ރާއްޖެއިން ބޭރުން ހޯދާ ސަނަދުތަކަށް އެމްކިއުއޭގެ ތައްގަނޑު ބޭނުންވާނެ

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ --- ސަން ފޮޓޯ/ އިބްރާހިމް އިފާޒް

ރާއްޖެއިން ބޭރުން ހާސިލުކުރާ މަތީ ތައުލީމުގެ ސަނަދުތަކަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)އަށް ހުށަހަޅައިގެން އެ އޮތޯރިޓީއިން ގަބޫލުކޮށް، އެ އޮތޯރިޓީއިން އެއީ ސައްހަ ސަނަދެއް ކަމަށް ބަލައި، އެކަމަށް ޚާއްސަ ތައްގަނޑު ޖަހައިފައިވާ ސަނަދަކަށް ވާންޖެހޭނެ ކަމަށް އެމްކިއުއޭއިން ބުނެފިއެވެ.

އެމްކިއުއޭއިން މިއަދު އިސްލާހުކޮށް އާންމުކުރި އުސޫލުގައި ވަނީ ރާއްޖޭގައި މަތީ ތައުލީމާއި ތަމްރީނުގެ ސަނަދުތައް ގަބޫލުކުރުމަކީ، މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނުގެ ހަތް ވަނަ މާއްދާގެ ދަށުން އެ އޮތޯރިޓީއާ ހަވާލުކޮށްފައިވާ ގާނޫނީ ޒިންމާއެއް ކަމަށެވެ.

އެހެންކަމުން އެކި ގައުމުތަކުން ހާސިލުކުރާ ސަނަދުތަކަކީ، އެމްކިއުއޭއިން ގަބޫލުކުރާ ސަނަދުތަކަކަށް ވާން ޖެހޭ ކަމަށް އެ އޮތޯރިޓީއިން ބުންޏެވެ. އަދި ސަރުކާރުގެ އެކި އިދާރާތަކުން ވަޒީފާދިނުމުގައި ދެން ބަލައިގަންނާނީ އެމްކިއުއޭގެ ތައްގަނޑު ޖަހައި، އެ އޮތޯރިޓީއިން ސައްހަ ކަމަށް ބަލައިގެންފައިވާ ސަނަދުތައް ކަމަށް އެމްކިއުއޭއިން ބުންޏެވެ.

އެމްކިއުއޭއިން އިތުރަށް ބުނީ، އެ އޮތޯރިޓީއިން ގަބޫލުކުރާ ސަނަދެއްކަން ކަށަވަރުނުކޮށް، ބައެއް ސަނަދުތަކުގެ މައުލޫމާތު އެކި ގޮތްގޮތަށް ހާމަކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެފަދަ ސަނަދުތަކުގެ ތެރޭގައި އެ އޮތޯރިޓީއިން ގަބޫލުނުކުރާ ކަމަށް އާންމުކޮށް އިއުލާންކޮށްފައިވާ ސަނަދުތަކާއި ސަނަދުތައް ގަބޫލުކުރުމުގެ އުސޫލުތަކުގެ ދަށުން އެކި ސަބަބުތަކާ ހެދި އެ އޮތޮރިޓީއަށް ގަބޫލު ނުކުރެވޭ ފަދަ ސަނަދުތައް ވެސް ހިމެނޭ ކަމަށް އެމްކިއުއޭއިން ބުންޏެވެ.

އެހެންކަމުން މުއައްސަސާތަކުންނާއި ސަނަދު ހާސިލުކުރާ މީހުން އެ ކަންކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އެމްކިއުއޭއިން ވަނީ އިލްތިމާސް ކޮށްފައެވެ.

އެމްކިއުއޭއިން މިއަދު އާންމުކުރި އެ އެ އޮތޯރިޓީގެ މަތީ ތައުލީމާއި ތަމްރީނުގެ ސަނަދުތައް ގަބޫލުކުރުމާ ގުޅޭ އާންމު އިއުލާނާ ބެހޭ ގޮތުން އެ އޮތޯރިޓީއިން މިއަދު "ސަން"އަށް ބުނީ ސަނަދުތައް ގަބޫލުކުރުމުގެ އުސޫލު ކުރިން ވެސް އޮންނާނީ މިއަދު އާންމުކުރި ގޮތަށް ކަމަށެވެ.

ނަމަވެސް ކުރިން އޮންނަ ގޮތުން އާންމުންނަށް އޮޅުން އަރާތީ އެންމެންނަށް އެނގޭނެ ފަދަ ގޮތަކަށް އުސޫލު އިސްލާހުކުރުމަށްފަހު އިއުލާން ކުރީ ކަމަށް އެ އޮތޯރިޓީއިން ބުންޏެވެ.

އެމްކިއުއޭގެ ވެލިޑޭޝަން ބޭނުން ވާނީ ހަމައެކަނި ރާއްޖެއިން ބޭރުން ހާސިލު ކުރާ ސަނަދުތަކަށް އެކަންޏެވެ. ރާއްޖޭގެ ސަނަދުތަކަކަށް އެމްކިއުއޭގެ ވެލިޑޭޝަން ބޭނުމެއް ނުވާނެއެވެ.

comment ކޮމެންޓް