މިއަހަރުގެ މޯލްޑިވްސް ބޯޓިންގ އެވޯޑުގެ ގިނަ ވަނަތަކެއް އަލްޝާލީން ހޯދައިފި

މޯލްޑިވްސް ބޯޓިންގ އެވޯޑް 2022 ގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު ނާއިލް ހުސައިން

ނެޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ މިއަހަރުގެ މޯލްޑިވްސް ބޯޓިންގ އެވޯޑުގެ ގިނަ އެވޯޑުތަކެއް އަލްޝާލީ މެރިނުން ހޯދައިފިއެވެ.

ދަރުބާރުގޭގައި ރޭ ބޭއްވި ހަފްލާއެއްގައި މިއަހަރުގެ ބޯޓިންގ އެވޯޑު ދީފައިވާއިރު، އަލްޝާލީ މެރިން މޯލްޑިވްސް އިން ވަނީ ޖުމްލަ ހަތަރު އެވޯޑު ހޯދާފައެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • ބެސްޓް ފައިބާ ވެސެލް: ކެނެރީ 28 (05 މީޓަރާއި 15 މީޓަރާއި ދެމެދު )
  • ބެސްޓް ފައިބާ ވެސެލް: ޓްއަރިން 38 (10 މީޓަރާއި 15 މީޓަރާއި ދެމެދު )
  • ބެސްޓް ފައިބާ ވެސެލް: އޭއެސް ކެޓް 55 (15 މީޓަރާއި 45 މީޓަރާއި ދެމެދު )

މިފަހަރުގެ ބޯޓިންގ އެވޯޑުގައި ދިން ފާހަގަކޮށްލެވޭ ބައެއް އެވޯޑުތަކަށް ބަލާއިރު، ބޯޓިންގ ދާއިރާގެ އެންމެ ރަނގަޅު އިންޝުއަރަންސް ކުންފުންޏަކަށް ހޮވުނީ އެލައިޑް އިންޝުއަރެންސެވެ. އެންމެ ރަނގަޅަށް ބަނދެފައިވާ ސަފާރީގެ އެވޯޑު، ޓްރޮޕިކަލް އެޑްވެންޗާ މޯލްޑިވްސްގެ ސީރެކްސް އަށް ލިބުނުއިރު، އެންމެ ރަނގަޅު ފިޝިންގ ސަފާރީއަކަށް ހޮވުނީ، ނޫރާނީ 2 އެވެ. އެންމެ ރަނގަޅު ސާފިން ސަފާރީއަކަށް ވޮއެޖަސްގެ ސީފެއާރާ ހޮވުނުއިރު، އެންމެ ރަނގަޅު ޑައިވް ސަފާރީއަކަށް ހޮވުނީ ސަޗީކާ މޯލްޑިވްސްގެ ސަޗީކާއެވެ.

މޯލްޑިވްސް ބޯޓިންގ އެވޯޑް 2022 ގެ ތެރެއިން--- ސަން ފޮޓޯ/ މުހައްމަދު ނާައިލް ހުސައިން

ބޯޓިންގ އެވޯޑުގެ ބެސްޓް ޔޮޓް އޮޕަރޭޓަރަކީ މޯލްޑިވްސް ހޮލިޑޭ ކަލެކްޝަންއެވެ. ބެސްޓް ޓްއަރިސްޓް ޓްރާންސްފާ ސާވިސްގެ އެވޯޑު ޖަލްބޫޓް މޯލްޑިވްސްއަށް ލިބުނުއިރު، ބެސްޓް ލޯކަލް ފެރީ ސާވިސްގެ އެވޯޑު ލިބުނީ އެމްޓީސީސީ އަށެވެ.

ބޯޓިން ދާއިރާގެ އައުޓްސްޓޭންޑިންގ އެވޯޑަށް ބަލާއިރު، މި ސެގްމަންޓުން އެންމެގިނަ އެވޯޑުތައް ގެންގޮސްފައިވަނީ އެމްޓީސީސީންނެވެ. އެކުންފުނިން ވަނީ، ބެސްޓް ކެޕްޓަން، ބެސްޓް އިންޖިނިއަރިން އަދި ބެސްޓް ކުރޫ މެމްބަރުގެ އެވޯޑު ހޯދާފައެވެ.

