ޓޭލާ ފުރަތަމަ ފަހަރަށް ފިލްމެއް ޑައިރެކްޓް ކުރަނީ

މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓު ފުރަތަމަ ފަހަރަށް ފިލްމެއް ޑައިރެކްޓު ކުރުމަށް ތައްޔާރުވެއްޖެއެވެ.

އަމިއްލައަށް ލަވަ ލިޔުމާއި ލަވަތަކުގެ މަސައްކަތުގައި ބޮޑަށް އެކަނި މަސައްކަތް ކުރާކަމަށް ފާހަގަކުރެވިފައިވާ ޓޭލާ އަކީ ހޮލީވުޑްގެ ފިލްމުތަކުގައި ކުދި ކުދި ރޯލުތަކުން ވެސް ފެނިގެން ގޮސްފައިވާ އާޓިސްޓެކެވެ. އޭނާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ޕީރިއަޑް ތުރިލާއެއް ކަމަށްވާ އެމްސްޓަޑޭމް އިންނެވެ.

ޓޭލާ އަމިއްލަ ޑައިރެކްޓު ކުރާ ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މަޝްހޫރު ޕްރޮޑަކްޝަން ކުންފުނި ސާޗްލައިޓުންނެވެ. ސާޗްލައިޓަކީ އޮސްކާ ހޯދާފައިވާ ބޮޑެތި ފިލްމުތައް ނެރެފައިވާ ކުންފުންޏެކެވެ. އޭގެތެރޭގައި "ޝޭޕް އޮފް ވޯޓާ" އާއި "ނޯމެޑްލޭންޑް" ފަދަ ފިލްމުތައް ހިމެނެއެވެ.

ސާޗްލައިޓްގެ ރައީސް ޑޭވިޑް ގްރީންބޯމް ބުނާގޮތުގައި އެކުންފުނީގެ ދަށުން ޓޭލާގެ އަމިއްލަ ފިލްމެއް ފުރަތަމަ ފަހަރަށް ޑައިރެކްޓް ކުރުމަކީ އެކުންފުންޏަށް ލިބުނު ބޮޑު ޝަރަފެކެވެ.

ޓޭލާ އަކީ ޒަމާނަކުން އެއް ފަހަރު މަދުން ނޫނީ ނުފެންނަ ފަދަ އާޓިސްޓެއް ކަމަށް އޭނާ ބުނެއެވެ.

ޓޭލާ ދާދިފަހުން ވަނީ އޭނާގެ މިއުޒިކް ވީޑިއޯއަކަށް ކުރު ފިލްމެއް ތައްޔާރުކޮށްފައެވެ. "އޯލް ޓޫ ވެލް"އަށް ތައްޔާރުކުރި ކުރު ފިލްމުގެ ސްކްރިޕްޓު ވެސް ލިޔުނީ ޓޭލާއެވެ. އެ ކުރު ފިލްމު މިއުޒިކް ވީޑިއޯއަށް ވަނީ ޓޭލާއަށް ވީއެމްއޭގެ އެންމެ މޮޅު ޑައިރެކްޝަންގެ އެވޯޑު ލިބިފައެވެ. މި މިއުޒިކް ވީޑިއޯ ކުރު ފިލްމަކީ އަންނަ އަހަރު އޮތް އެކެޑެމީ އެވޯޑްސްއަށް ވެސް ޝަރުތު ހަމަވާ ކުރު ފިލްމެކެވެ.

ޓޭލާ އަމިއްލަ ލިޔާ ވާހަކައަކަށް ޑައިރެކްޓް ކުރާ ފިލްމާ ގުޅޭ މާ ގިނަ މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ފޭނުން މިވަގުތު އިންތިޒާރު ކުރަމުން އަންނަނީ ފިލްމުގެ ކާސްޓު އިއުލާނު ކުރާނެ ދުވަހަކަށެވެ.

comment ކޮމެންޓް