ރާއްޖޭގެ ފުރަތަމަ ޓެލެކޮމިއުނިކޭޝަން އިންފްރާސްޓްރަކްޗާ ލައިސެންސް އެޗްޑީސީއަށް

އެޗްޑީސީ އާ ޓެލެކޮމިއުނިކޭޝަން އިންފްރާސްޓްރަކްޗާ ލައިސަންސް ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: އެޗްޑީސީ

ކޮމިއުނިކޭޝަންސް އޮތޯރިޓީން ދޫކުރާ، ޓެލެކޮމިއުނިކޭޝަން އިންފްރާސްޓްރަކްޗާ ލައިސަންސް އެއޮތޯރިޓީން، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ހަވާލުކޮށްފިއެވެ.

މިއީ އެއޮތޯރިޓީން ދޫކުރި މިފަދަ ފުރަތަމަ ލައިސަންސެވެ. މި ލައިސަންސް އެޗްޑީސީ އާ ހަވާލުކޮށްދެއްވީ ކޮމިއުނިކޭޝަން އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އިލްޔާސް އަޙްމަދުއެވެ. އެޗްޑީސީގެ ފަރާތުން ލައިސަންސާ ހަވާލުވެލެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަަޙްމަދު އާތިފްއެވެ.

އެޗްޑީސީން ބުނީ މި ލައިސަންސްގެ ދަށުން އެ ކުންފުންޏަށް ހުޅުމާލޭގައި މުއާސަލާތީ އިންފްރާސްޓްރަކްޗަރ ގާއިމުކޮށް ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ބޭނުމަށް މި އިންފްރާސްޓްރަކްޗަރ ދޫކުރުމުގެ ހުއްދަ ލިބޭނެ ކަމަށެވެ. އެގޮތުން މި އޯޕަން އެކްސެސް ނެޓްވޯކުން މުވާސަލާތީ ޚިދުމަތް ދޭ ކުންފުނިތަކުގެ ޚިދުމަތް، އެއް ވިއުގައަކުން ގުޅާލާފައިވާއިރު، އެއް ވިއުގައެއްގެ ތެރެއިން ދިރާގު، އުރީދޫ، މިޑިއާނެޓް އަދި އާރްއޯއެލްގެ ޚިދުމަތް އެކުންފުނިން އަންނަނީ ދެމުންނެވެ.

އެޗްޑީސީ އާ ޓެލެކޮމިއުނިކޭޝަން އިންފްރާސްޓްރަކްޗާ ލައިސަންސް ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: އެޗްޑީސީ

އެޗްޑީސީއަށް ރަސްމީކޮށް ލައިސަންސް ދޫކޮށްފައިވަނީ އޯޕަން އެކްސެސްގެ މި ވިއުގައަށް މުއާސަލާތީ ހިދުމަތްދޭ ފަރާތްތަކުގެ ފުރިހަމަ އިތުބާރު ލިބި، މި ވިއުގަ މެދުވެރިކޮށް ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދެވެމުން ދާތީކަން ކޮމިއުނިކޭޝަން އޮތޯރިޓީން ފާހަގަކުރެއެވެ.

މީގެއިތުރުން، އެ ކުންފުނިން ވަނީ ކާމިޔާބުކަމާއެކު ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އޯޕަން އެކްސެސް ނެޓުވޯކެއް ގާއިމުކޮށް، އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ފައިބާ ޓު ދަ ހޯމް (އެފްޓީޓީއެޗް) ގެ ޚިދުމަތް ދޭން ފަށާފައެވެ. އަދި، މުއާސަލާތީ ޚިދުމަތްދޭ ކުންފުނިތަކުން މި ވިއުގަ މެދުވެރިކޮށް ހުޅުމާލެ ފޭސް ދޭއްގައި މި ޚިދުމަތްތައް ފޯރުކޮށްދޭތާ މިހާރު ވަނީ އަހަރަކަށް ވުރެ ގިނަ ދުވަސް ވެފައެވެ.

އެޗްޑީސީން ބުނީ އެ ކުންފުނިން ދެކޭގޮތުގައި މިފަދަ ޒަމާނީ ވިއުގައެއްގެ ސަބަބުން އިންޓަނެޓު އަދި ޓީވީގެ ޚިދުމަތްތަކަށް އިތުރު ފުރިހަމަ ކަމެއް ލިބިގެންދާނެ ކަމަށެވެ. އަދި މީގެ ސަބަބުން މުއާސަލާތީ ޚިދުމަތް ދޭ ފަރާތްތަކަށް އަވަސްކަމާއެކު ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމަށް މަގުފަހި ވެގެންދާނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

comment ކޮމެންޓް