ގައްދޫގައި މަސް ފެކްޓަރީއެއް އަޅަން ލަންކާ ކުންފުންޏަކާ ހަވާލުކޮށްފި

މަސް ފެކްޓްރީ އެޅުމުގެ އެއްބަސްވުމުގައި ލަންކާ ކުންފުންޏާއެކު ސޮއިކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން -- ފޮޓޯ: ގައްދޫ ކައުންސިލް

ގދ. ގައްދޫގައި މަސް ފެކްޓްރީއެއް އަޅަން އެ ރަށު ކައުންސިލުން ސްރީލަންކާގެ ކުންފުންޏަކާ އިއްޔެ ހަވާލުކޮށްފިއެވެ.

އެކަމާ ބެހޭ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އިއްޔެ އެ ރަށު ކައުންސިލުން ބޭއްވި ޚާއްސަ ރަސްމިއްޔާތެެއްގައެވެ.

އެ ރަސްމިއްޔާތުގައި ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވެސް ބައިވެރިވެވަޑައިގަތެވެ. މީގެ އިތުރުން ގައްދޫ ދާއިރާގެ މެމްބަރު އަހްމަދު ޒާހިރު ވެސް ބައިވެެރިވެލެއްވިއެވެ.

މި މަޝްރޫއު ކުންފުންޏަކާ ހަވާލުކުރީ ޑިޒައިން އެންޑް ކޮންސްޓްރަކްޝަން މަޝްރޫއެއްގެ ގޮތުގައި ބީލަމަށް ހުޅުވާލުމަށްފަހުއެވެ.

މަސް ފެކްޓްރީ އެޅުމުގެ އެއްބަސްވުމުގައި ލަންކާ ކުންފުންޏާއެކު ސޮއިކުރުމަށް ބޭއްވި ހަފުލާގެ ތެރެއިން -- ފޮޓޯ: ގައްދޫ ކައުންސިލް

މި މަޝްރޫއާ ގުޅިގެން އެ ރަށު ކައުންސިލްގެ މެމްބަރު އަލީ ޝަރީފް މިއަދު "ސަން"އަށް ވިދާޅުވީ މި މަޝްރޫއުގެ މައިގަނޑު ބޭނުމަކީ އެ ރަށާއި ހުވަދު އަތޮޅުގެ ރައްޔިތުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުން ކަމަށެވެ.

"ދިވެހި މުވައްޒަފުން ނެގުމަށް ބޮޑަށް ބާރު އަޅައިފައިވާނީ. އަޅުގަނޑުމެންގެ ބޭނުމަކީ ވަޒީފާގެ ދޮރުތައް ހުޅުވައިލުން. އަދި މަސްވެރިންނަށް ފަހިކޮށްދިނުން،" ޝަރީފް ވިދާޅުވިއެވެ.

ފަސް މިލިއަން ރުފިޔާގެ މި އިންވެސްޓްމަންޓުގެ ދަށުން ތަރައްގީކުރާ މަސް ފެކްޓްރީގައި މަސް ޕްރޮސެސްކޮށް އެކްސްޕޯޓުކުރުމަށް ޓަކައި ގިނަ ވަސީލަތްތަކެއް ގާއިމްކުރާނެއެެވެ.

އެގޮތުން ދުވާލަކު 50،000 މަސް ދަޅު ބަންދުކުރުމުގެ ކެޕޭސިޓީ ގާއިމްކުރާނެއެވެ. އަދި 25 މެޓްރިކް ޓަނުގެ ބްލޮކް އައިސް ޕްލާންޓަކާއި، 10 ޓަނުގެ ފްލޭކް އައިސް ޕްލާންޓެއް ގާއިމްކުރާނެއެވެ.

ހަމައެއާއެކު އެއް މިލިއަން ޑޮލަރުގެ ފިޝް މީލް ޕްލާންޓެއްގެ އިތުރުން
ބްލާސްޓް ފްރީޒައެއް އެ ފެކްޓްރީގެ މަސައްކަތް ނިމޭއިރު ހުންނާނެއެވެ.

މި ފެކްޓްރީގެ މަސައްކަތް ހަވާލުކުރީ އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

comment ކޮމެންޓް