ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޑާވިން ކެފޭއިން ފަސް ޕަސެންޓުގެ ޑިސްކައުންޓެއް

ޑާވިން ކެފޭ --- ފޮޓޯ/ ޑާވިން ކެފޭ

ޑާވިން ކެފޭއިން ނުކުޅުދުންތެރިކަން ހުންނަ މީހުންނަށް ޚާއްސަ ސްކީމެއް ތައާރަފުކޮށް، ރާއްޖޭގެ ތާރީޚުން ޖާގައެއް ހޯދައިފިއެވެ. މިއީ ނުކުޅެދޭ މީހުންނަށް ޚާއްސަ ޑިސްކައުންޓެއް ލިބޭ ގޮތަށް، ދިވެހި ރެސްޓޯރަންޓަކުން މިފަދަ ސްކީމެއް ތަޢާރަފުކުރި ފުރަތަމަ ފަހަރެވެ.

ޑާވިން ކެފޭއަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފަސޭހައިން ވަދެ ނުކުމެ އުޅެވޭ ގޮތަށް، ދިމާވެދާނެ ދަތިތަކަށާއި އުނދަގޫތަކަށް ވިސްނާ ފަރުމާކޮށްފައިވާ ކެފޭއެކެވެ. އެގޮތުން އެތަނުގެ ފާހަނާތައް ވެސް ހުންނާނީ އެފަދަ މީހުންނަށް ފަސޭހައިން ބޭނުން ކުރެވޭނެ ގޮތަކަށެވެ.

ޑާވިންއިން ތައާރަފުކުރި ސްކީމަކީ، ނުކުޅެދޭ މީހުންނަށް ދޫކުރާ ޕީޑަބްލިޔުޑީ ކާޑު އޮންނަ މީހުންނަށް، އެ މީހުން ހޯދާ ޚިދުމަތްތަކުން ފަސް ޕަސެންޓްގެ ޑިސްކައުންޓެއް ލިބޭ ސްކީމެކެވެ.

އެ ޑިސްކައުންޓް އެމީހުންގެ އާއިލާއާއި ރަހުމަތްތެރިންނަށް ވެސް، ކެފޭގައި ތިބެގެން ކެއުމަށާއި ކާއެއްޗެހި ޕެކް ކޮށްގެން ގެންދިޔުމަށް ލިބޭނެއެވެ.

ޑާވިން ކެފޭގައި ބޭއްވި ހަފުލާގެ ތެރެއިން --- ފޮޓޯ/ ޑާވިން ކެފޭ..

އެ ސްކީމް ތައާރަފު ކުރުމަށް ޑާވިން ކެފޭގައި އިއްޔެ ޚާއްސަ ހަފުލާއެއް ބާއްވާފައިވެއެވެ. މި ހަފުލާގައި ޖެންޑާ މިނިސްޓްރީއާއި ޔޫއެންޑީޕީ އާއި ޑިސްއެބްލިޓީ ކައުންސިލާއި ޕެރަލެމްޕިކް ކޮމެޓީ އާއި ވެލްނަސް އެސޯސިއޭޝަނާއި މޯލްޑިވްސް އެސޯސިއޭޝަން ފޯ ޕާސަންސް ވިތު ޑިސެބިލިޓީސްގެ މެމްބަރުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އެ މީހުންގެ އާއިލާގެ މެމްބަރުން ބައިވެރިވިއެވެ.

ޑާވިން ކެފޭ ހުޅުވީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އެތަނުގެ އަމާޒަކީ އެންމެންނަށް ވެސް ހަމަހަމަކޮށް، ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދިނުމެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚާއްސަ ފުރުސަތުތައް ހުޅުވާލައި، ތަފާތު ސްކީމްތައް ތައާރަފު ކުރުމުގެ ޖޯޝާއި ހިތްވަރު އެ މީހުންނަށް ވެސް ގެނައުން ކަމަށް އެ ކެފޭއިން ވަނީ ބުނެފައެވެ.

ޑާވިން ކެފޭއިން ދިވެހި ކެއުންތަކުގެ އިތުރުން އިންޑިއާއާއި ބޭރުގެ އެހެން ގައުމުތަކުގެ ރަހަތައް ވެސް ތަޖުރިބާ ކުރެވޭނެއެވެ.

އެ ކެފޭއިން ވަނީ، ކެފޭގެ ޚިދުމަތް ދުވަހުން ދުވަހަށް ރަނގަޅު ކުރުމަށް ޓަކައި ތަނުގެ ފެންވަރު އަބަދުވެސް ރަނގަޅު ކުރުމަށް މަސައްކަތް ކުރަމުންދާނެ ކަމަށް ބުނެފައެވެ.

ޑާވިން ކެފޭ ހުންނަނީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ބީޗު ފަޅީގައި، ފަތާ ޓްރެކް ކައިރީގައެވެ. އެއީ ހިރުނދު މަގާއި ނިރޮޅު މަގުގެ 14 ވަނަ ގޯޅި ގުޅޭ ކަންމައްޗެވެ.

comment ކޮމެންޓް