މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)އިން މަސްވެރިންނަށާއި އޮޑިވެރިންނަށް ޚާއްސަ މޮބައިލް އެޕްލިކޭޝަނެއް ތައާރަފުކޮށް އާ ދެ ވައްތަރެއްގެ މަސްދަޅު ބާޒާރަށް ނެރެފިއެވެ.
މަސްވެރިންނަށާއި އޮޑިވެރިންނަށް ޚާއްސަ މޮބައިލް އެޕްލިކޭޝަން ތައާރަފުކުރީ ގދ. ފަރެސްމާތޮޑާގައި މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ކުރިއަށްގެންދިޔަ ހަރަކާތްތަކުގެ ތެރެއިންނެވެ. އަދި އާ ދެ ބާވަތެއްގެ މަސްދަޅު ބާޒާރަށް ނެރެފައިވަނީ ވެސް އެރަށުގައި ބޭއްވި ހަރަކާތްތަކުގެ ތެރެއިންނެވެ.
މިފްކޯއިން މުޅިން އަލަށް ތައާރަފުކުރީ ލޮނުމެދާއި ތެޔޮ ހިމެނޭ، ޓޫނާ ޗަންކްސް އިން އޮއިލް ވިތް ގާލިކް އާއި ސްމޯކްޑް ޓޫނާއިން އޮލިވް އޮއިލް ނުވަތަ ވަޅޯމަސް ޒައިތޫނި ތެލުގައި ހުންނަ މަސް ދަޅެވެ.

މިފްކޯއިން ތަޢާރަފް ކުރި ޓޫނާ ފަސްމީރު ޗަންކްސް އިން އޮއިލް ވިތް ގާލިކް
މިފްކޯގެ ސީއީއޯ އިސްމާއީލް ފައުޒީ "ސަން"އަށް ވިދާޅުވީ އެ ދެ ބާވަތުގެ މަސްދަޅަކީ ވެސް އާންމުންނަށް ވަރަށް ކަމުދާނެ އެއްޗެއް ކަމަށެވެ. އަދި އެ ދެ މަސްދަޅުގެ ބާވަތަކީ ޕްރިމިއަމް ދަޅުގައި ބަންދުކޮށްފައިވާ ކޮލެޓީ ރަނގަޅު ދެ ބާވަތެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިފްކޯއިން ތައާރަފް ކުރި ވަޅޯމަސް ޒައިތޫނި ތެލުގައި މަސްދަޅުގެ ފޮޓޯއެއް
"ހޯސާ"އިން އީޖާދީ ބަދަލެއް، ބޮޑެތި ލުއި ފަސޭހަ ތަކެއް!
މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް ފަރެސްމާތޮޑާގައި އިއްޔެ ބޭއްވި ޚާއްސަ ހަފުލާގައި މިފްކޯއިން ތައާރަފް ކުރި "ހޯސާ" އެޕަކީ 1993 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ އެއް ވަނަ ދުވަހު މިފްކޯ ވުޖޫދު ވުމަށްފަހު، އެކުންފުނިން އީޖާދު ކުރި އެންމެ އިންގިލާބީ، ބޮޑު އެއް ފަސޭހަ ކަމަށް އެ ކުންފުނިން ބުންޏެވެ.
މަސްވެރިންނަށާއި އޮޑިވެރިންނަށް ޚާއްސަ އެ އެޕާއެކު، ބިލްތަކުގައި އަތުން ލިޔެ، މެނުއަލީ އެ ބިލްތައް ބޭނުން ކުުރުން ނިމުމަކަށް އަންނާނެ ކަމަށް މިފްކޯއިން ބުންޏެވެ.
މިފްކޯއިން ބުނީ އެ އެޕް އުފެއްދުމުގެ މަަސައްކަތް ފެށީ 2020 ވަނަ އަހަރު ކަމަށެވެ. އެ އެޕް މެދުވެރިކޮށް، މަސް ކިރުވުމަށް ރަށަށް ނުގޮސް ކިއު ނަމްބަރު ނެގުމާއި، ކިރުވި މަހަށް ލިބޭ ފައިސާގެ ހިސްޓްރީ ބެލުން ފަދަ މަސްވެރިކަމުގެ އެކި ކަންކަން ކުރެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
މިފްކޯގެ ސީއީއޯ އިސްމާއީލް ފައުޒީ ވާހަކަދައްކަވަނީ --- ސަން ފޮޓޯ/ ނާއިލް ހުސައިން
މިފްކޯގެ ސީއީއޯ އިސްމާއީލް ފައުޒީ ވިދާޅުވީ އެ އެޕްލިކޭޝަނާއެކު އަތުން ލިޔެގެން ބިލްތައް ހެދުމާއި ބިލްތައް އަތުގައި ގެންގުޅުން ހުއްޓޭނެއެވެ.
