އެޑްވަޓޯރިއަލް: އާންމު ދަތުރުފަތުރު ކުރުމުގައި ހިތްހެޔޮކަމަކީ ސަޅި ކަމަކަށް ހަދަމާ!

މަންޒަރު (ކ): ބަހުގެ ސީޓުތަކުގައިވެސް އިށީނދެގެން އިންނަންވާނީ އަނެކާއަށް އުނދަގޫ ނުވާނެހެން. (ވ). ބަހުގެ ސީޓުތަކަށް ފައި ނަގައިގެން އިނުމަކީ އަދަބު ކުޑަގޮތެއް، މިފަދަ އަމަލުތަކުން ދުރުވަމާ. -- ފޮޓޯ/ އެމްޓީސީސީ

ތާރީޚު ދިރާސާ ކުރައްވާ ބޭފުޅުން ވިދާޅުވާ ގޮތުގައި، ދިވެހިރާއްޖޭގައި މީހުން އާބާދުވެ ދިރިއުޅެމުންދާތާއި 2500 އަށްވުރެން ގިނަ އަހަރު ވެއްޖެއެވެ. ކާބަފައިންގެ ޒަމާނުއްސުރެ ދިވެހިން މަޝްހޫރުވެފައިވަނީ މެހެމާންދާރީ އަދާކުރުމާއި، އެކުވެރިކަމާއި އެއްބައިވަންތަކަމަށް ނަމޫނާ ސިފަތަކެއް ލިބިގެންވާ ބައެއްގެ ގޮތުގައެވެ.

މިއަދު 21 ވަނަ ގަރުނުގެ ދުވަސްތައް ގުނަމުން ގެންދާއިރު، މިދެންނެވި ރިވެތި ސާދާ އަދަބުތަކާއި، ހިތްހެޔޮ ސުލޫކާއި، ދުރޫސުލް އަޚްލާގުގެ ސިފަތައްވަނީ އަދިވެސް ދިވެހި ސަގާފަތުގެ ތެރޭގައި ލާމެހިފައެވެ. މިއަދު ދިރިއުޅުމުގެ ރިވެތި އާދަތައް ކޮންމެވެސް މިންވަރަކަށް ފަނޑުވަމުން އައިނަމަވެސް، އަދިވެސް ރާއްޖޭގެ އުތުރާއި ދެކުނާއި ހަމައަށްވެސް، ދަތުރުކުރާ ކޮންމެ ދޭސީއެއްވެސް އަދި ބިދޭސިއެއްވެސް ގަބޫލުކުރާ ހަގީގަތަކީ ދިވެހިންނަކީ ހިތްހެޔޮ ބައެއް ކަމެވެ.

އާންމު ދަތުރުފަތުރަށް ނަޒަރު ހިންގާލަމާ ހިނގާށެވެ. މިއީ ދުވާލަކު އެތައް ބަޔަކު ބޭނުންކުރާ މުހިންމު ޚިދުމަތެކެވެ. ކުދިބޮޑު އެންމެނާއި އުމުރުން ދުވަސްވީ މީހުންނާއި އަދި ޚާއްސަ އެހީއަށް ބޭނުންވާ އެތައް ބަޔަކު މި ޚިދުމަތް ބޭނުންކުރާއިރު، އެކަކު އަނެކެއްގެ ހައްގުތަކަށް ވިސްނައި އިޙްތިރާމްކޮށްގެން ނޫނީ، ރަނގަޅު ފެންވަރަކަށް ލިބިދެވޭނީ ކިހިނަކުންތޯ އެވެ.

ބަހުގެ ޚިދުމަތް ހޯދާ އެތައް ބައެއް އުޅޭއިރު، ބަސްތަކުގެ ގޮނޑިތަކުގައި ކުރެހުމަކީ މިހާރު ވަރަށް އާންމުވެފައިވާ ކަމެކެވެ. ބަހުގައި ބައެއްފަހަރު ލިޔެފައި އަދި ކުރަހާފައި ހުންނަ ނޭދެވޭ އެއްޗެހީގެ ސަބަބުން ބަސް ޝެޑިއުލުން ނަގައި އެ ކުރެހުންތައް ފިލުވަންޖެހޭ ފަހަރު ދިމާވާ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ. މިފަދަ ނާތަހުޒީބު އަމަލުތަކުގެ ސަބަބުން ބަހުގައި ދަތުރުކުރާ ކުދިބޮޑު އެންމެންނަށް އޭގެ ނޭދެވޭ އަސަރުކުރެއެވެ.

