ޖެކީ ޝްރޮފްއާއި މީނާކްޝީގެ މިފޮޓޯއާއެކު މާޒީގެ ހަނދާންތަކެއް އާކުރުވައިފި

ނަވާރަ ސަތެކަ އަށްޑިހަ ތިން ވަނަ އަހަރު ރިލީޒްވި ރީތި ލޯބީގެ ފިލްމު "ހީރޯ"ގެ ހަނދާން އެބަހުރިހެއްޔެވެ؟ މިޖީލުގެ ކުދިންނަށް މިފިލްމު ނޭނގުނަސް ހިންދީ ފިލްމުތަކަށް ލޯބިކުރާ ފަރާތްތަކަށް މިފިލްމު ހަނދާންނައްތައެއް ނުލެވޭނެއެވެ. ފިލްމުގެ ބަތަލު ޖެކީ ޝްރޮފްއާއި ބަތަލާ މީނާކްޝީ އެކީގައި ފެންނަ ކޮންމެ ފެނިލުމަކުންވެސް މިފިލްމުގެ މަންޒަރުތަކާއި ލަވަތައް ސިކުނޑީގައި ދައުރުވާނެއެވެ. އަހަރުތަކެއް ފަހުން ޖެކީއާއި މީނާކްޝީ ބައްދަލުވެ ދެ ތަރިން އެކީގައި ނަގާފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާއަށް ދޫކޮށްލުމުންވެސް ކަންދިމާވީ ހަމަ މިދެންނެވިފަދަ ގޮތަކަށެވެ.

އިންޑިއާގެ ޕޫނޭގައި އޮތް ޚާއްޞަ ބައްދަލުވުމަކުން ދެ ތަރިން ބައްދަލުވެ އެކީގައި ހޭދަކުރެވުނު ވަގުތުތަކުގެ ފޮޓޯތައް ދެ ތަރިންވެސްވަނީ އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މެދުވެރިކޮށް ފޭނުންނަށް ޙިއްސާކޮށްފައެވެ.

ޖެކީގެ އިންސްޓަގްރާމްގައި ޕޯސްޓުކުރި ފޮޓޯގެ ކެޕްޝަންގައި ލިޔެފައިވަނީ "އާދީއްތަ ދުވަހުގެ ޚާއްޞަ ރަސްމިއްޔާތު ފެށުން ކެރިއަރުގެ ފުރަތަމަ އަންހެން ލީޑިންގް ބަތަލާ މީނާކްޝީއާއި އެކުގައި" މިފަދައިންނެވެ.

ބަތަލާ މީނާކްޝީގެ ޓްވިޓާ ޕޯސްޓުގައި ފޮޓޯއާއެކު ލިޔެފައިވަނީ، "ހީރޯގެ ހީރޮއިންއާއެކު" މިފަދައިންނެވެ. ދެ ތަރިންގެ މިފެނިލުމާއެކު ފޭނުންނަށްވަނީ މިފޮޓޯތައް ސޯޝަލް މީޑިއާގެ އެކި މަސްދަރުތަކުގައި ދައުރުކޮށް އުފާފާޅުކޮށްފައެވެ. މީނާކްޝީގެ ބައެއް ފޭނުން ބުނެފައިވަނީ، ސިނަމާއާއި ދުރުގައި އުޅުނު ނަމަވެސް ދެ ތަރިން އެކީގައި ފެނުމުން ވަރަށް ބޮޑަށް އުފާވިކަމުގައެވެ.

ޑައިރެކްޓަރު ސުބާޝް ގާއީގެ ފިލްމު "ހީރޯ"އަކީ ލޯބީގެ އެކްޝަން ފިލްމެކެވެ. މިފިލްމަށްފަހު ޖެކީއާއި މީނާކްޝީގެ ވިދުން ހިންދީ ސިނަމާގައި ވަރަށްބޮޑަށް ގަދަވިއެވެ. 1981ވަނަ އަހަރުގެ މިސް އިންޑިއާ ތާޖު ޙާޞިލުކުރުމަށްފަހު ބަތަލާ މީނާކްޝީ ހިމެނިގެންދިޔައީ ހިންދީ ސިނަމާއާއި ގުޅުނު އެދުވަސްވަރުގެ އެންމެ ރީތި ބަތަލާއިންގެ ލިސްޓުގައެވެ. 1990އިގެ އަހަރުތަކާއި ހަމައަށް މީނާކްޝީ ހިންދީ ސިނަމާގައި ޙަރަކާތްތެރިވީނަމަވެސް ކައިވެންޏަށްފަހު ބަތަލާގެ ހުރިހާ ވަގުތެއް ހުސްކުރީ ޢާއިލާއަށެވެ. 1996ވަނަ އަހަރު ރިލީޒްވި ފިލްމު "ގާތަކް"އަށްފަހު މީނާކްޝީގެ ދިރިއުޅުން އެމެރިކާއަށް ބަދަލުކޮށް ދިރިއުޅުމުގެ ބޮޑު ބައި ހޭދަކޮށްފައިވަނީ އިންޑިއާއިން ބޭރުގައެވެ. އަދި އެމެރިކާގައި ދިރިއުޅެމުން ނަށަން ދަސްކޮށްދޭ ސްކޫލެއްވެސް މީނާކްޝީވަނީ ހުޅުވާފައެވެ.

މީނާކްޝީއެކޭ އެއްގޮތަށް ފިލްމު "ހީރޯ"އިން ލިބުނު ތަރުޙީބާއި މަޤުބޫލުކަމާއެކު ޖެކީ ޝްރޮފް ވެގެންދިޔައީ ހިންދީ ސިނަމާގައި މިއަދާ ހަމައަށްވެސް އެންމެ ވަރުގަދައަށް ނަން ހިނގާ ތަރިންގެތެރޭގައެވެ. ގިނަ ބައެއްގެ ލޯތްބާއި އިޙްތިރާމް ހޯދާފައިވާ އެކްޓަރު މިއަދާ ހަމައަށްވެސް ފިލްމުތަކުގައި މަސައްކަތްކުރެއެވެ. ޖެކީ އެންމެ ފަހުން ފެނިގެންދިޔަ ފިލްމުތަކުގެތެރޭގައި މިއަހަރު ރިލީޒްވި އެކްޝަން ފިލްމު "ރަޝްތްރާ ކަވަޗް އޯމް" ހިމެނެއެވެ.

comment ކޮމެންޓް