ދުނިޔޭގެ ނިސްބަތުން ބެލިޔަސް މާލެއަކީ ބައިބޯ ރަށެކެވެ. ކުދިކުދި ތަންކޮޅުކޮޅުގައި ގިނަ ބަޔަކު ދިރިއުޅެންޖެހުމުގެ ސަބަބުން ތޮއްޖެހިފައިވާ ރަށެކެވެ.
މީހުންނާއި ދުއްވާ އެއްޗެހިން ފުރިބާރުވެފައި އޮތް މި މާލޭ ސަރަހައްދަށް ބަލައިލިޔަސް ބާރަށް ދުއްވައިގެން ހިނގާ ނުރައްކާތެރި އެކްސިޑެންޓުތަކުގެ އަދަދު އެހެރަގެން އަންނަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. އެކްސިޑެންޓް ތަކުގައި މީހުން މަރުވުމާއި ނުކުޅެދޭ ހާލަތަށް މީހުން ދާ އަދަދު ވެސް ހަމަ އެފަދައިން އަންނަނީ ގިނަ ވަމުންނެވެ.
މި ހަގީގަތް މިހެން އޮއްވައި ގަވާއިދާ ޚިލާފަށް ރަށު ތެރޭގައި ވެހިކަލް ދުއްވާ ދިވެހީންގެ ތެރެއަށް މުޅީން އައު ބަޔަކު އަނެއްވާ ވެސް މި އުފަންވީއެވެ. އެއީ ރާއްޖޭގައި އުޅޭ ބިދޭސީންނެވެ. ބާރަށް ދުއްވުމުގައި އެމީހުން ވެސް މިހާރު ދިވެހީންނަށް ވަކިން ދުލެއް ނުކުރެއެވެ.
ވާނީވެސް އެހެންނެވެ. އިތުރު ބަޔަކަށް ލިބިދާނެ ގެއްލުމަކަށް ފަރުވާލެއް ނުބަހައްޓާ ހިތަށް އެރިހާ ގޮތަކަށް ރަށުތެރޭގައި ބަޔަކު ދުއްވާ މަންޒަރު އެމީހުންގެ ލޯ ކުރިމަތިން ކޮންމެ ދުވަހު އެދަނީ ފެންނަމުންނެވެ.
މި ގައުމުން މިއަދު ފެންނަނީ އަހަރެމެން ދެއްކި ނަމޫނާގެ ހިޔަނި، ބިދޭސީންގެ ކިބައިން ފައުޅު ވަމުން އަންނަ މަންޒަރެވެ. މިހާރު މިވާހަކަ ދެއްކުމުގެ ބޭނުމެއް އެބަ އޮތް ހެއްޔެވެ؟
މަތަ ނުވާ ވަރަށް އާއްމުކޮށް ދުއްވަނީ ޑެލިވަރީ ކުރާ ބިދޭސީންނާއި ދިވެހި ޒުވާނުން!
ދިވެހީންނަށް ބަލާއިރު ބާރު ސްޕީޑުގައި ސައިކަލާއި ކާރުފަދަ އުޅަނދު އާއްމުކޮށް ދުއްވައި އުޅެނީ ޒުވާނުންނެވެ. އެފަދަ ދުއްވުންތަކުގެ ސަބަބުން ނުރައްކާތެރި އެތައް ހާދިސާއެއް ހިނގައި އެތައް ބައެއްގެ ފުރާނަ ގެއްލިފައިއެބަވެއެވެ.
ބިދޭސީން، ބާރު ސްޕީޑުގައި ކޮޅުކޮޅަށް އަވަސް އަރުވާލައިގެން އެ ދުއްވަނީ ކޮންތާކަށް ދާންތޯ ދެނެގަތުމަށް މާލޭ ސަރަހައްދުގައި "ސަން" އިން މަސް ދުވަހުގެ ދިރާސާއެއް ކުރީމެވެ.
މި ދިރާސާގައި ފާހަގަ ކުރެވުނު އެއްކަމަކީ ކައިބޯތަކެތި ޑެލިވަރީ ކުރާ ބިދޭސީން ރަށުތެރޭގައި ސްޕީޑް ލިމިޓަށްވުރެ ބާރަށް އާއްމުކޮށް ދުއްވާ ކަމެވެ. މިމީހުންގެ ތެރެއިން ވެސް ޕިއްޒާ ޑެލިވަރީ ކުރާ ބިދޭސީން، ގިނަ ފަހަރަށް ދުއްވަނީ މީހުންގެ ހިތަށް ބިރުވެރިކަން ވަންނަ ގޮތްގޮތަށް ބާރު ސްޕީޑުގައެވެ.
