ސްކްރިޕްޓް ނިމިފައި އޮއްވައި ވޮންޑަ ވުމަން ކެންސަލް

ޑީސީ އެކްސްޓެންޑެޑް ޔުނިވާސް (ޑީސީއީޔޫ)ގެ މަގުބޫލު ސުޕަހީރޯ ވޮންޑަ ވުމަންގެ ތިންވަނަ ބައިގެ ސްކްރިޕްޓް ނިމިފައި އޮއްވައި އެ ކުންފުނިން ފިލްމު އުފެއްދުން ކެންސަލް ކޮށްލައިފިއެވެ.

ޑީސީއީޔޫ ބަލަހައްޓާ ކުންފުނި ކަމަށްވާ ވޯނާބްރޮސްއަށް ދާދި ފަހަކުން ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. މި ބަދަލުތަކާއެކު އެ ކުންފުނީގެ ބެލުމުގެ ދަށުގައިވާ ގިނަ ޕްރޮޑަކްޝަންތަކުގެ ބޮޑެތި ޕްރޮޖެކްޓުތަކެއް ވަނީ ކެންސަލް ކޮށްލާފައެވެ.

މި ވާހަކަތަކާއެކުގައި ފިލްމުގެ ޑައިރެކްޓަރު ޕެޓީ ޖެންކިންސް އާންމުކޮށްފައިވަނީ ތިންވަނަ ފިލްމެއް އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ފިލްމުގެ ސްކްރިޕްޓު މިހާރު ނިންމާލާފައިވާ ކަމަށް ވެސް ޕެޓީ ހާމަކުރިއެވެ. އެއާއެކު ފޭނުން ތިބީ ތިން ވަނަ ބަޔަކަށް ވަރަށް އިންތިޒާރު ކޮށްގެނެވެ.

ނަމަވެސް ވޯނާ ބްރޮސް އިން މިހާރު ވަނީ ވޮންޑަ ވުމަންގެ ތިން ވަނަ ބައި ކުރިއަށް ނުގެންދިޔުމަށް ނިންމާފައެވެ. އެއާއެކު ތިންވަނަ ބައި ދެން އުފެއްދުމުގެ މަސައްކަތް ހުއްޓާލަން ޖެހޭނެއެވެ.

މިކަމާ ގުޅޭގޮތުން ޕެޓީގެ ފަރާތުން ވަކި އެއްޗެއް އަދި ބުނެފައެއް ނުވެއެވެ.

ފިލްމު ކެންސަލު ކޮށްލިއިރު ކާސްޓުން އިއުލާނުކޮށްފައެއް ނުވެއެވެ. ނަމަވެސް ވޮންޑަ ވުމަންގެ ރޯލުން ފެނިގެން ދިޔަ ގަލް ގަޑޯޓް ތިން ވަނަ ފިލްމުން ފެންނާނެ ކަމަށް ޕެޓީ ވަނީ ކުރީން އިޝާރާތް ކޮށްފައެވެ. ނަމަވެސް އެންމެ ފަހުން މިއިން އެއްވެސް ކަމެއް ވަނީ ކަށަވަރު ނުވެފައެވެ.

ވޯނާބްރޮސްއަށް ގެނައި ބަދަލުތަކަކީ ކުންފުނީގެ މެނޭޖްމެންޓަށް ބޮޑު ބަދަލެއް ގެނައުމާއެކު އައިސްފައިވާ ބަދަލުތަކެކެވެ. މެނޭޖްމެންޓް ބަދަލު ކުރުމާއެކު އެންމެ ބޮޑަށް އަސަރު ކޮށްފައިވަނީ ކުންފުނީގެ ސުޕަހީރޯ ފިލްމު ތަކަށެވެ. އެއާއެކު ގިނަ ސުޕަހީރޯ ފިލްމުތަކަށް ވާނެ ގޮތެއް ނޭނގިފައި ގިނަ ބަޔަކު އެބަތިއްބެވެ.

comment ކޮމެންޓް