މަންޒަރު (ކ): ބަހާއި ފެރީގެ ގޮނޑިތަކުގައި ކުރެހުމަކީ ނާތަހުޒީބު ޢަމަލެއް، މިފަދަ ނޭދެވޭ ޢަމަލުތައް ހުއްޓަލަމާ. މަންޒަރު (ވ): ހާއްސަކުރެވިފައިވާ ގޮނޑިބަރި ކަނޑައެޅިފައިވާ ފަރާތެއް ބަހަށް އަރައިފިނަމަ އެ ސީޓު ދިނުމަށް އިސްނަގަމާ -- ފޮޓޯ/ އެމްޓީސީސީ

މީގެއިތުރުން، ވަކި ބަޔަކަށް ހާއްސަކުރެވިފައިވާ ގޮނޑިތައް ބަސްތަކުގައި ހިމެނެއެވެ. އޭގ ތެރޭގައި މާބަނޑު މީހުންނާއި، އުމުރުން ދުވަސްވީ މީހުންނަށާއި، ބަލި މީހުންނަށާއި، ހާއްޞަ އެހީއަށް ބޭނުންވާ މީހުންނާއި އަދި ކުޑަކުދިންނަށް ހާއްސަ ކުރެވިފައިވާ ގޮނޑިތައް ހިމެނެއެވެ. ނަމަވެސް އެމްޓީސީސީ ބަސް އޮޕަރޭޝަންސްގައި އުޅުއްވާ މުވައްޒަފުން ހާމަކުރިގޮތުގައި ބައެއް ކަސްޓަމަރުން މި ގޮނޑިތަކަށް ހާއްސަކުރެވިފައިވާ ފަރާތެއް ބަހަށް އެރުމުންވެސް ގޮނޑިން ތެދުވުމުގެ ވިސްނުމެއް ނުހުރެއެވެ. އަދި ބަސް އެޓެންޑަންޓު ސީޓު ދިނުމަށް ބުނުމުންވެސް އެކަމާ އިންކާރުކުރާ ފަހަރުވެސް މަދު ނޫން ކަމަށް އެމްޓީސީސީން ބުނެއެވެ. މިއީ ހިތާމަ ހުރި ކަމެކެވެ.

ބަހުގެ ޚިދުމަތާއި އަދި އެނޫންވެސް އާންމު ދަތުރުފަތުރުގެ ޚިދުމަތް ހޯދާ އެންމެންވެސް މިފަދަ ނާތަހުޒީބު އަމަލުތަކުން އެކަހެރިވުމަކީ ބަސް ރީތިކޮށް ބޭއްވުމަށާއި ބަހުގައި ދަތުރުކުރާ ހުރިހާ ފަރާތްތަކެއްގެ ކަރާމަތައްޓަކައި ވަރަށް މުހިންމު ކަމެކެވެ.

މިއަދު ގަބޫލުކުރަން ޖެހިފައިވާ ހިތި ހަގީގަތަކީ ދިވެހިންގެ މުޖުތަމައުގައި ކުރިން އޮތް ރިވެތި އާދަތައް ފަނޑުވަމުންދާކަމެވެ. ބަހަށް އަރައިފިނަމަ ބަހުގެ ކުރިމަތީ ސީޓައް ފައި ނަގައިގެން ތިބޭ އެތައް ޒުވާނުންނެއް ފެނުމަކީ އާންމު ކަމެކެވެ. އަދި ބައެއް މީހުން ބަހުގައި އަޑުގަދަކޮށް ހަޑިހުތުރު ބަހުން ވާހަކަ ދައްކައި، ފޯނުން އަޑުބާރުކޮށް ލަވަޖާހާ ކައިރީގައި ތިބި އެންމެންނަށް އުނދަގޫވާނެހެން ޢަމަލުތައް ބެހެއްޓޭކަންވެސް ފާހަގަކުރެވެއެވެ.

ގޭތެރޭގެ ސާފުކަމާއި ރީތިކަމަށް ސަމާލުކަންދޭ ފަދައިން އަމިއްލަ މީހާގެ ސާފުތާހިރުކަމަށް ސަމާލުކަން ދިނުމާއި، ބަހުގައި ކައިބޮއި ނުހެދުމާއި، ބަހަށް ކުނި ނޭޅުމާއި، ބަހުގައި އަޑުގަދަ ނުކުރުމާއި ހަޑިހުތުރު ބަހުން ވާހަކަ ނުދެއްކުމާއި، ބަހުގައި ގްރެފިޓީ ކުރެހުމަށް ނޫނެކޭ ބުނެ، ބަހުގައި ހުންނަ ތަކެއްޗަށް ގެއްލުން ނުދިނުމަކީ، ސަޅިކަމަކަށް އެބަ ވާންޖެހެއެވެ.

މިއީ ރައްޔިތުންގެ ތަކެއްޗެވެ، އެންމެން ބޭނުންކުރާ އެއްޗިއްސެވެ. މިތަކެއްޗަށް އެކެއްގެ ފުށުން ގެއްލުމެއް ލިބުނަސް ޚިދުމަތް ހޯއްދަވާ އެންމެންނަށް އޭގެ ނޭދެވޭ އަސަރު ކުރާނެކަން ދަންނަންޖެހެއެވެ.

