މަޝްވަރާ މަޖިލިހުގައި ތިބެންޖެހޭނީ ކޮންކަހަލަ ބައެއް؟

ރައްޔިތުންގެ މަޖިލިސްގެ އިމާރާތް --- ފޮޓޯ/ ކަޔަކް.ކޮމް

މަޝްވަރާގެ މަތިން ކަންކަން ކުރުމަކީ އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވާ ވަރަށް މަތިވެރި މަބްދައު (ޕްރިންސިޕްލް) އެކެވެ. ކަންކަމާމެދު މީސްތަކުންނާ މަޝްވަރާކުރެއްވުމަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ﷲ އަންގަވާފައިވެއެވެ. އެކަލާނގެ ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ. "އަދި ކަންތަކުގައި ކަލޭގެފާނު އެމީހުންނާ މަޝްވަރާ ކުރައްވާށެވެ!"(އާލުޢިމްރާނު: 159) އެކަލޭގެފާނަކީ ﷲ ގެ ހަޟުރަތުން ވަޙީ ލިބިވަޑައިގަންނަވާ ބޭފުޅެކެވެ. އެހެންކަމާއެކުވެސް ކަންކަމާމެދު މީސްތަކުންނާ މަޝްވަރާ ކުރެއްވުމަށް އެވަނީ އަންގަވާފައެވެ. އެ އަމުރުފުޅާ އެއްގޮތަށް އިތުރު އެކަލޭގެފާނު އެންމެ ފުރިހަމަ ގޮތުގައި މަޝްވަރާގެ މަބްދައުއަށް އަމަލުފުޅު ކުރެއްވިއެވެ. ޖަމާއަތާ ގުޅުން ހުރި ކަންތައްތައް ނިންމެވުމުގައި އަޞްޙާބުންގެ މަޝްވަރާ ހޯއްދެވިއެވެ. ވީއިރު އަހުރެމެން އާއްމު އިންސާނުން ކަންކަމާމެދު މަޝްވަރާކޮށް ގޮތް ނިންމުން މާބޮޑަށް އައުލާވެގެންވެއެވެ.

މާތްالله ވަޙީކުރައްވާފައިވެއެވެ. (وَالَّذِينَ اسْتَجَابُوا لِرَبِّهِمْ وَأَقَامُوا الصَّلَاةَ وَأَمْرُهُمْ شُورَىٰ بَيْنَهُمْ)(އައްޝޫރާ: 38) "އަދި އެއުރެންނީ، އެއުރެންގެ ވެރިރަސްކަލާނގެއަށް އިޖާބަދީ، އަދި ނަމާދު ޤާއިމުކުރިމީހުންނެވެ. އަދި އެއުރެންގެ ކަންތައްތައް، އެއުރެންގެ މެދުގައިވަނީ މަޝްވަރާގެ މަތިންނެވެ." ޝޫރާ ނުވަތަ މަޝްވަރާއަކީ ކަމެއްގެ އެންމެ ރަނގަޅުގޮތް ދެނެގަތުމަށްޓަކައި އެކަމަކާމެދު އަނެކާގެ ރައުޔު ހޯދުމެވެ. އިސްލާމީ ވެރިކަމުގެ ނިޒާމެއްގައި ޝޫރާއަކީ ވާޖިބެއްކަން ބަޔާންކުރައްވަމުން އިބުނު ޢަޠިއްޔާ ވިދާޅުވެފައިވެއެވެ. ޝޫރާއަކީ އިސްލާމީ ޝަރީޢަތުގެ މަބްދައު އެކެވެ. އަދި އެއީ މުސްލިމުންގެ މެދުގައި އެކުލަވައިލެވޭ ޤާނޫނުތަކުގެ އަސާސެވެ. އެހެންކަމުން، (ފަންނީ) ޢިލްމުގެ އަހުލުވެރިންނާއި ދީނީ ޢިލްމުވެރިންނާ މަޝްވަރާނުކުރާ ވެރިމީހާ މަޤާމުން ދުރުކުރުން ވާޖިބުވެގެންވާކަމާމެދު ޢިލްމުވެރިންގެމެދުގައި ޚިލާފެއްނެތެވެ.

އިސްލާމީ ދައުލަތެއްގައި އޮންނަ މަޝްވަރާ މަޖިލިހުގެ މެންބަރުންގެ ކިބައިގައި ހުންނަންޖެހޭނެ ސިފަތައް ބަޔާންކުރައްވައި، އަލްއިމާމުލްބުޚާރީ ވިދާޅުވެފައިވެއެވެ. ރަސޫލުالله ޞައްލަالله ޢަލައިހި ވަސައްލަމަ އަށްފަހުގައި ވަޑައިގެންނެވި އިމާމުން އެންމެހައި ހެޔޮކަންކަމުގައި މަޝްވަރާކުރެއްވީ ޢިލްމުގެ އަހުލުވެރިންގެ ތެރެއިންވެސް އެންމެ އަމާނާތްތެރި މީހުންނާއެވެ. ސުފިޔާނުއްޘައުރީ ވިދާޅުވިއެވެ. ތިބާ އެބަޔަކާ މަޝްވަރާކުރާނަމަ ތަޤުވާވެރި، އަމާނާތްތެރި، އަދި الله ތަޢާލާއަށް ބިރުވެތިވާމީހުންނާ މަޝްވަރާކުރާހުށިކަމެވެ. އިބުނު ތައިމިއްޔާ ވިދާޅުވެފައިވެއެވެ. ކިތަންމެ ވިސްނުންތޫނު ތަޖުރިބާހުރި އަދި މީސްތަކުންގެ ކަންތައްތައް ރަނގަޅަށް ދަންނަމީހެއްނަމަވެސް، އޭނާގެ ދީނީ ކަންތައްތަކާމެދު ބޮޑުއިތުބާރެއްނެތްނަމަ އެފަދަމީހަކާ ތިމަންމެން މަޝްވަރާއެއްނުކުރަމުއެވެ.