ތިރީސް ދުވަހުގެ ދިރާސާގައި ޑެލިވަރީތަކުގައި އުޅޭ 300އެއްހާ ބިދޭސީންގެ ދުއްވުންތައް ބެލީމެވެ. އެއީ ދުވާލަކު 10 މީހުންނެވެ.
އެ އަދަދުގެ ތެރެއިން 270 މީހުން ދުއްވި ކަމަށް ފާހަގަ ކުރެވުނީ އެވްރެޖު ގޮތެއްގައި ސްޕީޑު ލިމިޓަށްވުރެ ބާރަށެވެ. އެއީ ދުއްވި މީހުންގެ 90 އިންސައްތައެވެ. މިމީހުން ދުއްވި ކަމަށް ބެލެވެނީ އާއްމުގޮތެއްގައި ގަޑިއަކު 35 ކިލޯމީޓަރު ބާރުމިނުގައެވެ. އަދި އެ އަދަދުގެ ތެރެއިން 10 އިންސައްތަ މީހުން ދުއްވި ކަމަށް ފާހަގަ ކުރެވުނީ ގަޑިއަކު 40 ކިލޯމީޓަރު ބާރުމިނުގައެވެ.

ޕިއްޒާ ޑެލިވަރީ ކުރާ ބިދޭއަކު އެއްއަތުން ކަންފަތުގައި ފޯނު ޖައްސާލައިގެން އިނދެ ސިގްނަލް ދިނުމެއް ނެތި ގޯޅި އަޅަނީ -- ސަން ފޮޓޯ
މަތަ ނުވާ ވަރަށް ދުއްވާ މިފަދަ ދުއްވުންތަކުގައި އެކްސިޑެންޓެއް ހިނގައި މީހަކަށް ކޮންމެ ދުވަހަކު އަނިޔާއެއް ނުވިޔެއް ކަމަކު، މިއީ ރަށުތެރޭގައި ދުއްވަން ހުއްދަ ދީފައި އޮންނަ ވަރެއް ނޫނެވެ. އެހެންކަމުން ވެހިކަލް އެ ދުއްވަނީ ޓްރެފިކް ގަވާއިދާ ކަނޑައެޅިގެން ޚިލާފަށެވެ.
"ޕިއްޒާ ހިފައިގެން އެ ދާއިރު ސުކޫލްތަކުން ކުދިން ނިމޭ ގަޑިއެއް އެހެން ގަޑިއެއް ނުބަލާނެ. ފައިބައިގެން ދާއިރު ހީވާނީ އެހެން ފަދަ ކަމެއް ލައިގަނެގެން އުޅޭހެން. މަ ހިތަށް އަރާ އެހާ ބާރަށް އެ ދުއްވަނީ ކޮންތާކަށް ނުދެވިގެންބާއޭ. މި މާލޭގަ ދިހަ މެނެޓުން ނުދެވޭ ތަނެއް ނޯންނާނެވިއްޔަ،" ދަރިފުޅު ބަލާ ސްކޫލް ދޮށަށް ގޮސްހުރި މެދު އުމުރުގެ އަންހެނަކު ބުންޏެވެ.
އަންހެން މީހާ އެ ކިޔައިދިނީ ތެދު ވާހަކައެކެވެ. ޕިއްޒާ ޑެލިވަރީ ކޮއްދޭ ސައިކަލްތަކުގެ ފަހަތުގައި ބޮޑު ފޮއްޓެއް ހަރުކޮށްގެން ރަށުތެރޭގައި ބާރަށް ދުއްވާފައި އެ ދާއިރު މަތަ ނުވެގެން ގޮސް ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ މީހަކަށް އަނިޔާއެއް ލިބުން އޮންނާނީ ދާދި ގާތުގައެވެ. މިއީ އާއްމުންނަށް އޮތް ކިހާ ބޮޑު ބިރެއްތޯއެވެ.

ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ހިނގި އޮޕަރޭޝަނެއްގެ ތެރެއިން -- ސަން ފައިލް ފޮޓޯ
ޓްރެފިކް ގަވާއިދާ ޚިލާފުވާ ބިދޭސީން ވެސް އެހާ ގިނަ!