މަންޒަރު (ކ): ބަސްތެރެ ސާފުކޮށް ބެހެއްޓުމަށްޓަކައި އަބަދުވެސް ކުނިއެޅުމަށް ހާއްސަކުރެވިފައިވާ ވަށިގަނޑަށް ކުނިއަޅާ. މަންޒަރު (ވ): ބަސްތެރެއަށް ޓިޝޫ، ޕެކެޓް، ދަޅު ފަދަ ތަކެތި އެއްލާލަފައި ދިޔުމަކީ ސާފުތާހިރުގޮތެއް ނޫން. -- ފޮޓޯ/ އެމްޓީސީސީ

މިއަދު ގްރޭޓަރ މާލެ ސަރަހައްދުގައި ބަހުގެ ޚިދުމަތް ހޯދާ ފަރާތްތަކުން ހިތްފަސޭހަ ކަމާއެކު ދަތުރު ކުރެވޭނީ ހިތްހެޔޮކަމަކީ ސަޅި ކަމަކަށް ހަދައިގެންނެވެ. ދިވެހިންގެ ކިބައިގައި އެންމެ އިހުއްސުރެން ހަރުލާފައި ހުރި ރިވެތި އަޚްލާގީ ސިފަތައް ދަމަހައްޓައިގެންނެވެ.

އަދި ހަމައެހެންމެ އަނެކާ އާއި މެދު ވިސްނުމުގެ ފިކުރު އިސްކޮށް ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ކަނޑައެޅިފައިވާ ސަރަހައްދުން، އެފަރާތްތަކަށް ޖާގަ ދީގެންނެވެ.

މަގުމަތީގައި އެއްގަމު އުޅަނދުފަހަރު ދުއްވާ ފަރާތްތަކުންވެސް އާންމު ދަތުރުފަތުރު ކުރުމަށް ކަނޑައަޅައިފައިވާ ބަސްތަކަށް ބަލައިގެން ދުއްވުން މުހިންމެވެ. އެގޮތުން ބަހުގައި ބްލައިންޑް ސްޕޮޓްތަކެއް ހުރިކަން ދަނެ، ބަހާއި ދުއްވާ އެހެނިހެން އުޅަނދުތަކާއި އެކަށީގެންވާ ދުރުމިނެއް ބެހެއްޓުން މުހިންމެވެ. ބަހުގެ ކުރިމަތިން ނުގަވާއިދުން ކުއްލިއަކަށް ޓޭކްއޯވަރ ކުރުމާއި ބަހުގެ ކުރިމައްޗައް ކުއްލިއަކަށް ނުކުތުމަކީ، ވަރަށް ނުރައްކާތެރި ހާދިސާތަކެއް ކުރިމަތިވެދާނެ ކަމެއްކަން ދަނެ، މިކަން ހަނދާނުގައި އަބަދުވެސް ބަހައްޓަން ޖެހެއެވެ.

މަންޒަރު (ކ): ބަހުގައި ދަތުރުކުރާއިރު ކާބޯތަކެތި ގެންދާކަމަށްވާނަމަ ރަނގަޅަށް ބަންދުކުރެވިފައި ހުންނަންވާނެ. މަންޒަރު (ވ): ބަހުގައި ވަސްހިފާ ބަހަށް ކާތަކެތި އެޅި ހަޑިވުމަށް ފުރުޞަތު ނުދިނުމަށްޓަކައި، ބަހުގައި ކެއެމާއި ބުއިންވަނީ މަނާކުރެވިފަ. -- ފޮޓޯ/ އެމްޓީސީސީ

ޖާގަ އޮއްވާ ބަހަށް ކުރިޔަށް ދިޔުމަށް ޖާގަ ނުދިނުމާއި ބަސް ސްޓޮޕްތަކުގައި އެހެން އުޅަނދުތައް ޕާކްކޮށްފައި ނުވަތަ ހުއްޓައިގެން އޮތުމަކީ ބަހުގައި ތިބޭ ހުރިހާ އެންމެންނަށް ދަތިވާނެ ކަމެއްކަން، އެބަ ހަނދާންކުރަން ޖެހެއެވެ. ޝެޑިއުލްއަކާއި އެއްގޮތަށް ބަހުގެ ޚިދުމަތް ދިނުމަށް މާލޭގެ މަގުތަކުގައި ދަތިތަކެއް ހުރިކަން ދަންނަން ޖެހެއެވެ.