އެ އެޕްލިކޭޝަނުން ލިބޭ ޚިދުމަތްތައް
- މަސް ކިރުވުމަށް ކިއު ނަންބަރު ނެގުން
- މަސްވެރިކަން ކުރުމުގެ ރަޖިސްޓްރޭޝަން، ލައިސެންސް ފަދަ މުހިންމު ލިޔެކިއުންތަކަށް އެޕްލައި ކުރުން

ފެލިވަރު މަސް ފެކްޓަރީގެ ތެރޭގައި މުވައްޒަފުން މަސައްކަތް ކުރަނީ: އެ ފެކްޓަރީގައި މަސައްކަތް ކުރަނީ މުޅިންވެސް އަންހެނުން، ގިނައީ ބިދޭސީ އަންހެނުން -- ސަން ފޮޓޯ/ ނަޖާހު މަސްއޫދު
އެ އެޕްލިކޭޝަން މެދުވެރިކޮށް މަސްވެރިންނަށާއި އޮޑިވެރިންނަށް ވަކި ޚާއްސަ ލޮގިންއެއް ހެދޭނެއެވެ. މި ލޮގިން ބޭނުންކޮށްގެން އެޕަށް ވަނުމުން ދޯންޏަށް ޚާއްސަ ވޮލެޓެއް ފެންނަން ހުންނާނެއެވެ. އެ ވޮލެޓުން، ދޯނީގެ ބިލްތަކުގެ ތަފްސީލާއި ފައިސާ ލިބިފައިވާ ބިލްތަކާއި ފައިސާ ނުލިބޭ ބިލްތަކުގެ ތަފްސީލު ފެންނަން ހުންނާނެއެވެ.
މީގެ އިތުރުން، ތެޔޮ ނުވަތަ އައިސް ގަންނަ ނަމަ، އެ ފަދަ ކަންކަމުގެ ތަފްސީލުތައް ވެސް އެޕުން ފެންނަން ހުންނަ އިރު، ދޯނީގެ ކްރޫސް ލިސްޓްތައްވެސް މި އެޕްލިކޭޝަނަށް އިތުރު ކުރުމުގެ ފުރުސަތު ލިބޭނެއެވެ.
"ހޯސާ" މެދުވެރިކޮށް ދޯނީގެ ލޮކޭޝަން ރިއަލް ޓައިމްގައި މެޕުން ފެންނަން ހުންނާނެއެވެ. އަދި ދޯނި މަސްބޭނި ހިސާބުވެސް ހީޓް މެޕެއްގެ ގޮތުގައި ޖެނެރޭޓް ކުރެވޭނެއެވެ.
މި ހީޓް މެޕުގެ ބޭނުމަކީ އެހެން ދޯނިތަކަށްވެސް އެނގޭނެހެން މަސްވެރިކަން އެންމެ ރަނގަޅު ހިސާބުތައް ފާހަގަކޮށް، އެހެން ދޯނިތަކަށް ވެސް މަސްވެރިކަން ކުރުމަށް ބާރުއެޅުމާއި އެހީތެރިވެދިނުން ކަމުގައި ފައުޒީ ވިދާޅުވިއެވެ.
ހަމައެއާއެކު، "ހޯސާ"އިން ދޯނީގެ އޯވާވިއު ސްޓެޓިސްޓިކްސް ފެންނަން ހުންނާނެއިރު، މި ތަފާސް ހިސާބުތަކުން އެ ދޯންޏަކުން މަސް ބޭނި މިންވަރާއި، މަސް ކިރުވި މިންވަރާއި އެ މަހުގެ ސައިޒުތައް ފަދަ މުހިންމު މައުލޫމާތުތައް ފެންނަން ހުންނާނެއެވެ.