ފުލުހުން "ސަން"އާއި ހިއްސާކޮށްފައިވާ ތަފާސް ހިސާބަށް ބަލާއިރު މާލެ އަދި ހުޅުމާލެ ސަރަހައްދުގައި ބިދޭސީން ޓްރެފިކް ގަވައިދުތަކާއި ޚިލާފުވުން ކަންބޮޑުވާންޖެހޭ މިންވަރެއްގައި އޮތްކަން ފާހަގަ ކުރެވެއެވެ.
މި ތަފާސްހިސާބުތަކަށް ބަލާއިރު 2020 ވަނަ އަހަރުގެ ޖެނުއަރީ އެކަކުން ފެށިގެން 2022ގެ ނޮވެމްބަރު މަހުގެ 30ގެ ނިޔަލަށް ޖުމްލަ 7956 ފަހަރެއްގެ މަތީން ޓްރެފިކް ގަވާއިދުތަކާއި ޚިލާފުވެގެން ބިދޭސީން ޖޫރިމަނާ ކުރެވިފައިވެއެވެ.
އެހެންކަމުން އެވަރެޖްކޮށް ބަލާއިރު ކޮންމެ ދެ ދުވަހަކުން 15 މީހުން، ނުވަތަ މަހަކު 225 ހަކަށް މީހުންނަށް މިވަނީ ޓްރެފިކް ގަވާއިދު ތަކާއި ޚިލާފުވުގެ ސަބަބުން ފިޔަވަޅު އަޅާފައެވެ. މީގެ ތެރެއިން އެންމެ ގިނަ ބިދޭސީން ޖޫރިމަނާ ކުރެވިފައިވަނީ އެ ގިންތިއެއްގެ އުޅަނދު ދުއްވުމުގެ ލައިސަންސް ނެތި އުޅަނދު ދުއްވައިގެން ނުވަތަ އުޅަނދު ބޭނުންކޮށްގެންނެވެ.
މީގެ ތެރޭގައި ހިމެނެނީ 2742 މީހުންނެވެ. މިއީ އެވްރެޖްކޮށް ބަލާއިރު ކޮންމެ ދެ ދުވަހަކުން ފަސް މީހުންނެވެ.
ދެވަނައަށް އެންމެ ގިނަ މީހުން ޖޫރިމަނާ ކުރެވިފައިވަނީ ކަނޑައެޅިފައިވާ ދުވެއްޔަށްވުރެ، ބާރަށް ދުއްވައިގެންނެވެ.
ބާރަށް ދުއްވައިގެން އެވަރެޖް ގޮތެއްގައި މަހަކު 20ށް ވުރެ ގިނަ މީހުން ވަނީ ޖޫރިމަނާ ކުރެވިފައެވެ. ސްޕީޑް ލިމިޓަށްވުރެ ބާރަށް ދުއްވުމުގެ ސަބަބުން މި މުއްދަތުގެ ތެރޭގައި ޖޫރިމަނާ ކުރި ޖުމްލަ އަދަދަކީ 830އެވެ.
މި މައްސަލަތަކުގެ އިތުރުން ޓްރެފިކާއި ގުޅުންހުރި ތަފާތު އެހެނިހެން މައްސަލަތަކުގައި ޖުމުލަ 3982 ފަހަރެއްގެ މަތީން ބިދޭސީން ޖޫރިމަނާ ކުރެވިފައިވެއެވެ.
މިއީވެސް އެވަރެޖްކޮށް ބަލާއިރު ދުވާލަކު ތިން މީހުންނަށްވުރެ އިތުރު އަދަދެކެވެ.
މި އަދަދު ތަކުގެ ތެރެއިން މި މުއްދަތުގައި ބިދޭސީންގެ ވެހިކަލް ޓޯ ކުރެވުނު އަދަދާއި ލައިސަންސް ހިފެހެއްޓުނު އަދަދާއި ނަސޭހަތް ދެވުނު އަދަދު ނުހިމެނެވެ. މި އަދަދު ވެސް އުޅެނީ 500އަށް ވުރެ މަތީގައެވެ.