މަގުމަތީގެ ގަވާއިދު ތަކަށް ހުރުމަތްތެރިކޮށް ހިތައި، އެކަކު އަނެކަކުގެ ހައްޤަށް އިޙްތިރާމްކޮށް އެއްބާރުލުން ދީގެން މެނުވީ، ރަނގަޅު ފެންވަރަކަށް ބަހުގެ ޚިދުމަތް ދިނުމަކީ އެ ޚިދުމަތްދޭ ފަރާތައް އުނދަގޫ ކަމަކަށް ވާނެކަން ދަންނަން ޖެހެއެވެ.

ދިވެހީންގެ ތެރޭގައި ވަގުތުކުޑަތަންވުމުން އެދާންޖެހޭ ތަނަކަށް ދިޔުމުގެ ސަގާފަތަކީ މިހާރު ބަދަލުކުރަންޖެހިފައި އޮތް މުހިންމު އާދަކާދައެކެވެ. އޮފީހަށްވިޔަސް އަދި ސްކޫލަށްދާން ކަމުގައިވިޔަސް، އެންމެން އެއް ގަޑިއަކަށް ނިކުތުމަކީ ތޮއް ޖެހުން އިތުރުވާނެ ކަމެކެވެ. އަދި ކޮންމެ ދިވެއްސަކު މަގުމަތީގައި ސައިކަލެއް ނުވަތަ ކާރެއް ގެންގުޅުމަކީވެސް މާލޭގެ މަގުތަކަށް ބާރުބޮޑުވެ ތޮއްޖެހުން އިތުރުވެގެން އަންނާނޭ ކަމެކެވެ.

އޭގެ ބަދަލުގައި ބަހުގެ ޚިދުމަތް ގިނަ ބަޔަކު ބޭނުންކޮށްފިނަމަ މި ސައިކަލުތަކާއި ކާރުތައް މަގުމަތީގައި މަދުވެ ތޮއްޖެހުމަށް ހައްލެއް ލިބިދާނެއެވެ. އަދި އެންމެންވެސް ދުރާލާ ތައްޔާރުވެ ނިކުތުމަކީ ސަޅިކަމަކަށް ހަދަންވީއެވެ.

މަންޒަރު (ކ): ބަހުގައި ދަތުރުކުރާއިރު ފޯނުން އެއްޗެއް އަޑުއަހާނަމަ ފޯން ހެޑްސެޓް ބޭނުންކުރައްވާ. މަންޒަރު (ވ): ބަހުގައި ފޯނުން އަޑުބާރުކޮށް ލަވަޖަހާ ފިލްމު ފަދަ ތަކެތި އަޑުއަހާ ބެލުމުން ކައިރީގައިތިބޭ އެހެން ކަސްޓަމަރުންނަށް އުނދަގޫވޭ -- ފޮޓޯ/ އެމްޓީސީސީ

ބޭރުގެ ތަހުޒީބު މުޖްތަމަޢުތަކަށް ނަޒަރު ހިންގާލާއިރު ފެންނަނީ އޮފީހަށް ސްކޫލަށްދާން އެ ކުރާދަތުރު، އެންމެ ފަހު 15 މިނެޓުގެ ބަހަށް މަޑުކުރުމުގެ ބަދަލުގައި 35 މިނެޓު ކުރިޔަށް އޮތް ބަހަށް ރާވައިގެން ދަތުރު ރާވާ މަންޒަރެވެ. އޭރުން ގަޑިއަށް ދެވުމަކީ އުނދަގޫ ކަމަކަށް ނުވެއެވެ. އަދި އެއްކަލަ ކިޔުވެސް އިސާހިތަކު ފިލައިގެން ހިނގާދާނެއެވެ. "ރައްކާވެތިބިއްޔާ ދަތުރު" މިހެން ބުނެވެނީ ސަބަބެއް އޮތުމުންނެވެ. އެކަމުން ލިބޭ ފައިދާއާއި މަންފާ އިތުރުވާތީއެވެ.

މި ހިއްސާކުރި ކަންކަން މުޖުތަމަޢުގެ ހުރިހާ ފަރުދުންނަށް ސަޅިވެއްޖެނަމަ، އެންމެންގެ މޫނުމަތިންވެސް ފެންނާނީ ހިނުތުންވުމެވެ. ހިތްފަސޭހަ ކަމާއެކު ދަތުރުކޮށްލެވޭ ގޮތްވުމަކީ ލިބިގެންދާނެ ވަރަށްބޮޑު ހިތްހަމަ ޖެހުމެކެވެ. ކުރުކޮށް ދަންނަވާނަމަ، އެންމެން އެއްވާނެއްގައި އަތުގުޅާލައިގެން އެއް އަޒުމެއްގައި ނިކުމެ "ހިތްހެޔޮކަމަކީ ސަޅިކަމަކަށް ހަދަމާ" ހިނގާށެވެ.

comment ކޮމެންޓް