ހައުސް އޮފް ޑްރެގަންގެ ޝޫޓިން މާޗު މަހު ފަށަނީ

މިއަހަރު އެޅުވި އެންމެ ބޮޑު އެއް ޓީވީ ޝޯ ކަމަށްވާ "ހައުސް އޮފް ޑްރެގަން"ގެ ދެވަނަ ސީޒަންގެ ޝޫޓިން އަންނަ އަހަރުގެ މާޗު މަހުގައި ފެށުމަށް ނިންމައިފިއެވެ.

އެޗްބީއޯގެ އެންމެ ބޮޑު ޝޯ ކަމަށްވާ "ގޭމް އޮފް ތުރޯންސް" ދުނިޔެއަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ހައުސް އޮފް ޑްރެގަންގެ ފުރަތަމަ ސީޒަން ނިމިފައިވަނީ މިދިޔަ އޮކްޓޫބަރު މަހުގައެވެ. އެއާއެކު ފޭނުން ތިބީ ޝޯގެ ދެވަނަ ސީޒަނަކަށް ކެތްމަދުވެފައެވެ. އަދި ދެވަނަ ސީޒަން ފެންނާނެ ދުވަހެއްގެ އިންތިޒާރުގައި އެތައް ބަޔަކު އެބަތިއްބެވެ.

އެކި ލީކްތަކުން ހާމަވާގޮތުގައި ޝޯގެ ދެވަނަ ސީޒަން ދައްކަން ފަށާނީ 2024 ވަނަ އަހަރުގެ މެދުތެރޭގައި ނުވަތަ ފަހުކޮޅުގައެވެ. އެގޮތުން އަންނަ އަހަރުގެ މާޗު މަހުގެ ތެރޭގައި ޝޯގެ ޝޫޓިން ފަށާނެއެވެ.

މައުލޫމާތު ލިބޭގޮތުގައި މިހާރު މަސައްކަތް ކުރަމުން ދަނީ ޝޯގެ ދެވަނަ ސީޒަންގެ ސްކްރިޕްޓް ފުރިހަމަ ކޮށް ޝޫޓިން ފެށުމުގެ ކުރިން ކުރަން ޖެހޭ މަސައްކަތްތައް ނިންމުމަށެވެ.

ހައުސް އޮފް ޑްރެގަންގެ ފުރަތަމަ ސީޒަންގެ ޝޫޓިން ފެށީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ. އަދި އެއަށްފަހު ޝޯ ދައްކަން ފެށީ އޯގަސްޓު މަހުގެ ތެރޭގައެވެ. އެހެންވީމާ މި ތާރީހުތަކަށް ބަލާނަމަ އަންނަ އަހަރު މާޗު މަހުގައި ޝޫޓިން ފަށައިފި ނަމަ 2024ގެ ޖުލައި މަހުގެ ތެރޭގައި ޝޯ ދައްކަން ފެށޭނެ ކަމަށް ލަފާ ކުރެއެވެ.

މި ޝޯގެ ދެވަނަ ސީޒަނާ ގުޅޭ މާ ގިނަ މައުލޫމާތު ތަކެއް އާންމުކޮށްފައެއް ނުވެއެވެ. ނަމަވެސް ލީޑް އެކްޓަރުން ދެވަނަ ސީޒަނަށް އަންނާނެ ކަމުގެ ޔަގީންކަން ވަނީ ދީފައެވެ. އޭގެތެރޭގައި މެޓް ސްމިތާއި އެމާ ޑާސީގެ އިތުރުން އޮލިވިއާ ކުކް ހިމެނެއެވެ.

comment ކޮމެންޓް