ފަރެސްމާތޮޑާއަށް ކުރެއްވި ދަތުރުފުޅަށް ފަހު ރައީސް މާލެ ވަޑައިގެންފި

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު --- ފޮޓޯ/ ރައީސް އޮފީސް

ރާއްޖޭގެ 42 ވަނަ މަސްވެރިންގެ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ގދ. ފަރެސްމާތޮޑާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު މެންދުރު މާލެ ވަޑައިގެންފިއެވެ.

މަސްވެރިންގެ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ފަރެސްމާތޮޑާއަށް ވަޑައިގެންނެވީ އިއްޔެ މެންދުރުގެ ވަގުތެއްގައެވެ. އެމަނިކުފާނުގެ މިދަތުރުފުޅުގައި ވަނީ ފަރެސްމާތޮޑާ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއާ ވެސް ބައްދަލު ކުރައްވާފައެވެ.

ހަމައެއާއެކު ރައީސް ވަނީ ހުވަދޫ ސްކޫލުގައި ފަރެސްމާތޮޑާއާއި ހުވަދު އަތޮޅުގެ މަސްވެރިންނާއި އޮޑިވެރިންނާ ވެސް ބައްދަލު ކުރައްވާފައެވެ.

އެ ބައްދަލުކުރެއްވުމުގައި މަސްވެރިންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް އަޑު އައްސަވައި، އެކަންކަން ހައްލުކޮށްދެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ރައީސް ހިއްސާކުރެއްވިއެވެ.

ރައީސް ވަނީ މަސްވެރިންގެ ދުވަހާ ގުޅުވައިގެން ފަރެސްމާތޮޑާގައި ކުރިޔަށްގެންދިޔަ "މަސްވެރިކަމުގެ އެކްސްޕޯ 2022"އަށް ޒިޔާރަތްކުރައްވައި އެ އެކްސްޕޯގެ ސްޓޯލްތައް ބައްލަވައިލައްވައި މައުލޫމާތު އޮޅުން ފިލުއްވާފައެވެ.

ހަމައެއާއެކު މަސްވެރިންގެ ދުވަހާ ގުޅުވައިގެން ފަރެސްމާތޮޑާގައި ދެ ޖިންސަށް ހުޅުވާލައިގެން ކުރިޔަށް ގެންދިޔަ މަސްކެނޑުމުގެ މުބާރާތް ވެސް ރައީސް ޝަރަފުވެރިކޮށްދެއްވައި އެ މުބާރާތް ހިނގަމުން ދިޔަގޮތް އެމަނިކުފާނު ބައްލަވާލެއްވިއެވެ.

ރައީސްގެ އެ ދަތުރުފުޅުގައި އެންމެ ފަހުން އެމަނިކުފާނު ބައިވެރިވެވަޑައިގަތީ މަސްވެރިންގެ ދުވަހުގެ ޖަލްސާގައެވެ. ރޭ ފަރެސްމާތޮޑާގެ ބަނދަރު ސަރަހައްދުގައި ބޭއްވި އެ ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ރައީސް ޞާލިޙު ވަނީ ހުވަދު އަތޮޅުގެ މަސްވެރިންނަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯއްދަވައިދެއްވާނޭ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

މީގެ އިތުރުން، ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ތަރައްގީކުރުމަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތްތަކުގެ މައްޗަށް އެމަނިކުފާނު ވަނީ ވަރަށް ތަފްސީލްކޮށް ވާހަކަ ދައްކަވާފައެވެ.

މި އަހަރުގެ މަސްވެރިންގެ ދުވަސް ފަރެސްމާތޮޑާގައި ފާހަގަކުރުމަށް، ފިޝަރީޒް މިނިސްޓްރީ އާއި ފަރެސްމާތޮޑާ ކައުންސިލުން ގުޅިގެން ވަނީ ތަފާތު ގިނަ ޕްރޮގްރާމްތަކެއް ހިންގާފައެވެ.

މަސްވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް ޑިސެމްބަރު މަހުގެ 10ވަނަ ދުވަހެވެ.

comment ކޮމެންޓް