ތޫފާނުގެ އަސަރު ކެނޑިއްޖެ، ކުރިއަށް އޮތް ހަފުތާގައި މޫސުން ރަނގަޅުވާނެ

އިންޑިއާގެ ހުޅަނގުދެކުނާއި ދެކުނުއިރުމަތީ ބޭ އޮފް ބެންގާލްގައި އުފެދިފުނު ތޫފާން

އިންޑިއާގެ ހުޅަނގުދެކުނާއި ދެކުނުއިރުމަތީ ބޭ އޮފް ބެންގާލްގައި މިދިޔަ ހަފުތާގައި އުފެދުނު ތޫފާނުގެ އަސަރު ރާއްޖެއަށް ކެނޑިފައިވާކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓްއިން މިއަދު ބުނެފިއެވެ.

މިކަމާ ގުޅިގެން މެޓް އޮފީހުގެ މީޑިއާ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ، ތޫފާން "މެންޑޫސް"ގެ ނަމުން ނަން ދީފައިވާ މި ތޫފާނުގެ އަސަރު ކެނޑުމާއެކު ރާއްޖެއަށް މޫސުން ރަނގަޅުވެފައިވާ ކަމަށެވެ.

ނަމަވެސް އަންނަ ހަފުތާގެ ހޯމަ އާއި އަންގާރަ ދުވަހު ކޮންމެވެސް ވަރަކަށް މުޅި ރާއްޖެއަށް ކެރީގެ އަސަރު ކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.

ކުރިއަށް އޮތް ހަފުތާގައި ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެ ވައި ވެސް މަޑުވާނެއެވެ. އެގޮތުން އާންމުކޮށް ވައިޖެހޭނީ ފަސް މޭލާ 15 މޭލުގެ ބާރުމިނެއްގައެވެ.

"އެކަމަކު 20 ވަނަ ދުވަހު ވައި ވެސް ކޮންމެވެސް ވަރަކަށް ގަދަވާނެ،" މެޓް އޮފީހުގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ތޫފާނު އުފެދުމުގެ ކުރިން ވެސް މި ދުވަސްވަރަކީ، ހުޅަނގު މޫސުމުން އިރުވައި މޫސުމަށް ބަދަލުވަމުން ދާ ދުވަސްވަރު ކަމަށް ވާތީ، ވޭތުވެދިޔަ ދެތިން ދުވަހު ރާއްޖޭގެ ހުރިހާ ހިސާބަކަށް ވަނީ ވިއްސާރައިގެ އަސަރު ކޮށްފައެވެ.

މި ދުވަސްވަރަކީ އިރުވައި މޫސުން ފެށޭ ދުވަސްވަރަށް ވުމުން، ރާއްޖެއަށް ވައި އަންނަނީ އިންޑިއަން ސަބްކޮންޓިނެންޓާ ދިމާލުންނެވެ. އިންޑިއާގެ ބޭ އޮފް ބެންގަލް ހުރަސްކޮށް ވަޔާއެކު ރާއްޖެއާ ހަމައަށް ހިރަފުހާއި ދުން އައުމުގެ ސަބަބުން މިފަހުން ޖައްވު ނުސާފުވެފައި އޮތުމަށްފަހު މިހާރު އަންނަނީ ވައި ސާފުވަމުންނެވެ.

މިދުވަސްވަރު ސްކޫލުތަކުގެ ކިޔެވުން ބަންދުވެފައި ވުމުން އެކި ކަންކަމުގައި ކަނޑު ދަތުރުކުރާ މީހުން ވެސް ވަނީ ގިނަވެފައެވެ.

comment ކޮމެންޓް