ބިދޭސީން ރަށު ތެރޭގައި ބާރަށް ދުއްވާ މައްސަލައިގައި ޚިޔާލު ފައުޅު ކުރި މަދު ބަޔަކު ބުނާ ގޮތުގައި އެމީހުން ދުއްވާ ބައެއް ވެހިކަލްތަކުގައި "ބުރައްކެތް ނުހިފެ" އެވެ. އެމީހުން ދުއްވަނީ އެހާ ވެސް ބާރަށެވެ. އެތެރޭގެ މަގުމަތަކާއި ގޯޅިތަކުން ވެސް ރޭގަނޑުގެ ވަގުތުތަކުގައި ވަރަށް ބާރަށް ދުއްވާ ކަމުގެ ޝަކުވާ އެމީހުން ކުރިއެވެ.

ތިލަފުށީގައި ބިދޭސީން ކުރި އިހުތިޖާޖެއްގެ ތެރެއިން -- ސަން ފައިލް ފޮޓޯ
ބާރަށް ދުއްވައިގެން ރާއްޖޭގައި ހިނގާ އެކްސިޑެންޓްތަކުގައި މީހުން މަރުވާ މައްސަލައިގެ ކަންބޮޑުވުން ފައުޅުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ކުރެއްވި ޓްވީޓެއްގައި ވަނީ މަގުމަތީގައި ބާރަށް ދުއްވާ މީހުން ހުއްޓުވުމަށް ފުލުހުން އެކަށީގެންވާ ގޮތެއްގައި މަސައްކަތްކުރާ ތަނެއް ނުފެންނަކަން ފާހަގަ ކުރައްވާފައެވެ.
އޭނާ ވިދާޅުވީ ލައިސަންސް އޮތަސް ނެތަސް ފުލުހުން ގަވާއިދާ ޚިލާފަށް ބާރަށް ދުއްވާ މީހުން ހުއްޓުވުމުގެ ބަދަލުގައި، ހަވީރު ފިންޏަށް ދުއްވާފައިދާ ދެމަފިރިން ހުއްޓުވައި ޗެކްކުރާލެއް ގިނަކަން އޭނާއަށް ފާހަގަކުރެއްވޭ ކަމަށެވެ. އަދި ވިދާޅުވީ ނުރައްކާތެރިކޮށް ދުއްވުން ހުއްޓުވައިގެން އެންމެން ރައްކާތެރިކުރަންޖެހޭ ކަމަށެވެ.
މާލޭ ސަރަހައްދުގައި ބާރަށް ދުއްވާ މައްސަލައިގެ ކަންބޮޑުވުން ފައުޅުކުރި މީހުންގެ ވާހަކައިގައި ކުޑަ ތަފާތެއް ހުއްޓަސް އިންތިގެ ވާހަކައާއި ވަރަށް އެއްގޮތެވެ.
އޭގެ ތެރެއިން މީހަކު ބުނި ގޮތުގައި ދުނިޔޭގެ އެއްވެސް ގައުމެއްގައި ހެދިފައި ހުންނަ ގާނޫނުތަކާއި ގަވާއިދުތަކަށް ޢަމަލު ނުކޮށް އެމީހަކު ބޭނުންހާ ގޮތަކަށް ނޫޅެވޭނެއެވެ. ޓްރެފިކް ފުލުހުންގެ ކުރިމަތިން ބާރު ސްޕީޑުގައި ވެހިކަލް ދުއްވާ މީހުން އުޅޭ ގައުމެއް މި ރާއްޖެ ނޫނީ ނޯންނާނެއެވެ.
ފުލުހުންގެ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ މަގުމަތީގައި ބާރަށް ވެހިކަލް ދުއްވާ ފަރާތްތަކާމެދު ފުލުހުން ފިޔަވަޅު އަޅައި ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ޓްރެފިކް ގާނޫނާއި ގަވައިދަކީ ބަދަލުވަމުންދާ ހާލަތްތަކަށް ރިއާޔަތްކޮށް ބައްޓަން ކުރަންޖެހޭ އެއްޗެކެވެ. ބާރަށް ދުއްވާ މައްސަލައަކީ ހަރުކަށި އަދަބު ދީގެން ހައްލު ކުރެވޭނެ ކަމެއް ނޫނެވެ. އޭގެ ބަދަލުގައި ކޮންމެ މީހަކުމެ، އެމީހެއްގެ ކޮނޑުގައި އެޅިފައިވާ ފަރުދީ ޒިންމާ އަދާ ކުރުމުން އެ ފުދުނީއެވެ.