މޯލްޑިވްސް ބޯޓިންގ އެވޯޑް 2022 ގެ ތެރެއިން--- ސަން ފޮޓޯ/ މުހައްމަދު ނާއިލް ހުސައިން

ބޯޓިން އެވޯޑު ހަފްލާގައި ވަނީ ސަފާރީ އިންޑަސްޓްރީގައި ފާހަގަކޮށްލެވޭ ފަދަ ޚިދުމަތްތަކެއް ކޮށްފައިވާ މީހުނަށް އެކަމުގެ އަގުވަޒަންކޮށް އެވޯޑުދީފައެވެ. މި އެވޯޑު ދީފައިވަނީ، މެދުނުކެނޑި މަދުވެގެން 10 އަހަރަށްވުރެ ގިނަދުވަހު ޚިދުމަތްކުރި މީހުންނަށެވެ.

މޯލްޑިވްސް ބޯޓިން އެވޯޑުގައި މިފަހަރު ސަފާރީތަކަށް 28 އެވޯޑެއް ދީފައިވާއިރު، ޖުމްލަ 32 ފަރާތަކަށް ވަނީ ބޯޓިންގ އެވޯޑު ދީފައެވެ.

އެ ހަފްލާގައި ބޯޓިންގ އެވޯޑުގެ ޖަޖިން ޕެނަލްގެ ފަރާތުން ވާހަކަދައްކަވަމުން ކެޕްޓަން އާދިލް ރަޝީދު ވިދާޅުވީ، ސަފާރީ ދާއިރާއަކީ މިހާރަށްވުރެ ބޮޑަށް ދިވެހީންނަށް އިސްކަންދޭން ޖެހިފައިވާ ދާއިރާއަކަށް ހަދަން ޖެހިފައިވާކަމަށެވެ. އެގޮތުން އެ ދާއިރާއަށް ދިވެހީން ނެރުމާއި، ދިވެހިންނަށް އެކަށީގެންވާ ރަނގަޅު އިނާޔަތްތަކެއް ދޭންޖެހޭކަމަށް އާދިލް ފާހަގަކުރެއްވިއެވެ.

"ސަފާރީ ދާއިރާގައި އުޅޭ މީހުނަށް ޤަވާއިދުން ޓްރެއިނިންދިނުމާއި، ވެލްފެއާ ކަންތައްތައް އެބަޖެހޭ މިހާރަށްވުރެ ރަނގަޅުކުރަން. ރަނގަޅު މުސާރައެއް އެމީހުނަށް އެބަ ދޭންޖެހޭ،" ކެޕްޓަން އާދިލް ވިދާޅުވިއެވެ.

މޯލްޑިވްސް ބޯޓިންގ އެވޯޑު ހަފްލާގެ ތެރެއިން-- ސަން ފޮޓޯ/ މުހައްމަދު ނާއިލް ހުސައިން

މޯލްޑިވްސް ބޯޓިންގ އެވޯޑް މިފަހަރު ބާއްވާފައިމިވަނީ ކޮވިޑް ބަލިމަޑުކަމުގެ ސަބަބުން މި އެވޯޑު ނުބޭއްވޭތާ ދެ އަހަރަށް ފަހުއެވެ. މިއީ ބޯޓިންގ އެވޯޑު ބޭއްވި ހަ ވަނަ އަހަރެވެ. ނެޝަނަލް ބޯޓިންގ އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ބާއްވާ ބޯޓިން އެވޯޑު އެންމެ ފުރަތަމަ ބާއްވާފައިވަނީ 2014 ވަނަ އަހަރެވެ.

މޯލްޑިވްސް ބޯޓިންގ އެވޯޑު ހަފްލާގެ ތެރެއިން-- ސަން ފޮޓޯ/ މުހައްމަދު ނާއިލް ހުސައިން

މި އެވޯޑަކީ ސަފާރީ ދާއިރާގެ ވިޔަފާރިތަކަށް ޚާއްސަ އެވޯޑެކެވެ. ބޭނުމަކީ ސަފާރީ އިންޑަސްޓްރީން ރާއްޖޭގެ އިޤްތިސާދަށް ކޮށްދެމުންދާ ޚިދުމަތްތަކުގެ އަގުވަޒަންކުރުންކަމަށް މޯލްޑިވްސް ނެޝަނަލް ބޯޓިންގ އެސޯސިއޭޝަނުން ބުނެއެވެ.

comment ކޮމެންޓް