ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބީޗުގައި ވީލްޗެއާ ރޭމްޕް ގާއިމްކުރަނީ

ބްލޮކް އެޅުމުގެ 80 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް އެޗްޑީސީން ބުނޭ--- ފޮޓޯ/ އެޗްޑީސީ

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދިމާވާ ދަތިތައް ހައްލުކޮށްދިނުމަށް އެޗްޑީސީއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބީޗުގައި ވީލްޗެއާ ރޭމްޕް ގާއިމްކުރަން ނިންމައިފިއެވެ.

އެޗްޑީސީން ބުނީ، ހިޔާ ފުލެޓު ކައިރީ އޮންނަ ބީޗް ސަރަހައްދުގައި ވީލްޗެއާ ރޭމްޕް ގާއިމްކުރުމުގެ މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށް ދަނީ ރޭމްޕްތަކުގެ ބްލޮކް އެޅުމުގެ މަސައްކަތް ކަމަށެވެ. އެގޮތުން މިހާރު ބްލޮކް އެޅުމުގެ 80 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.

އެޗްޑީސީއިން ބުނީ ރޭމްޕް ބެހެއްޓުމުގެ އެންމެ ބޮޑު އެއް މަގުސަދަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މޫދަށް އެރުމަށާއި ބީޗު ސަރަހައްދު ބޭނުން ކުރުމަށް ފަސޭހަކޮށްދިނުން ކަމަށެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހުރި ދަތިތައް ހައްލުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ވީލްޗެއާ ރޭމްޕްތައް ގާއިމު ކުރާނެ ގޮތުގެ ކުރެހުމެއް -- ފޮޓޯ/ އެޗްޑީސީ

ހުޅުމާލެ ދެވަނަ ފިޔަވަހީގައި މީހުން އާބާދުވުމާއެކު އެ ސަރަހައްދަށް ޒިޔާރާތްކުރާ މީހުން ދަނީ ގިނަވަމުންނެވެ.

"މި ސަރަހައްދުގައި ގާއިމު ކުރާ ވީލްޗެއާ ރޭމްޕްގެ އެންމެ ފަހުގެ މަސައްކަތް ކުރިއަށްދާއިރު މި ރޭމްޕް ޑިސެމްބަރު މަހުގެ ފަހުކޮޅުގައި ބޭނުން ކުރެވިގެންދާނެ،" އެޗްޑީސީން ބުންޏެވެ.

އެޗްޑީސީއިން ބުނީ ނުކުޅުންތެރިކަން ހުންނަ މީހުންނަށް އެ މީހުންގެ ހައްގު ކަށަވަރުކޮށް، އަބުރުވެރި ދިރިއުޅުމެއް ހޯދައިދިނުމަކީ މުހިންމު ކަމަކަށް ވާއިރު އެ ކޯޕަރޭޝަނުން އަބަދުވެސް އެ މީހުންނަށް ބޭނުންވާ ކަންކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މިހާރުވެސް ހުޅުމާލޭގެ އެކި ސަރަހައްދުތަކާއި ހިޔާ ފުލެޓުގައި ވެސް ވީލްޗެއާ ރޭމްޕްތައް ގާއިމުކޮށްފައިވާ ކަން އެޗްޑީސީއިން ފާހަގަކުރެއެވެ.

comment ކޮމެންޓް