ފެލިވަރު މަސް ފެކްޓަރީ ތެރޭގައި މަސް ކަނޑަނީ -- ސަން ފޮޓޯ/ ނަޖާހު މަސްއޫދު
މިފްކޯގެ ފަރާތުން މަސްވެރިންނަށް ދޭން ބޭނުންވާ މެސެޖުތައް އެ އެޕް މެދުވެރިކޮށް އެންމެ ފަސޭހަ ގޮތުގައި ފޯރުކޮށްދެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
އެ އެޕުގެ ސަބަބުން، ސަރުކާރުން މަސްވެރިންނަށް އިތުރު އިނާޔަތްތަކާއި އިންޝުއަރެންސްތައް ތައާރަފު ކުރުމަށް ބޮޑު ލުއި ފަސޭހަތަކެއް ލިބޭނެ ކަމަށް ވެސް މިފްކޯއިން ބުންޏެވެ. އެގޮތުން އެޕްލިކޭޝަންގެ ތެރޭގައި ހުންނަ މައުލޫމާތައް ބަލައި މަސްވެރިންނަށް ބޭނުންވާ ކަންކަން ފުރިހަމަ ކުރުމުގައި، މިފްކޯގެ ރިޕޯޓް ހެޑުގައި ސިޓީ ފަދަ ތަކެތި ފޯރުކޮށްދިނުމުގެ ފުރުސަތު މިފްކޯއަށް ލިބޭނެއެވެ.
މިފްކޯގެ އަމާޒަށް ބަދަލެއް ނެތް، އަދިވެސް ކުރިއަށް!
ރާއްޖޭގެ މަސްވެރިކަން އެންމެ ރަނގަޅު ސަރަހައްދަކީ ދެކުނު ކަމަށްވާއިރު، ކޫއްޑޫގެ ފްރީޒިން ކެޕޭސިޓީ އިތުރުކުރަން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ފައުޒީ ވިދާޅުވިއެވެ. އޭގެ ތެރޭގައި މޯބައިލްކޮށް މަސް ކިރުވުމުގެ މަސައްކަތްތައް އަވަސް ކުރުުމުގެ ގޮތުން ކެޕޭސިޓީ ބޮޑު ބޯޓުފަހަރުތައް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފައުޒީ ވިދާޅުވިއެވެ.

އޭޕްރިލް 2022: ކޫއްޑޫއަށް މަސްކިރަން ގޮސް ތިބި ދޯނިތައް ކިޔޫގައި --- ފޮޓޯ/ ސޯޝަލް މީޑިއާ
"މަސްވެރިންނަކީ ބާނާ މަހަށް، ރަނގަޅު އާމްދަނީއެއް ލިބޭ ބައެއް. މީގެ ތެރެއިން އެ ޚިދުމަތް ފޯރުކޮށްދިނުމަށް މިފްކޯގެ ވަސީލަތްތައް އަފްގްރޭޑް ކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން،" ފައުޒީ ވިދާޅުވިއެވެ.
ރާއްޖޭގެ ދެކުނުގެ އިތުރުން، އުތުރުގެ ރަށްތަކުން މަސްވެރިން ބާނާ މަސް ފަސޭހަ ކަމާއެކު ކިރުވުމަށް އެ ސަރަހައްދުގައި ފްރީޒިން ކެޕޭސިޓީތައް ގާއިމް ކުރުމަށް ނިންމާފައިވާ ކަމަށްވެސް ފައުޒީ ވިދާޅުވިއެވެ.
ފައުޒީ އިތުރަށް ވިދާޅުވީ މަހަށް ރަނގަޅު އަގު ހޯދުމަށް އެހެން ކުންފުނިތަކުން ވެސް މި ދާއިރާއަށް ވަނުމަކީ މުހިންމު ކަމެއް ކަމަށެވެ.
މަސްވެރިކަމުން ލިބެންޖެހޭ ހަމަ އަގު ނުލިބުމަކީ މަސްވެރިންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައެވެ. މިކަމާގުޅޭ ގޮތުން މަސްވެރިންގެ ފަރާތުން ގިނަ ކަންބޮޑުވުންތަކެއް އިއްޔެ ވެސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާ ހިއްސާކޮށްފައިވެއެވެ.