ޗޭންޑްލާ ދުވަހަކު ވެސް ފްރެންޑްސްއެއް ނުބަލާ!

މިހާތަނަށް އެޅުވި އެންމެ ބޮޑު އެއް ކޮމެޑީ ޝޯ ކަމަށްވާ "ފްރެންޑްސް"ގެ ލީޑް ކެރެކްޓަރެއް ކަމަށްވާ ޗޭންޑްލާ ބިންގްގެ ރޯލުން ފެނިގެން ގޮސްފައިވާ މެތިއު ޕެރީ މިހާތަނަށް ވެސް އެ ޝޯ ބަލާފައި ނުވާކަން ހާމަކޮށްފިއެވެ.

ފްރެންޑްސް ޓީވީ ޝޯ އޭ ބުނުމުން ހަނދާން ވާނީ ޝޯގެ މައިގަނޑު ހަ ކާސްޓު މެމްބަރުންނެވެ. އެއިން ގިނަ ބަޔަކަށް އެންމެ ކަމުދާ ކެރެކްޓަރަކީ ޗޭންޑްލާއެވެ. ޗޭންޑްލާގެ ރޯލުން ފެނިގެން ގޮސްފައިވާ މެތިއުގެ ހުނަރަށް އެތައް ބަޔަކު ވަނީ ތަރުހީބު ދީފައެވެ.

މެތިއުގެ އަމިއްލަ ފޮތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ސީބީއެސްއަށް ދިން އިންޓަވިއުއެއްގައި ވާހަކަ ދައްކަމުން ބުނެފައިވަނީ އެތައް މިލިއަން ބަޔަކު ފްރެންޑްސް ބަލަމުން ދިޔަ ނަމަވެސް އޭނާއަށް އެ ބެލުމުގެ ހިތްވަރު ލިބިފައި ނުވާ ކަމަށެވެ.

ފްރެންޑްސް ކުޅުނު ދުވަސްވަރު މެތިއު ވަނީ މަސްތުވާތަކެތީގެ ޝިކާރައަށް ވެފައެވެ. އެ ދުވަސްވަރު މެތިއުގެ ހަށިގަނޑަށް އެކި ކަހަލަ ބޮޑެތި ބަދަލުތައް އަންނަމުން ދިޔައެވެ. އެ ބަދަލުތައް ބެލުމުގެ ހިތްވަރު މެތިއުގެ ނެތް ކަމަށް އޭނާ ފާހަގަކުރިއެވެ.

އަދި ޝޯގެ ސީޒަންތަކާއި އެޕިސޯޑުތަކަށް ބަލައި މެތިއުގެ ހަށިގަނޑަށް އަންނަ ބަދަލުތަކުން އޭނާ އެ ދުވަސްވަރު ބޭނުންކުރި މަސްތުވާތަކެއްޗަށް ދަންދެއް ވަކި ކުރަން އެނގޭނެ ކަމަށް އޭނާ ބުނެއެވެ.

ނަމަވެސް މިހާރު އޭނާގެ ހާލަތު ރަނގަޅު ކަމަށް އިޝާރާތްކޮށް މެތިއު ބުނަނީ ކުރިއަށް އޮތް ތަނުގައި އަދި ފްރެންޑްސް ބަލާނެ ކަމަށެވެ. އެ ޝޯއަކީ އެތައް މިލިއަން ބަޔަކަށް ބޮޑު އެއްޗަކަށް ވެގެން ދިޔުމުން އޭގެ ސަބަބުން އައި ބަދަލުތަކާއި މީހުންނަށް ލިބުނު ހިތްހަމަ ޖެހުމުގެ ސަބަބުން އެ ބަލަން ބޭނުންވާ ކަމަށް މެތިއު ބުންޏެވެ.

comment ކޮމެންޓް