ސީރިޔާގެ ރެފިއުޖީ ކޭމްޕުތަކުގައި ތިބި ދިވެހިންގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވާ މީހުންގެ މައްސަލައަށް އަވަސް ހައްލެއް ހޯދައި ދިނުމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)އިން ސަރުކާރަށް މިއަދު ގޮވައިލައިފިއެވެ.
މިކަމަށް ގޮވައިލާ އެ ޕާޓީން ނެރުނު ނޫސް ބަޔާނުގައި ބުނެފައި ވަނީ ސީރިޔާގެ ރެފިއުޖީ ކޭމްޕުތަކުގައި ދިވެހީންގެ ތެރެއިން ބަޔަކު އުޅެންޖެހި، އެ މީހުންނަށް ރާއްޖެ ނާދެވި ގިނަ ދުވަސްތަކެއް ވެފައިވާތީ އެމްއެންޕީން އެ މީހުންނާއި އެ މީހުންގެ އާއިލާތައް ތަހައްމަލު ކުރަމުންދާ ހިތާމައިގައި ބައިވެރިވެ، ކަންބޮޑުވުން ފާޅުކުރާ ކަމަށެވެ. އަދި އެ ފަރާތްތަކުގެ ކެކުޅުންތަކަށް އަވަސް ހައްލެއް ގެނެސްދިނުމަށް ސަރުކާރަށް ގޮވައިލާ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.
ސީރިއާގައި ހާލުގައި ޖެހިފައިވާ ދިވެހިންނާ ގުޅޭގޮތުން، 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު 19 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެފައި ވަނީ އެފަދަ މީހުން ބައިތިއްބަން ހަދާ ޚާއްސަ މަރުކަޒު ކުރިއަށް އޮތް ދެ މަސްދުވަހުގެ ތެރޭގައި ނިންމާ، އެ މީހުން ރާއްޖެ ގެނެވޭނެ ކަމަށެވެ.
"ރައީސް އެ ދުވަހު ވިދާޅުވި ވާހަކަފުޅަށް ޢަމަލީ ސިފަ ގެނައުމުގެ އެއްވެސް ކަމެއް ސަރުކާރުން ކުރިއަށް ނުގެންދަވާކަން ފާހަގަ ކުރަން. އަދި މަދަދަށް އެދި ފޮނުވާ އާދޭސްތަކަށް ވެސް އެކަށީގެންވާ ޖަވާބެއް ނުދެއްވާ ކަމަށް، ސީރިއާގެ ރެފިއުޖީ ކޭމްޕުތަކުގައި އުޅެންޖެހިފައިވާ ފަރާތްތަކުގެ އާއިލާއިން ޕާޓީއަށް މައުލޫމާތުދީފައިވޭ،" ބަޔާނުގައި ވެއެވެ.
އެމްއެންޕީން ބުނީ އެ މައްސަލައަކީ ގައުމީ މައްސަލައެއް ކަމަށް ސަރުކާރުން 2019 ވަނަ އަހަރު ނިންމައިގެން މަސައްކަތް ކުރަން ފައްޓާފައިވާތީ އެ މައްސަލަ މިހާރު އޮންނަން ވާނީ ހައްލުކުރެވިފައި ކަމަށް އެ ޕާޓީން ދެކޭ ކަމަށެވެ.
ދިވެހިން ހާލުގައި ޖެހި ރާއްޖެ އަންނަން އެދުނު ނަމަވެސް، އެ މީހުން ރާއްޖެ ގެނައުމުގައި ދިމާވާ އެންމެ ބޮޑު ދަތިކަމަކީ އެ މީހުންގެ އަތުގައި އެއްވެސް އޮފިޝަލް ޑޮކިއުމަންޓެއް ނެތުން ކަމަށް ސަރުކާރުގެ އޮފިޝަލަކު ވަނީ މީގެ ކުރިން "ސަން"އަށް ވިދާޅުވިއެވެ. އަދި ވިދާޅުވީ އެކި ދިވެހިން ތިބީ އެކި ޖަމާއަތްތަކުގެ ބާރުގެ ދަށުގައި އޮންނަ ކޭމްޕްތަކުގައި ކަމަށް ވާތީ، އެ ތަންތަނުން ދިވެހިން ދޫކުރުމުގައި ޝަރުތުތައް ވެސް ކުރިމަތި ކުރާ ކަމަށެވެ.