ރާއްޖެއަށް ކެމިކަލް އިންޕޯތްކުރުމަށް ނުވަތަ އެކްސްޕޯޓްކުރުމަށް ލައިސަންސެއް ހޯދުން ލާޒިމްވާ ގޮތަށް ކަނޑައަޅައި ކެމިކަލް ހަތިޔާރު މަނާކުރުމުގެ ބިލް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް މިއަދު ތަސްދީގުކުރައްވައިފިއެވެ.
މި ބިލަކީ ދިވެހިރާއްޖޭގައި ކެމިކަލް ހަތިޔާރު ތައްޔާރުކުރުމާއި، އުފެއްދުމާއި، ރައްކާކުރުމާއި، ބޭނުންކުރުން މަނާކުރުމާއި އެތަކެތި ނައްތާލުމުގައި ޢަމަލުކުރަންޖެހޭ ގޮތްތަކާއި އުސޫލުތައް ކަނޑައަޅައި ބަޔާންކުރުމުގެ ބިލެވެ.
ބިލަށް އަމަލުކުރަން ފެށުމާއެކު ގާނޫނު ތަންފީޒް ކުރުމުގެ އެންމެހާ ކަންކަން ކުރަން ފެށުމަށްޓަކައި، "ކެމިކަލް ވެޕަންސް ޔުނިޓް" ގެ ނަމުގައި ޑިފެންސް މިނިސްޓްރީގެ ޚާއްސަ ޔުނިޓެއް އުފައްދާނެއެވެ. ގާނޫނަށް އަމަލުކުރަން ފެށުމުން، ރާއްޖެއަށް ކެމިކަލެއް އިމްޕޯޓް ނުވަތަ އެކްސްޕޯޓް ކުރެވޭނީ ގާނޫނުގެ ދަށުން އެކުލަވާލާ ގަވާއިދުގައި ބަޔާންކުރާ ގޮތަށް ކެމިކަލް ވެޕަންސް ޔުނިޓުން ދޫކުރާ ލައިސަންސް ހޯދައި އެ ލައިސަންސްގައި ބަޔާންކުރާ ޝަރުތުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
އެ ބިލުގެ މަގްސަދު ތަކުގެ ތެރޭގައި ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާއެއް ކަމުގައިވާ، ކޮންވެންޝަން އޮން ދަ ޕްރޮހިބިޝަން އޮފް ދަ ޑިވެލޮޕްމަންޓް، ޕްރޮޑަކްޝަން، ސްޓޮކްޕައިލިންގ އެންޑް ޔޫސް އޮފް ކެމިކަލް ވެޕަންސް އެންޑް ދެއަރ ޑިސްޓްރަކްޝަން 1993، ގެ ދަށުން ދިވެހިރާއްޖޭގައި ކެމިކަލް ހަތިޔާރު ތައްޔާރުކުރުމާއި، އުފެއްދުމާއި، ރައްކާކުރުމާއި، ބޭނުންކުރުން މަނާކުރުމާއި، އެތަކެތި ނައްތާލުމުގައި ޢަމަލުކުރަންޖެހޭ އުސޫލުތައް ކަނޑައެޅުން ހިމެނެއެވެ.
ބިލަށް އަމަލުކުރަން ފަށާތާ ހަ މަސް ދުވަހުގެ ތެރޭގައި ބިލުގައި ބަޔާންކޮށްފައިވާ ޤަވާޢިދުތައް ކެމިކަލް ވެޕަންސް ޔުނިޓުން ހަދައި ޝާއިޢުކުރަންޖެހޭނެއެވެ.
މި ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ.