ލަނޑުޖެހުމަށްފަހު ބްރެޒިލް ކުޅުންތެރިން ނެށުމުން ރޮއި ކީން ހިތްހަމަނުޖެހިއްޖެ

ބްރެޒިލްއާއި ސައުތު ކޮރެއާ ބައްދަލުކުރި މެޗުގެ ތެރެއިން --ފޮޓޯ/ގެޓީ އިމޭޖަސް

ލަނޑުޖެހުމަށްފަހު ބްރެޒިލް ކުޅުންތެރިން އުފާ ފާޅުކުރުމުގެ ތެރޭގައި ނަށާތީ، ކުރީގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ އަދި މިހާރު އެނަލިސްޓެއް އަދި ކޯޗެއްގެ ގޮތުގައި މަސައްކަތްކުރާ ރޮއި ކީން ފާޑުކިޔައިފިއެވެ.

ރޮއި ކީންގެ ފާޑުކިޔުން ބްރެޒިލް ޓީމަށް އަމާޒުވީ، ވޯލްޑް ކަޕުގެ ރައުންޑް އޮފް 16ގައި ބްރެޒިލްއިން ސައުތު ކޮރެއާގެ މައްޗަށް ކުރިހޯދި މެޗުގައި އެ ޓީމުގެ ކުޅުންތެރިންނާއި ކޯޗުގެ އަމަލުތައް ހުރި ގޮތުގެ ސަބަބުންނެވެ.

1-4 އިން ބްރެޒިލް މި މެޗު ކާމިޔާބުކުރިއިރު، މި ހަތަރު ލަނޑުވެސް ބްރެޒިލްއިން ޖެހީ ފުރަތަމަ ހާފުގެ ތެރޭގައެވެ. މީގެއިން ކޮންމެ ލަނޑަކަށްފަހު ބްރެޒިލްގެ ގިނަ ކުޅުންތެރިންތަކެއް އެއްވެ، އެކުގައި އުފާފާޅުކޮށް، ނަށާ ހެދިއެވެ. އަދި އެޓީމުގެ ރިޗާލިސަން ޖެހި ހިތްގައިމު ލަނޑަށްފަހު ބްރެޒިލްގެ ކޯޗުވެސް ވަނީ ކުޅުންތެރިންނާއެކު ނެށުމުގައި ބައިވެރިވެފައެވެ.

މިއާއެކު މީގެކުރިން މެންޗަސްޓާ ޔުނައިޓެޑަށް ކުޅެފައިވާ މިޑްފީލްޑަރު ރޮއި ކީން ވަނީ ބޮޑެތި ފާޑުކިޔުންތަކެއް ބްރެޒިލް ޓީމުގެ ކޯޗަށާއި މުޅި ޓީމަށް އަމާޒުކޮށްފައެވެ.

އެގޮތުން މިއީ ބަލައިގަންނަން އުނދަގޫ ކަމެއް ކަމަށާއި، މިއީ ސަގާފަތެއް ކަމަށް ބުނެ ބްރެޒިލްގެ ކުޅުންތެރިން ކުރި ނަމަވެސް، މިކަން ސިފަވަނީ އެހެން ޓީމުތަކުގެ ކުޅުންތެރިންނަށް މަލާމާތްކޮށް، އިޚްތިރާމް ކުޑަކުރުމުގެ ގޮތުން ކުރާ ކަމެއްކަމަށް ރޮއި ކީން ބުނެފައިވެއެވެ.

އަދި ފުރަތަމަ ލަނޑަށްފަހު އުފާ ފާޅުކުރުމުގެ ގޮތުން ނެށިޔަސް، ކޮންމެ ލަނޑަކަށްފަހު ނެށުން ބަލައި ނުގަނެވޭނެ ކަމަށް އޭނާ ބުންޏެވެ. އަދި މިއީ ކުރަން ރަނގަޅުކަމެއް ނޫން ކަމަށްވެސް ކީން ބުނެފައިވެއެވެ.

"ސަމްބާ ބޯއިސް"ގެ ނަމުން މަޝްހޫރު ބްރެޒިލްގެ ކުޅުންތެރިންނަކީ އަބަދުވެސް ފުޓުބޯޅައިގައި ލަނޑު ޖެހުމަށްފަހު އުފާ ފާޅުކުރުމުގެ ގޮތުން، ބްރެޒިލްގެ ނެށުމުގެ ވައްތަރެއް ކަމުގައިވާ "ސަމްބާ ޑާންސް" ކުރާ ބައެކެވެ.

ރޭގެ މެޗުގައި ބްރެޒިލްގެ ކުޅުންތެރިން ލަނޑު ޖެހުމަށްފަހު ސަމްބާ ޑާންސް ކުރުމުން އެކަމަށް ރޮއި ކީން ފާޑުކިޔާފައިވާއިރު، މީގެކުރިންވެސް ބައެއް ފަރާތްތަކުން މިގޮތަށް ބްރެޒިލްގެ ވަކިވަކި ކުޅުންތެރިންނަށް ފާޑުކިޔާފައިވެއެވެ.

އެގޮތުން ދާދިފަހުން ބްރެޒިލްގެ ޒުވާން ތަރި ވިނީޝިއަސް ޖޫނިއާއަށް އަމާޒުކޮށް ބައެއް ފަރާތްތަކުން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.

comment ކޮމެންޓް