ސަރުކާރުން އޭއީއެޗްގެ ހިންގުމަށް ގެނައި ބަދަލުތަކުގެ ނަތީޖާ ރަނގަޅު: ނައިބު ރައީސް

ނައިބު ރައީސް މިއަދު އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ޒިޔާރަތްކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް

ސަރުކާރުން އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް(އޭއީއެޗް)ގެ ހިންގުމަށް ގެނައި ބަދަލުތަކުގެ ނަތީޖާ ފާއިތުވި ދެ އަހަރުގެ ތެރޭގައި ފެނިގެން ހިނގައްޖެކަމަށް، ނައިބު ރައީސް ފައިސަލް ނަސީމް އިއްޔެ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، އައްޑޫ ސިޓީއާ ފުވައްމުލައް ސިޓީއަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގެ ތެރެއިން، އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް އިއްޔެ ހަވީރު ޒިޔާރަތްކުރައްވައި އެ ހޮސްޕިޓަލްގެ ބޯޑު މެމްބަރުންނާއި، ސީނިއާ މެނޭޖްމެންޓާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މި ބައްދަލުވުމުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، އޭއީއެޗްގެ ދަށުން ސިއްހީމަރުކަޒުތައް ހިންގައި އެތަންތަނުގެ ޚިދުމަތްތައް ފުޅާކުރެވެމުން ދިޔުމަކީ ހޯދެމުން އަންނަ މުހިއްމު ކުރިއެރުންތަކެއްކަން ފާހަގަކުރެއްވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށާއި ޚިދުމަތްތައް ހޯދަން އަންނަ މީހުން ހިތްހަމަޖެހޭފަދަ ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދެވޭތޯ މަސައްކަތްކޮށްދިނުމަށް އެދިވަޑައިގެންނެވިއެވެ.

މިބައްދަލުވުމުގައި، އޭއީއެޗްގެ ސީއީއޯ ޑރ. މުޙައްމަދު ޞާލިޙް ވަނީ، އެ ހޮސްޕިޓަލްގެ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ފާއިތުވި ދެ އަހަރުތެރޭގައި ކުރެވުނު މަސައްކަތްތަކުގެ މައުލޫމާތު ނައިބު ރައީސާ ހިއްސާކުރައްވައިފައެވެ. އަދި އޭއީއެޗްގެ ލެބޯޓްރީއަކީ އައިއެސްއޯ ސެޓިފައިޑް ލެބޯޓްރީއަކަށް ހެދުމުގެ މަސައްކަތްތައް ކުރެވެމުންދާކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން ހޮސްޕިޓަލުން ޚިދުމަތް ހޯދަމުން އަންނަ ފަރާތްތަކަށް ރަނގަޅު ތަޖުރިބާއެއް ކުރެވޭނޭ ގޮތަށް ޚިދުމަތްތައް ބައްޓަންކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ވެސް ހޮސްޕިޓަލްތަކުގެއެކި ޑިޕާޓްމަންޓްތަކުގެ ވެރިން ވަނީ ނައިބު ރައީސަށް ހިއްސާކުރައްވާފައެވެ.

ނައިބު ރައީސް އޭއީއެޗަށް އިއްޔެ ކުރެއްވި ޒިޔާރަތުގައި، ހޮސްޕިޓަލުގެ ޚިދުމަތްތައް ބައްލަވާލައްވައި، ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދެވެމުންދާ ބައެއް ބަލި މީހުންނަށް ޒިޔާރަތްކުރައްވައި ހާލުއަހުވާލު އޮޅުން ފިލުއްވެވިއެވެ.

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި މިވަގުތު ކުރެވެމުން އަންނަ އެންމެ މުހިއްމު މަސައްކަތަކީ، ކެތުލެބް ޤާއިމްކުރުމުގެ މަސައްކަތެވެ. ވަކިބޯޑެއްގެ ދަށުން ހިންގަމުން އަންނަ، އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަކީ، 102 އެނދުގެ ޓާޝަރީ ހޮސްޕިޓަލެކެވެ.

ނައިބު ރައީސްގެ މިދަތުރުފުޅުގައި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ޒިޔާރަތްކުރެއްވުމަށްފަހު ވަނީ، އައްޑު ސިޓީ ފެނަކަ ސެންޓްރަލް ޕަވާ ސްޓޭޝަން އިމާރާތްކުރާ ސައިޓަށް ޒިޔާރަތްކުރައްވައި އެތަނުގެ މަސައްކަތް ހިނގަމުންދާ ގޮތް ބައްލަވާލައްވާފައެވެ.

comment ކޮމެންޓް