ޖަމާއަތާ ގުޅޭ ކަންކަމުގައި، ބުނެވި ދިޔަ ޝަރުތުތައް ފުރިހަމަވާ މީހާގެ ފަރާތުން ލިބޭނީ ހެޔޮ މަޝްވަރާއެވެ. ހަވާ ނަފުސުގެ ނުބައި ގޮވުންތަކުން އެއްކިބާވެގެންވާ، ގިނަމީހުންނަށް އެންމެ ފައިދާކުރަނިވި މަޝްވަރާއެވެ. ފާޅުކުރާ ރައުޔުގެ ސަބަބުން ފަހަރެއްގައި "ތިމާއަށް އެންމެ ރަނގަޅުނޫން" ގޮތެއް މެދުވެރިވިނަމަވެސް، ޖަމާޢަތުގެ މަސްލަހަތަށް އިސްކަން ދިނުމުގެ ހިތްވަރު އެފަދަ މީހާގެ ހުންނާނެއެވެ. މިއާ ޚިލާފަށް، އެ ޝަރުތުތައް ފުރިހަމަނުވާ މީހާ ދޭ މަޝްވަރާ އާއްމުގޮތެއްގައި ބުރަވާނީ އޭނާގެ އަމިއްލަ ނަފުސުގެ ހެވަށެވެ. ނުވަތަ އޭނާއަށް ވާގިވެރިވާ ކޮންމެވެސް މީހެއްގެ މަސްލަހަތާ އެއްގޮތަށެވެ.

ދައުލަތެއްގެ ނިސްބަތުގައި، މަޝްވަރާއަކީ އޭގެ ދާއިރާ ފުޅާވެގެންވާ، އެންމެހައި ރައްޔިތުންގެ މަސްލަހަތު އޭގައި ހިމެނޭ ޚުޠޫރަތްތެރި (ސީރިޔަސް) ކަމެއްކަމުގައި ޢިލްމުވެރިން ބަޔާންކުރައްވައެވެ. ޝޫރާއާބެހޭގޮތުން އައިސްފައިވާ (وَأَمْرُهُمْ شُورَىٰ بَيْنَهُمْ) މިއާޔަތުގައިއެވާ "أَمْرُ" ގެ މާނައަކީ އެކަމަކާމެދު ޝަރީޢަތުގައި ނައްޞެއް އައިސްފައިނުވާ އެންމެހައި ކަންތައްތަކެވެ. ޤުރުއާނުން ނުވަތަ ސުންނަތުން ނުވަތަ އިޖުމާޢު ނުވަތަ ޤިޔާސުން ވަކި ގޮތެއް ކަނޑައަޅުއްވާފައިވާ ކަމަކާމެދު މަޝްވަރާ ކުރުމެއް ނެތެވެ. އަދި "أَمْرُهُمْ" އޭ އޮތުމުން އެއީ ގިނަބައެއްގެ ކަންތައްތަކާ ގުޅިފައިވާ އާއްމު ޙުކުމެއްކަން އެނގެއެވެ. އެހެންކަމުން އެއާޔަތުގައި އަންގަވާފައި އެވަނީ އުއްމަތުގެ އެންމެންގެ މަސްލަހަތު ހިމެނޭ، ޝަރީޢަތުގައި ނައްޞެއް އައިސްފައިނުވާ އެންމެހައި ކަންތައްތަކާމެދުގައި މަޝްވަރާކުރުން ވަލިއްޔުލްއަމްރަށް ވާޖިބުކަމުގެ ވާހަކައެވެ.

ޚުލާޞާ:

ޝޫރާގެ މަބްދައުއަކީ އިސްލާމީ ވެރިކަމެއްގައި ދޫކޮށްނުލެވޭނެ އަސާސެކެވެ. އެކަމަކާމެދު ޝަރީޢަތުގައި ނައްޞެއް އައިސްފައިނުވާ އެންމެހައި ކަންކަމުގައި މަޝްވަރާކޮށް، ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތެއް ކަނޑައެޅުމަކީ ވަލިއްޔުލްއަމްރުގެ މައްޗަށް ލާޒިމުވެގެންވާ ކަމެކެވެ. މަޝްވަރާ މަޖިލިހުގެ މެންބަރުންގެގޮތުގައި ފަންނީ ޢިލްމުތަކުގެ އަހުލުވެރިންނާއި، ދީނީ ޢިލްމުވެރިން ތިބެންޖެހޭނެއެވެ. އަދި އެބައިމީހުންނަނީ ޢިލްމުގެ އަހުލުވެރިންގެތެރެއިންވެސް އަމާނާތްތެރި، ތަޤުވާވެރި، الله އަށް ބިރުވެތިވާ ބަޔަކަށް ވާންޖެހޭނެއެވެ. މި ޝަރުތުތައް ފުރިހަމަނުވާ މީހުން ދޭ މަޝްވަރާއިން ލިބޭ ފައިދާއަށްވުރެ ގެއްލުން ބޮޑުވާނެއެވެ! ވީމާ މަޝްވަރާ މަޖިލިހަށް މީހުން ހޮވާއިރު މިކަމަށް ސަމާލުކަން ދިނުމަކީ ކޮންމެހެން ކުރާންޖެހޭނެ ކަމެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް