ކޭޓު ފެނު އަޑީގައި ނޭވާ ނުލާ ހަތް މިނެޓު

އެމެރިކާގެ މަޝްހޫރު ބަތަލާ ކޭޓް ވިންސްލެޓަށް ފެނު އަޑީގައި ނޭވާ ނުލައި ހަތް މިނެޓާއި 15 ސިކުންތު ހޭދަކޮށް އެތައް ބަޔަކު ހައިރާން ކޮށްލައިފިއެވެ.

ފިލްމު ޝޫޓިންތަކުގެ ތެރޭގައި ގިނަ ތަރިންގެ ތެރެއިން އެންމެ ގިނައިރު ނޭވާ ހިފަހައްޓާލެވޭ ތަރިއެއްގެ ރެކޯޑު މިހާރު އޮތީ ކޭޓް އަތުގައެވެ. އެވެޓާގެ އާ ފިލްމު "ވޭ އޮފް ދަ ވޯޓާ"ގެ ޝޫޓިން ތެރެއިން ކޭޓް ވަނީ ޕޫލެއްގެ ތެރޭގައި ހަތް މިނެޓު ވަންދެއް ނޭވާ ހިފަހައްޓާލާފައެވެ.

މީގެކުރިން އެ ރެކޯޑު އޮތީ މަޝްހޫރު އެކްޓަރު ޓޮމް ކްރޫޒްގެ އަތުގައެވެ. އޭނާ ވަނީ މަޝްހޫރު މިޝަން އިމްޕޮސިބަލް ފްރެންޗައިޒް "މިޝަން އިމްޕޮސިބަލް"ގެ ޝޫޓިން ތެރެއިން ނޭވާ ހިފަހައްޓާލައިގެން ރެކޯޑެއް ގާއިމުކޮށްފައެވެ. ކްރޫޒަށް ފެނު އަޑީގައި ނޭވާ ހިފަހައްޓާލެވުނީ ހަ މިނެޓަށެވެ.

މި ދެ އަދަދަކީ ވެސް އާދަޔާ ހިލާފު ދެ އަދަދެވެ. އެގޮތުން އެވަރެޖު މީހަކަށް ނޭވާ ހިފަހައްޓާލެވޭނީ އެއް މިނެޓެވެ. އަދި އެންމެ ގިނަ ކޮށް އެވަރެޖުކޮށް ވެސް ހިފެހެއްޓޭނީ ދެ މިނެޓެވެ. ނަމަވެސް ކޭޓް އާއި ކްރޫޒް ވަނީ އެ އަދަދަށް ވުރެ މާ ގިނައިރު ފެނު އަޑީގައި ހޭދަކޮށްފައެވެ. މިއީ އާދައިގެ ކަމެއް ނޫނެވެ.

"އަހަރެން ފެނު އަޑީގައި ނޭވާ ހިފަހައްޓައިގެން އޮންނަ ވީޑިއޯއެއް އަސްލު އެބައިން އަހަރެންގެ ފިރިމީހާ ނަގާފައި،" ކޭޓް ބުންޏެވެ.

ކޭޓް ބުނިގޮތުގައި އޭނާގެ ފިރިމީހާ އެވެޓާގެ ސެޓަށް ގެންދިޔުމަށް ފުރަތަމަ ވަނީ ދެކޮޅު ހަދާފައެވެ. ނަމަވެސް ސެޓަށް ގެންދިޔުމުން ފެނު އަޑީގައި އުޅޭއިރު ރެކޯޑު ކުރާނެ ކަމަަށް އޭނާ ބުނި ކަމަށް ކޭޓް ބުންޏެވެ. އެންމެ ފަހުން އެކަމަށް އެއްބަސްވުމުން ވީޑިއޯއެއް މިހާރު ލިބިފައިވާ ކަމަށް ކޭޓް ބުންޏެވެ.

އެވެޓާގެ އާ ފިލްމު މި މަހުގައި އަޅުވާއިރު ފިލްމުގެ މުހިއްމު ރޯލަކުން ކޭޓް ފެނިގެންދާނެއެވެ.

comment ކޮމެންޓް