ވޯލްޑް ބޮޑީބިލްޑިން މުބާރާތުގައި ބައިވެރިވި ރާއްޖޭގެ ޓީމު މާލެ އައުމުން ހޫނު މަރުހަބާއެއް ކިޔައިފި

ވޯލްޑް ބޮޑީބިލްޑިން މުބާރާތުގައި ބައިވެރިވި އެތުލީޓުން މާލެ އައުމުން މަރުހަބާ ކިޔުމަށް ބޭއްވި ހަފްލާގެ ތެރެއިން--- ފޮޓޯ ސަން ސާތިއު

ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕުގައި ވާދަކޮށް، ވަނަތައް ހޯދި އެތްލީޓުން މާލެ އައުމުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

ތައިލެންޑްގައި ބޭއްވި އެ މުބާރާތުގައި ވާދަކުރި އެތުލީޓުން މާލެ އައުމުން، އެތްލީޓުންނަށް މަރުހަބާ ވިދާޅުވީ، ޓޫރިޒަމް މިނިސްޓަރު ޑރ. ޢަބްދުﷲ މައުސޫމެވެ. މީގެ އިތުރުން ސަރުކާރުގެ ބައެއް މިނިސްޓްރީތަކުގެ ބޭފުޅުންނާއި، ބޮޑީ ބިލްޑިން އެސޯސިއެޝަނުގެ އިތުރުން އެތްލީޓުންގެ އާއިލާގެ މެމްބަރުން ވަނީ ރަސްމީ ފާލަންދޮށުން އެތްލީޓުންނަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

ވޯލްޑް ބޮޑީބިލްޑިން މުބާރާތުގައި ބައިވެރިވި އެތުލީޓުން މާލެ އައުމުން މަރުހަބާ ކިޔުމަށް ބޭއްވި ހަފްލާގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕުގައި ވާދަކުރި އެތްލީޓުންނަށް މަރުހަބާކިޔުމަށް ރަސްމީ ފާލަންކައިރި ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމް ވިދާޅުވީ، ބޮޑީބިލްޑިން ޓީމް ހޯދި ކާމިޔާބުން ދޭހަކޮށްދެނީ ރާއްޖެ ކިތަންމެ ކުޑަނަމަވެސް މިފަދަ މުބާރާތްތަކުން ކާމިޔާބު ހޯދާނޭކަން ކަމަށެވެ.

މިނިސްޓަރު މައުސޫމް ވިދާޅުވީ، މުބާރާތުން ލިބުނު ކާމިޔާބާއެކު، މި ދާއިރާއިން އިތުރަށް ތަމްރީނުވުމަށް އެތްލީޓުންނަށް ފުރުސަތު ތަނަވަސްވެގެން ދާނޭކަމަށާއި، އެތްލީޓުންގެ ކުރިއެރުމަށް ސަރުކާރުގެ ފަރާތުން ކޮށްދޭންޖެހޭ މަސައްކަތްތައް ކޮށްދޭނޭކަމަށެވެ.

ވޯލްޑް ބޮޑީބިލްޑިން މުބާރާތުގައި ބައިވެރިވި އެތުލީޓުން މާލެ އައުމުން މަރުހަބާ ކިޔުމަށް ބޭއްވި ހަފްލާގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

ތައިލެންޑްގައި މިމަހުގެ 6 އިން 12 އަށް ކުރިއަށްދިޔަ މި މުބާރާތުގައި ރާއްޖޭގެ ހަތް އެތްލީޓަކު ވަނީ ވާދަކޮށްފައެވެ. މީގެ ތެރެއިން އަޒުނީން ރަޝާދު ވަނީ ފިރިހެނުންގެ ސްޕޯޓްސް ފީޒީކް 170 ސެންޓްމީޓަރުގެ ކެޓަގަރީން ރަންމެޑަލް ހޯދާފައެވެ. މުބާރާތުގެ 55 ކިލޯގެ ކެޓަގަރީން މުހައްމަދު މޫސާ، ވަނީ ރިހިމެޑަލް ހޯދާފައެވެ. ޢަބްދުﷲ އަހުސަން ބްރޯންޒް މެޑަލް ހޯދިއިރު، ފަތުހުﷲ މުހައްމަދު، ހުސައިން ހިމްޔާން، މުހައްމަދު ޔާމީންވެސް ވަނީ ބްރޯންޒް މެޑަލް ހޯދާފައެވެ.

ވޯލްޑް ބޮޑީބިލްޑިން މުބާރާތުގައި ބައިވެރިވި އެތުލީޓުން މާލެ އައުމުން މަރުހަބާ ކިޔުމަށް ބޭއްވި ހަފްލާގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

މިއީ އިންޓަނޭޝަނަލް ބޮޑީބިލްޑިން މުބާރާތެއްގައި ރާއްޖޭގެ އެތްލީޓުންތަކެއް އެންމެގިނަ މެޑަލް ހޯދައިގެން ރާއްޖެއައި ފުރަތަމަ ފަހަރެވެ. މީގެ އިތުރުން މިފަހަރު ހިމެނިފައިވަނީ ހެވީވެއިޓް ކެޓަގަރީގައި ބައިވެރިވެ އެތްލީޓަކު ފުރަތަމަ ފަހަރަށް ރާއްޖެއަށް މެޑައްޔެއް ހޯދި ފުރަތަމަ ފަހަރެވެ.

comment ކޮމެންޓް