"ކަނޑައެޅިފައިވާ ސްޕީޑް ލިމިޓަށްވުރެ ބާރަށް ރަށު ތެރޭގައި ދުއްވާ މީހުން ހުއްޓުވުމަށް ފުލުހުން ހައިބަނޑާ ތިބެގެން މަސައްކަތް ކުރާ އިރު ވެސް އެކަމަށް އެދެވޭ ހައްލު ލިބޭ މަންޒަރެއް ނުފެނެ. މިއީ ވަރަށް ހިމާތަހުރި ކަމެއް. އަނެއްކާ މީގެ ތެރެއަށް ބިދޭސީން އިތުރުވުމަކީ ކަންބޮޑުވުމެއް،" އޮފިޝަލް ވިދާޅުވިއެވެ.
ރާއްޖޭގައި މަސައްކަތް ކުރަން އައިސްގެން އުޅޭ ބިދޭސީން ވެސް ދިވެހިން ގޮތަށް ގާނޫނާއި ގަވާއިދަށް ހުރުމަތްތެރިކޮށް ނުހިތާ ވަރު ފުލުހުންގެ ތަފާސް ހިސާބުތަކުން އެ ހުރީ ސާފުކޮށް ފެންނާށެވެ.
މިދިޔަ ތިން އަހަރު ތެރޭގައި ހަމައެކަނި ޓްރެފިކް ގަވާއިދާ ޚިލާފު ވެގެން ޖުމުލަ 7956 ބިދޭސީންނަށް އެ ވަނީ ފިޔަވަޅު އަޅާފައެވެ.
މާލޭގެ މަގުތަކުގައި ކަނޑައެޅިފައި އޮންނަ ސްޕީޑް ލިމިޓަށް ވުރެ ބާރަށް ދުއްވާ ބިދޭސީން ކަންބޮޑުވާންޖެހޭ ވަރަށް އިތުރުވެފައިވާއިރު މިފަދަ މައްސަލަތަކުގެ އިތުރަށް ގާނޫނީ ބޮޑެތި ކުށްތަކުގައި ހުކުމް ތަމްފީޒު ކުރަމުން އަންނަ ބިދޭސީން ވެސް ޖަލު ތަކުގައި އެބަތިއްބެވެ.
އޭގެތެރޭގައި މީހުން މެރުމުގެ ކުށުގައްޔާއި، ޖިންސީ ގޯނާ ކުރުމާއި މަސްތުވާތަކެތި އެތެރެކޮށްގެން އެތަކެތިން ވިޔަފާރި ކުރުމާއި ގޭންގުތަކާއި ގުޅިގެން މާރާމާރީ ހިންގުމާއި ވައްކަމާއި ފެރުމާ އަދި ކުޑަކުދިންނާ ބެހުމުގެ ކުށުގައި ގިނަ ބިދޭސީން އެބަތިއްބެވެ.
ހުރިހާ ގޮތަކުން ފުރި ބާރުވެފައިވާ މާލޭގައި ދުއްވާ އެއްޗެހި އެތެރެ ކުރާ މިންވަރު ދުވަހެއް ދުވަހަކަށް އިތުރު ވަމުންދާއިރު، އެއާ އެއްވަރަށް ބާރު ދުއްވުންތައް ވެސް ދަނީ ގިނަވަމުންނެވެ.
ބާރަށް ދުއްވައިގެން ހިނގާ އެކްސިޑެންޓްތަކުގައި ނުކުޅެދޭ ހާލު ޖެހިފައިވާ މީހުންނާއި މަރުވާ މީހުންގެ ރޭޓް ވެސް ދަނީ އުފުލެމުންނެވެ. ދުވެލިވެސް މަތައެއް ނުވިއެވެ. ފުރާނައަށް ވެސް ރައްކަލެއް ނެތެވެ.
ބާރަށް އެއްގަމު އުޅަނދު ދުއްވާ މީހުން ގިނަ ވުމުގެ ސަބަބުން އާއްމުންގެ ތެރޭގައި ބިރުވެރިކަން އުފެދިފައިވާ އިރު އެކަން ކުއްވެރި ކުރުން ފިޔަވައި އެކަމާ ކަންބޮޑުވެގެން މީހަކު ވާހަކަދައްކާތީ ވެސް ނުއިވެއެވެ. މިއީ ހިތާމައިގެ ކޮޅުނެތްކޮޅުނޫންތޯއެވެ.