އިފްސާގެ އިސްލާމިކް ފައިނޭންސް އެޑިއުކޭޝަން ޕްރޮވައިޑާ އޮފް ދަ އިޔާގެ ރިހި އެވޯޑު އައިޔޫއެމްއަށް

އިފްސާގެ އެވޯޑާ އައިޔޫއެމްއިން ހަވާލުވަނީ-- ފޮޓޯ/އިފްސާ

އިސްލާމިކް ފައިނޭންސް ފޯރަމް އޮފް ސައުތު އޭޝިއާ (އިފްސާ)ގެ އިސްލާމިކް ފައިނޭންސް އެޑިއުކޭޝަން ޕްރޮވައިޑާ އޮފް ދަ އިޔާގެ ރިހި އެވޯޑު ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީއަށް ލިބިއްޖެއެވެ.

އައިޔޫއެމްއަސް މި އެވޯޑު ލިބިފައިވަނީ ކޮލަމްބޯގައި މިދިޔަ ހޯމަދުވަހު ބޭއްވި އިފްސާގެ ހަތް ވަނަ އެވޯޑް ހަފުލާގައެވެ. އައިޔޫއެމްގެ ފަރާތުން މި އެވޯޑާ ހަވާލުވީ، އެ ޔުނިވާސިޓީގެ ޑައިރެކްޓާ އޮފް ޗާންސެލާ ބިއުރޯ މުޙައްމަދު ޔާނިއު ހާޝިމެވެ. މިއީ އައިޔޫއެމްއަށް މި އެވޯޑު ލިބުނު ދެވަނަ ފަހަރެވެ. މީގެ ކުރިން 2017 ވަނަ އަހަރުވެސް އެ ޔުނިވާސިޓީއަށް ވަނީ މި އެވޯޑު ލިބިފައެވެ.

މި އެވޯޑު ލިބުމާ ގުޅިގެން އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް، އައިޔޫއެމްއިން ބުނީ، މިއީ އެ ޔުނިވާސިޓީއަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

އައިޔޫއެމްއިން ކުރިއަށްގެންދާ ތައުލީމީ ޕްރޮގްރާމްތަކަށް ބަލާއިރު، އެ ޔުނިވާސިޓީން އަންނަނީ ޑިޕްލޮމާ އާއި ބެޗްލާސް އާއި މާސްޓާސް ފެންވަރުގެ އިސްލާމިކް ފައިނޭންސް ޕްރޮގްރާމްތައް ހިންގަމުންނެވެ.

ރާއްޖޭގައި އިސްލާމިކް ފައިނޭންސް ފުޅާކުރުމުގެ ގޮތުން ތަފާތު އެކިއެކި ޕްރޮގްރާމުތައް ކުރިއަށްގެންދިއުމުގެ އިތުރުން، އިންޓަނޭޝަނަލް އިސްލާމިކް ފައިނޭންސް އޮންލައިން ލައިބުރަރީ ވަސީލަތްތަކާއެކު އައިޔޫއެމްގައި ވަނީ ބޮޑު ލައިބުރަރީއެއް ގާއިމްކޮށްފައެވެ.

އިސްލާމިކް ފައިނޭންސް ފޯރަމް އޮފް ސައުތު އޭޝިއާ އަކީ ދެކުނު އޭޝިއާގެ ގައުމުތައް އެކުވެގެން އިސްލާމިކް ފައިނޭންސް ފުޅާކޮށް ކުރިއެރުވުމުގެ ގޮތުން 2016 ވަނަ އަހަރު ބާއްވަން ފެށި ފޯރަމެކެވެ. އިސްލާމިކް ފައިނޭންސް ފޯރަމް 2019 ވަނަ އަހަރު ރާއްޖޭގައި ވެސް ވަނީ ބާއްވާފައެވެ.

comment ކޮމެންޓް