަފާސްހިސާބުން ދައްކައެވެ.

އެގޮތުން، ބަންދުކުރި މީހުންގެ 62.1 އިންސައްތަ މީހުންނަކީ މަސްތުވާތަކެއްޗާ ގުޅޭ އެކި މައްސަލަ ތަކުގައި ބަންދުކޮށްފައިވާ މީހުންނެވެ.

ދެވަނައަށް އެންމެ ގިނައިން މީހުން ބަންދުކޮށްފައިވަނީ ވައްކަމާއި ފޭރުމުގެ މައްސަލަތަކުގައެވެ. ތިންވަނައަށް ހުއްދަ ނުހޯދާ ވަނުން މަނާ ތަންތަނަށް ވަނުމުގެ މައްސަލަ އުޅޭ އިރު، ދެން އެންމެ ގިނައިން މީހުން ބަންދުކޮށްފައި ވަނީ އެހެންމީހުންގެ މުދާ ނުހައްގުން އަތުލައިގަތުމުގެ މައްސަލަތަކުގައެވެ.

އަދި، ބިރުދެއްކުމާއި، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި، ފްރޯޑް އަދި ޒިނޭގެ މައްސަލަތަކުގައިވެސް މީހުން ބަންދުކޮށްފައިވެއެވެ.

ކަރެކްޝަންސްގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ މަހު ޖުމްލަ 41 މީހުން ޖަލުން ދޫކޮށްލާފައިވެއެވެ. އޭގެ ތެރެއިން ހުކުމް ތަންފީޒްކުރުމަށްފަހު 19 މީހަކު ދޫކޮށްލާފައިވާއިރު، ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓުން ނެރުނު އަމުރު ބާތިލްކުރުމަށް ފަހު 15 މީހުން ދޫކޮށްލާފައިވެއެވެ. މީގެ އިތުރުން، ކްލެމެންސީގެ ދަށުން ފަސް މީހަކު އަދި، ޕެރޯލްގެ ދަށުންނާއި، ހުކުމް ބާތިލް ކުރުމުން އެކަކު ދޫކޮށްލާފައިވެއެވެ.

ފާއިތުވި މަހު ޖަލުން އަތުލާގައިނެފައިވާ ވެއްދުން މަނާތަކެއްޗަށް ބަލާއިރު، މާފުށީ ޖަލުން ގިނަ އަދަދެއްގެ ތަކެތި އަތުލައިގެންފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. އޭގެ ތެރޭގައި ހަ ފޯނާއި، 24 ސިމް ކާޑާއި ތިން ފޯނު ޗާޖަރާއި ތިން ހެޑްސެޓު ހިމެނެއެވެ. އައްސޭރި ޖަލުން އަތުލާގަނެފައިވަނީ ހަ ފޯނާއި އެއް ސިމް ކާޑެވެ.

comment ކޮމެންޓް