ވައިޖެހޭ މިސްރާބު ބަދަލުވުމުން ކުޅުދުއްފުށީގެ ވައި ސާފުވެއްޖެ

ކުޅުދުއްފުށި ސިޓީ. (ފޮޓޯ/އަބޫއިޝް)

ވައިޖެހޭ މިސްރާބު ހުޅަނގު ބިތަށް ބަދަލުވުމުން ކުޅުދުއްފުށީ ސިޓީގެ ވައި ސާފުވެއްޖެއެވެ.

އިންޑިއާގެ ބޭ އޮފް ބެންގަލް ހުރަސްކޮށް ވަޔާއެކު އަންނަ ހިރަފުހާއި ދުމުގެ ސަބަބުން މިދިޔަ ހުކުރު ދުވަހު ކުޅުދުއްފުށީގެ ވައި ވަނީ ނުރައްކާވާ މިންވަރަށް ނުސާފުވެފައެވެ. އެހެންވެ މާސްކް އަޅައިގެން އުޅުމަށް ޑޮކްޓަރުން ލަފާދިނެވެ.

މިހާރުގެ ހާލަތު ބަލާލުމަށް މިއަދު ގުޅާލުމުން ރާއްޖޭގެ މުސުމާ ބެހޭ އިދާރާގެ އޮފިޝަލަކު "ސަން" އަށް ވިދާޅުވީ އެރަށުގެ ވައި ސާފުވީ ނަމަވެސް އަދިވެސް ވައި ތަޣައްޔަރުވުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.

"އިރުމަތީ ބިތަށް އަނެއްކާވެސް ވައި ބަދަލުވީމަ ކޮންމެވެސް ވަރަކަށް ވައި ނުސާފުވާނެ،" އޭނާ ވިދާޅުވިއެވެ.

ކުޅުދުއްފުށީގެ ވައި އެންމެ ނުސާފުކޮށް ހުރީ މިދިޔަ ހުކުރު ދުވަހު އެވެ. އެ ދުވަހު ކުޅުދުއްފުށީގެ ވައި ހުރީ އާންމުންނަށް ނުރައްކާވާހާ ނުސާފުކޮށެވެ.

ކުޅުދުއްފުށީގެ ވައި ހުރި މިންވަރު ދައްކުވާދޭ ފަޓޯއެއް

ކުޅުދުއްފުށީގެ ވައި ނުސާފުވުމާ ގުޅިގެން ޑރ. މުހައްމަދު އަލީ ހޯމަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވަނީ، ވައި ނުސާފުވުމުން ކުރިމަތިވެދާނެ ސިއްހީ މައްސަލަތަކުން ސަލާމަތްވުމަށް ބޭރުގައި އުޅޭ ވަގުތު މަދުކުރުން މުހިންމު ކަމަށެވެ.

މީގެ އިތުރުން، ބޭރުގައި އުޅޭ ވަގުތު މާސްކު ބޭނުންކުރުމާއި، ކޮޓަރި ތަކުގައި އެއާ ޕިއުރިފަޔާ ބޭނުންކުރުމުގެ އިތުރުން އެންވާރަމަންޓް މިނިސްޓްރީގެ އިރުޝާދުތަކަށް ބޯލެނބުމަށް އޭނާ އިލްތިމާސްކޮށްފައިވެއެވެ.

މިދިޔަ ހަފުތާގައި "ހޭޒް"ގެ ސަބަބުން މާލެ ސަރަހައްދުގެ ވައި ވެސް ނުސާފުވެފައިވެއެވެ.

"ފޮގް ވުން" އަދި "މިސްޓް" އާ ޚިލާފަށް ހޭޒްއަކީ ވައިގެ ތެރޭގައި ހުންނަ ވަރަށް ކުދި ހިކި ޕާޓިކަލް ތަކެކެވެ. އެއީ ދުންފިންޏެއް ނޫނެވެ. ހަމަ ލޮލަށް ނުފެނުނު ކަމުގައި ވީނަމަވެސް، މި ޕާޓިކަލްތަކުގެ ސަބަބުން ޖައްވު ނުސާފުވެ ދުރު ފެންނަ މިންވަރު ދަށްވެއެވެ.

އެޗްޕީއޭއިން މީގެ ކުރިން ބުނީ ވައިގެ ކޮލެޓީ ދެނެގަންނަން މަޝްހޫރު އެޕެއް ކަމަށްވާ "އައިކިއުއެއާ"އިން ރާއްޖޭގައި ވެސް އޭރަކު ވައިގެ ތެރޭގައި ޕީއެމް 2.5 ހުރި މިންވަރު ބެލޭ ކަމަށެވެ. އެ އެޕްގައި ފާހަގަކޮށްފައި ހުންނަ ކުލަތަކުން ސެންސިޓިވް ގްރޫޕްގެ ތެރޭގައި ހިމެނޭ މީހުންނަށް ލިބޭނެ ގެއްލުން ގިންތިކޮށްފައި ހުރެއެވެ.

އެ އެޕްގައި ހިމެނޭ ކުލަތަކަކީ ފެހި ކުލަ، ރީނދޫ ކުލަ، އޮރެޖު ކުލަ، ރަތް ކުލަ، ދަނބުކުލައިގެ އިތުރުން އެއަށްވުރެ މަޑު ކުލައެކެވެ.

އެގޮތުން ފެހި ކުލައިން ދައްކައިދެނީ ވައި ސާފުކަމެވެ. އަދި ރީނދޫ ކުލައިން ދައްކުވައިދެނީ ކޮންމެވެސް ވަރަކަށް ވައި ނުސާފު ކަމެވެ. އަދި އޮރެންޖު ކުލައިން ދައްކައިދެނީ ސެންސިޓިވް ގްރޫޕްސްތަކުގައި ހިމެނޭ މީހުންނަށް ނުރައްކާ ވާވަރަށް ވައިގެ ތެރޭގައި ޕީއެމް 2.5 ހުރި ކަމެވެ. އަދި ރަތް ކުލައިން ދައްކައިދެނީ ވައި ނުސާފުވެފައިވާ މިންވަރު ރަނގަޅު ނޫން ކަމެވެ.

މީގެ އިތުރުން އެ އެޕްގައި ހިމެނޭ ދަނބުކުލައިން އަންގައި ދެނީ ވައި ނުސާފުވެފައިވާ މިންވަރު އެއްވެސް ވަރަކަށް ރަނގަޅު ނޫން ކަމަށެވެ. އަދި ދަނބު ކުލައަށް ވުރެ ތަންކޮޅެއް މަޑު ކުލައަކުން ދައްކުވައިދެނީ ވައި ނުސާފުވެފައިވާ މިންވަރުން އާއްމުންގެ ސިއްހަތަށް ބޮޑެތި ގެއްލުންތަކެއް ވެދާނެ ކަމެވެ.

comment ކޮމެންޓް