ބާނާ މަހަށް ހަމަ އަގު ނުލިބޭ މައްސަލައަށް ހައްލު ހޯދަން ޖެހޭ: ސިޔާމް

އެމްޑީއޭ ގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި އެ ޕާޓީގެ ރައީސް އަޙްމަދު ސިޔާމް މުޙައްމަދު-- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

މަސްވެރިން ބާނާ މަހަށް ހަމަ އަގު ނުލިބޭ މައްސަަލައަކީ ބޮޑުވެފައިވާ މައްސަލައެއް ކަމަށާއި އެކަމަށް އަވަސް ހައްލެއް ހޯދަންޖެހޭ ކަމަށް ދ. މީދޫ ދާއިރާގެ މަޖިލިސް މެމްބަރު އަދި އެމްޑީއޭގެ ރައީސް އަޙްމަދު ސިޔާމް މުހައްމަދު މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ މަސްވެރިންގެ ދުވަހާ ގުޅިގެން ސިޔާމް ވަނީ ރާއްޖޭގެ ހުރިހާ މަސްވެރިންނަށާއި، މި ދައިރާގައި ހަރަކާތްތެރިވާ މީހުންނަށް ދުވަހުގެ ތަހުނިޔާ އަރިސްކުރައްވައިފައެވެ.

އެއާއެކު މިއަދު މި ސިނާއަތުގައި ގިނަ ދަތިތަކާއި ގޮންޖެހުންތައް ހުރިކަމަށް އޭނާ ވިދާޅުވިއެވެ.

"މިއަދު ދިވެހިރާއްޖޭގެ މަސްވެރިންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބާނާ މަސްކޮޅު ކިރުވުމުގައި ދިމާވާ މައްސަލަތަކާއި، މަހަށް ހަމަ އަގު ނުލިބުމުގެ މައްސަލަ. ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް މިދެންނެވުނު ހައްސާސީ މައްސަލައަށް އަވަސް ހައްލެއް ހޯދުމަކީ ކުރަން ޖެހިފައިވާ ކަމެއް،" ސިޔާމް ވިދާޅުވިއެވެ.

އެގޮތުން މަސްވެރިކަމުގެ އިންވެސްޓްމަންޓްތައް އިތުރުކޮށް، މަސް ކިރާ މިންވަރު އިތުރުކުރުމަށް ކޯލްޑް ސްޓޯރޭޖްތައް ރާއްޖޭގެ އެކި ހިސާބުތަކުގައި ގާއިމްކުރަން ޖެހޭ ކަމަށް ސިޔާމް ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖެއިން ބާނާ މަސް އެކްސްޕޯޓު ކުރުމުގައި ފަސޭހަ ގޮތްތަކެއް ހަމަޖައްސައި، އާ މާކެޓްތަކަށް ދިވެހި މަސް ވިއްކޭތޯ މަސައްކަތް ކުރަން ޖެހޭކަމަށް ވިދާޅުވިއެވެ.

"މަސްވެރިކަމަކީ ދިވެހިންގެ ހިތްތަކާއި ގުޅިފައިވާ ޤަދީމީ މަސައްކަތެއް. އެއީ އަޅުގަނޑުމެންގެ އިގްތިޞާދުގެ ލޭނާރު. މިއަދު ވެސް މި ދިވެހިރާއްޖޭގެ ގިނަ އަދަދެއްގެ އާއިލާތަކުގެ އާމްދަނީ ބިނާވެފައިވަނީ މި މުހިންމު މަސައްކަތުގެ މައްޗައް، އެހެންކަމުން، މިފަދަ ދުވަހެއްގައި، މަސްވެރިންގެ ޝަކުވާތަކުގެ އަޑު އަހައި، އެ ޝަކުވާތަކަށް ހައްލު ހޯދައިދިނުމަށް ކަމާ ގުޅުންހުރި ހުރިހާ ފަރާތްތަކަކުން މަސައްކަތް ކުރެއްވުން މުހިންމު ކަމުގައި އަޅުގަނޑު ދެކެން،" ސިޔާމް ވިދާޅުވިއެވެ.

ސިޔާމް ވިދާޅުވީ އޭނާގެ އެދުމަކީ ރާއްޖޭގެ މަސްވެރިކަން ކުރިއެރުމާއެކު މަސްވެރިންނަށް ކުރިއެރުން ލިބުން ކަމަށެވެ.

މަސްވެރިންގެ ދުވަސް ފާހަގަކުރާއިރު މިހާރު ވެސް ގިނަ މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ލިބިފައިނުވާކަން އެ މީހުންގެ ވާހަކަތަކުން އެނގެއެވެ.

އެގޮތުން މަސްވެރިކަމުގެ މޫސުމުގައި ބާނާ މަސްކޮޅު ނުކިރި، ކަނޑަށް އުކައިލަން ޖެހުމާއި، މަސް ގަންނަ ފެކްޓްރީތައް އޮޕަރޭޓްނުކުރެވި ހުރުން ވެސް ހިމެނެއެވެ.

comment ކޮމެންޓް