ދިވެހިރާއްޖޭގެ އެންމެ ބޮޑު އެއް ޓެލެކޮމިއުނިކޭޝަން ކުންފުނި އުރީދޫއަކީ ދިވެހިރާއްޖެ އާއި ޤަތަރުގެ އާންމު ތަރައްގީގެ ބައިވެރިއެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.
ޤަތަރުގެ ޢަމީރު ޝެއިޚް ތަމީމް ބިން ޙަމަދު އައްޘާނީގެ ދައުވަތަކަށް ރައީސް ޞާލިހް މިހާރު އެގައުމަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އުރީދޫ ގްރޫޕްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޢަޒީޒް އަލްއުޘްމާން ފަޚްރޫއާއި، އުރީދޫ ގުރޫޕްގެ އިސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވަނީ ދިވެހިރާއްޖެ އާއި ޤަޠަރާއި ދެމެދު އޮތް ބަދަހިގުޅުމާއި، ޢިތުބާރާއި، އެހީތެރިކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
އެގޮތުން، އުރީދޫ މޯލްޑިވްސް އަކީ، ދިވެހިރާއްޖޭގެ އެންމެ ބޮޑު އެއް ޓެލެކޮމިއުނިކޭޝަން ކުންފުނިކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ ޓެކްނޮލޮޖީގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގައި އެކުންފުންޏަކީ މުހިންމު ދައުރެއް އަދާ ކުރާ ކުންފުންޏެއް ކަމަށެވެ.
މީގެއިތުރުން، އެމަނިކުފާނު ވަނީ އުރީދޫގެ އިޖުތިމާޢީ ޒިންމާގެ ދަށުން، ޞިއްޙީ ދާއިރާއާއި ފައިދާހުރިކާނާއާއި އަންހެނުން ބާރުވެރިކުރުވުމާއި، ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް އެކުންފުނިން ކުރަމުން އަންނަ މަސައްކަތްތައް ފާހަގަކުރައްވައި ތައުރީފް ކުރައްވާފައެވެ.
އަދި، އުރީދޫގެ ޑިޖިޓަލް ލިޓަރެސީ ޕްރޮގްރާމާއި، ޒުވާނުންގެ އުފެއްދުންތަކަށް ޕްލެޓްފޯމެއް ހޯދައިދިނުމުގެ ގޮތުން ހިންގާ އެކްސެލެރޭޓަރ ޕްރޮގްރާމާއި، ޑިޖިޓަލް ރާއްޖެއެއް ބިނާކުރުމުގައި ހުރި ހުރަސްތައް ނައްތާލުމާއި، ހުޅުމާލެ "ސްމާޓް ސިޓީ" އިނީޝިއޭޓިވްއާ ބެހޭގޮތުން ވާހަކަފުޅު ދައްކަވާ، މަޝްވަރާކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން، ދެބޭފުޅުން ވަނީ އުރީދޫއިން އެންމެ ފަހުގެ ޓެކްނޮލޮޖީ އާއިއެކު ޚިދުމަތްތައް ފުޅާކޮށް، އެކުންފުނީގެ ފަރާތުން ދިވެހި މުޖުތަމައަށް ފޯރުކޮށްދޭ އެހީތަށް އިތުރުވެންދާނެ ކަމަށް އުއްމީދު ކުރައްވާކަމުގައި ވިދާޅުވެފައެވެ.
ރައީސްގެ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ޤަޠަރުގައި މިހާރު ކުރިޔަށްދާ ފީފާ ވޯލްޑް ކަޕް 2022 ގެ ސެމީ ފައިނަލް މެޗުތައް ބައްލަވާލެއްވުމަށްވެސް ހަމަޖެހިފައެވެ.
މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސްގެ ދެކަނބަލުން އެނބުރި ރާއްޖެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހުއެވެ.