ސަރުކާރުން އަމާޒު ހިފާފައިވަނީ 21 ވަނަ ގަރުނަށް ދަރިވަރުން ތައްޔާރުކުރުމަށް: ނައިބު ރައީސް

އިސްކަންދަރު ސްކޫލުގެ "ސްޓެމް ފެއާ 2022" ގައި ނައިބު ރައީސް ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ/ ރައީސް އޮފީސް

ސަރުކާރުގެ މުޅި ތައުލީމީ ސިޔާސަތު އަމާޒު ހިފާފައި ވަނީ 21 ވަނަ ގަރުނަށް ދަރިވަރުން ތައްޔާރުކުރުމަށް ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އިސްކަންދަރު ސްކޫލުގެ "ސްޓެމް ފެއާ 2022" ރަސްމީގޮތުން މިއަދު ހުޅުވައިދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި ދަރިވަރުންނަށް ފޮތް ކިޔައިގެން ދަސްވާ ދަސްވުމެކޭ އެއްފަދައިން އެކުދިން އަމިއްލައަށް އުފެއްދުންތައް އުފައްދާ އީޖާދުކުރުން ފަދަ ކަންކަމުގެ ތެރެއިން ކަންކަން އުނގެނުން މުހިންމުކަން ފާހަގަކުރެއްވިއެވެ.

އެގޮތުން ކުދިން އަމިއްލައަށް ކަންކަން ކުރުމަށް ފުރުސަތު ދިނުމުން ދަރިވަރުން ގުޅިގެން މަސައްކަތްކުރުމާއި މައްސަލަތައް ހައްލުކުރުމުގެ ހުނަރު ފަދަ ގިނަ ހުނަރުތައް ދަރިވަރުންނަށް ލިބޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި ތައުލީމީ ދާއިރާގެ ކުރިއެރުމަށް ސަރުކާރުން ދޭ އިސްކަން ފާހަގަކުރައްވައި ވޭތުވެ ދިޔަ ހަތަރު އަހަރުގެ ތެރޭގައި ސަރުކާރުން ތައުލީމީ ދާއިރާއަށް ގިނަ، ހެޔޮ ބަދަލުތަކެއް ގެނެސްދެއްވާފައިވާކަން ފާހަގަކުރެއްވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅު ނިންމަވާލައްވަމުން ވަނީ ކޮންމެ ކަމެއްވެސް ކާމިޔާބު ވާނީ ގުޅިގެން އެކުގައި މަސައްކަތްކޮށްގެންކަން ފާހަގަކުރައްވައި، ރަނގަޅު ހުނަރުވެރި ދަރިވަރުންތަކެއް ބިނާކުރުމަށް ބެލެނިވެރިންނާއި ސްކޫލްތަކުންނާއި ކަމާގުޅޭ ހުރިހާ ފަރާތްތައް ގުޅިގެން މަސައްކަތްކުރުމަށް އެދިވަޑައިގަންނަވާފައެވެ.

އިސްކަންދަރު ސްކޫލުގެ "ސްޓެމް ފެއާ 2022" ކުރިޔަށްގެންދަނީ މިއަދާއި މާދަމާއެވެ.

ރައީސް އޮފީހުން ބުނީ އިސްކަންދަރު ސުކޫލުގެ ކީ ސްޓޭޖް އެކަކުން ފެށިގެން ކީ ސްޓޭޖް ހަތަރެއްގެ ދަރިވަރުންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި ފެއާގައި ޖުމްލަ 186 ޕްރޮޖެކްޓް ބައިވެރިކޮށްފައިވާ ކަމަށެވެ. އަދި ފެއާގައި ބައިވެރިކޮށްފައިވާ ގިނަ އީޖާދުތަކަކީ ދަރިވަރުންގެ އަމިއްލަ ވިސްނުމާއި ހުނަރުވެރިކަމާއެކު ނެރެފައިވާ އުފެއްދުންތަކެއް ކަމަށް ރައީސް އޮފީހުގެ ބަޔާނުގައިވެއެވެ.

ފެއާ ހުޅުވުމުގެ ރަސްމިއްޔާތަށްފަހު ނައިބު ރައީސް ވަނީ ފެއާއަށް ޒިޔާރަތްކުރައްވައި ފެއާގައި ދަރިވަރުން ބައިވެރިކޮށްފައިވާ އުފެއްދުންތައް ބައްލަވާލައްވާފައެވެ.

comment ކޮމެންޓް