އެމްއެމްސީގެ މެމްބަރުކަމަށް ސަން އޮންލައިންގެ އަޙުމަދު އާޒިފް އިންތިޚާބުކޮށްފި

"ސަން އޮންލައިން"ގެ މެނޭޖިން އެޑިޓަރު އަޙުމަދު އާޒިފް

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ މެމްބަރު ކަމަށް "ސަން އޮންލައިން"ގެ މެނޭޖިން އެޑިޓަރު އަޙުމަދު އާޒިފާއެކު، ހަތް މެމްބަރުން މިއަދު އިންތިޚާބުކޮށްފިއެވެ.

ހޯމް މިނިސްޓްރީއިން އިންތިޒާމްކޮށްގެން މިއަދު ސޯޝަލް ސެންޓަރުގައި ކުރިއަށްގެންދިޔަ އެ އިންތިޚާބުގައި ވޯޓުލުމަށް 99 މީޑިއާއަކުން ރަޖިސްޓްރީ ކޮށްފައިވެއެވެ. އިންތިޚާބުގައި ޖުމްލަ 93 މީޑިއާއަކުން ވަނީ ވޯޓުލާފައެވެ.

މީޑިއާ ކައުންސިލްގައި ހިމެނެނީ މީޑިއާތަކުގެ ފަރާތުން އިންތިޚާބުކުރާ ހަތް މެމްބަރުންނާއި އާންމު މެމްބަރުންގެ ގޮތުގައި ހިމެނޭ ހަ މީހުންނެވެ.

މި އިންތިޚާބަށް މީޑިއާތަކުގެ ފަރާތުން 10 ކެންޑިޑޭޓުން ކުރިމަތިލިއިރު، އާންމުންގެ ފަރާތުން ކުރިމަތިލީ 12 ކެންޑިޑޭޓުންނެވެ.

މި އިންތިޚާބުގައި އެންމެ ގިނަ ވޯޓު ހޯދައިގެން މީޑިއާގެ މެމްބަރު ކަމަށް ހޮވުނު ދެ ބޭފުޅުންގެ ތެރޭގައި "ސަން"ގެ މެނޭޖިން އެޑިޓަރު އާޒިފް ހިމެނެއެވެ. އާޒިފަށް ލިބުނީ 85 ވޯޓެވެ.

މީޑިއާގެ މެމްބަރު ކަމަށް ހޮވުނު ކެންޑިޑޭޓުން:

  • އަޙުމަދު އާޒިފް (ސަން އޮންލައިން) ލިބުނު ވޯޓު: 85
  • މޫސާ ރަޝީދު (މިހާރު އޮންލައިން) ލިބުނު ވޯޓު: 80
  • މުޙައްމަދު ސިމާއު (ވަން އޮންލައިން) ލިބުނު ވޯޓު: 85
  • މުޙައްމަދު އަފްރާހް (ތިލަދުން) ލިބުނު ވޯޓު: 82
  • ޙުސެއިން ޝަރީފް (ވަގުތު) ލިބުނު ވޯޓު: 75
  • އަޙުމަދު މުސްތަފާ (ޕީއެސްއެމް) ލިބުނު ވޯޓު: 62
  • ޢަލީ ނިޝާން (އާފަތިސް އޮންލައިން) ލިބުނު ވޯޓު: 58

އިންތިޚާބުގައި ބާތިލް ހަތް ވޯޓު ހިމެނޭއިރު، ސައްހަ ވޯޓުގެ ގޮތުގައި 86 ވޯޓު ވަނީ ކަނޑައަޅައިފައެވެ. މީޑިއާ ކައުންސިލްގައި މިހާރު ތިބި 15 މެމްބަރުންގެ ތެރެއިން 13 މެމްބަރުންގެ ދައުރު މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ހަމަވާނެއެވެ.

މީގެ 11 އަހަރު ކުރިން ނޫސްވެރިކަމުގެ ދާއިރާއަށް ނުކުތް އާޒިފަކީ މިހާރު "ސަން އޮންލައިން"ގެ މެނޭޖިން އެޑިޓަރެވެ. ނިއުސްރޫމް މެނޭޖް ކުރުމުގެ އެންމެ އިސް މަސްއޫލިއްޔަތު އަދާކުރައްވަނީ އާޒިފެވެ.

އާޒިފް ވަނީ އެމްއެމްސީގެ ނައިބު ރައީސްކަން 2018އިން 2020އަށް ކުރައްވާފައެވެ.

comment ކޮމެންޓް