ދިވެހިންނަށް ވިސާއާ ނުލައި ޔޫރަޕަށް ދަތުރުކުރެވޭ ގޮތް ހަމަޖެއްސުމަށް މަޝްވަރާކޮށްފި

މިނިސްޓަރު އަބްދުﷲ ޝާހިދު ހެޑް އޮފް ޓާސްކް ފޯސް ފޯ އިލެކްޓޯރަލް ކެމްޕެއިން ބިޑް ކޮމިޓީ އެކްސްޕޯ 2030 ރޯމް، އާ ބައްދަލުކުރެއްވުން. / ފޮޓޯ: ފޮރިން މިނިސްޓްރީ

ޔޫރަޕަށް ދަތުރުކުރަން ބޭނުންވާ ޝެންގަން ވިސާއާ ނުލައި ދިވެހީންނަށް ދަތުރު ކުރެވޭނެ ގޮތް ހަމަޖައްސައި ދިނުމަށާއި ޔޫރަޕުން ދިވެހި މަހުގެ ބާވަތްތަކުން ނަގާ ޓެރިފް މައާފުކޮށްދިނުމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު، ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގައި އެދިވަޑައިގެންފިއެވެ.

މިނިސްޓަރު މިކަމަށް އެދިވަޑައިގެންނެވީ، އިލެކްޓޯރަލް ކެމްޕެއިން ބިޑް ކޮމިޓީ އެކްސްޕޯ 2030 ރޯމް،ގެ ހެޑް އޮފް ޓާސްކް ފޯސް ޑރ. ގެޓާނޯ ކަސްޓެލީނީ ކިއުރެލެއާ ބައްދަލުކުރައްވާ ކުރެއްވި މަޝްވަރާގެ ތެރެއިންނެވެ. މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ ހޯމަ ދުވަހުން ފެށިގެން މިއަދާ ހަމައަށް އޭނާ ރާއްޖެއަށް ކުރައްވަމުންގެންދާ ދަތުރުފުޅުގެ ތެރެއިންނެވެ.

ފޮރިން މިނިސްޓްރީގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި މިނިސްޓަރު ޝާހިދު ވަނީ އިޓަލީއާއި އީޔޫގެ ގައުމުތަކާ ގުޅުން ބަދަހިކުރުމަށް ދިވެހި ސަރުކާރުން ދެއްވާ އަހަންމިއްޔަތުކަން ފާހަގަ ކުރައްވައިފައެވެ. އަދި، ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމުގައި އިޓަލީވިލާތުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ އަގު ވަޒަންކުރައްވައި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ.

ޝެންގެން ވިސާގެ ޝަރުތު މައާފުކޮށްދިނުމަށް މިނިސްޓަރު އެދިވަޑައިގެންފައިވާއިރު، ހެންލީ ޕާސްޕޯޓް އިންޑެކްސްގެ 2022 ވަނަ އަހަރުގެ ރޭންކިންއަށް ބަލާއިރު، ރާއްޖޭގެ ޕާސްޕޯޓު ހޯލްޑަރުންނަށް ދުނިޔޭގެ 89 މަންޒިލަކަށް ވިސާ ނުނަގައި ދަތުރުކުރުމުގެ ފުރުސަތު ލިބެއެވެ. ނަމަވެސް ޔޫރަޕްގެ ޝެންގަން ބޯޑަރ ފްރީ ސަރަހައްދުގައި ހިމެނޭ 26 ގައުމަށް ދަތުރުކުރުމަށް ޝެންގަންވިސާ ބޭނުންވާނެއެވެ.

ދިވެހި ސަރުކާރުން މީގެކުރިންވެސް ޝެންގަން ވިސާ މާފްކޮށްދިނުމަށް އީޔޫގައި އެދިފައިވެއެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރު ޝާހިދުގެ އަރިހުގައި މިނިސްޓަރު އޮފް ސްޓޭޓް ފޮ ފޮރިން އެފެއާޒް އަޙްމަދު ޚަލީލާއި ޖޮއިންޓް ސެކްރެޓަރީ މަރިޔަމް މިދުފާ ނަޢީމާއި އެސިސްޓެންޓް ޑިރެކްޓަރ މުޙައްމަދު ޝައްފާޢު އިބްރާހީމާއި އެސިސްޓެންޓް ޑިރެކްޓަރު ޢާއިޝަތު ރަޔާހިން ބައިވެރިވެވަޑައިގެންނެވިއެވެ.

އީޔޫގެ ވަފްދުގެ ބޭފުޅުން ވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލާ ވެސް ބައްދަލުކުރައްވާފައެވެ. މި ދަތުރުފުޅުގެ ތެރެއިން މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާއާއި، ޓޫރިޒަމް މިނިސްޓަރު ޑޮކްޓަރ ޢަބްދުالله މަޢުސޫމާ މިއަދު ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

comment ކޮމެންޓް