ސިދާތްއާއި ދިޝާގެ ފިލްމު 'ޔޯދާ' ރިލީޒްކުރާނެ ތާރީޚެއް ކަނޑައަޅައިފި

ދަރްމާ ކުންފުނިން އުފައްދާ އެކްޝަން ތްރިލާ ފިލްމު "ޔޯދާ" ރިލީޒްކުރާނީ ކޮން ތާރީޚެއްގައިކަން އެކުންފުނިން ކަނޑައަޅައިފިއެވެ.

ފިލްމުގެ މުހިއްމު ރޯލްއިން ފެންނަ އެކްޓަރު ސިދާތްއާއި ބަތަލާ ދިޝާ ޕަޓާނީ އަމިއްލަ އިންސްޓަގްރާމްގައި ކުރި ޕޯސްޓުގައި ބުނެފައިވަނީ ފިލްމު "ޔޯދާ" ސިނަމާތަކުގައި ލޭންޑުކުރުމަށް ހަމަޖެހިފައިވަނީ މިއަންނަ އަހަރުގެ ޖުލައި ހަތެއްގައި ކަމަށެވެ. ޕްރޮޑިއުސަރު ކަރަން ޖޯހަރުވެސްވަނީ މިޚަބަރު އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ކަށަވަރުކޮށްދީފައެވެ.

ސިދާތް މަލްހޯތްރާއާއި ދިޝާގެ އިތުރުން ތެލުގޫ ބަތަލާ ރާޝީ ކަންނާވެސް ފެންނަ މިފިލްމުގައި ކަރަން ޖޯހަރު ޕްރޮޑިއުސަރެއްގެގޮތުގައި މަސައްކަތްކުރާނެއެވެ. ސާގަރް އާމްބްރޭ ޑައިރެކްޓްކުރާ މިފިލްމުގައި އިތުރު ޕްރޮޑިއުސަރެއްގެގޮތުގައި ދެން މަސައްކަތްކުރާނީ ޕުޝްކަރު އޯހާއެވެ. ޕުޝްކަރް އޯހާއަކީ، 2014ވަނަ އަހަރު އެކްޓަރު ސަލްމާން ޚާންއާއި ބަތަލާ ޖެކްލީން ކުޅުނު ފިލްމު "ކިކް"ގެވެސް ޕްރޮޑިއުސަރެވެ.

ފިލްމުގެ ޑައިރެކްޓަރު ސާގަރް އާމްބްރޭއަކީ، ކާމިޔާބު ފިލްމު "އުރީ: ދަ ސާޖިކަލް ސްޓްރައިކް"ގައި އެސިސްޓެންޓް ޑައިރެކްޓަރެއްގެގޮތުގައި މަސައްކަތްކޮށްފައިވާ ފަންނާނެކެވެ. މިއަހަރުގެ ނޮވެމްބަރު މަހު ރިލީޒްކުރުމަށް ކުރިން ތައްޔާރުވަމުންއައި ފިލްމު "ޔޯދާ" ރިލީޒްކުރުން ލަސްވެގެންދިޔައީ ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެންނެވެ.

ދަރްމާ ކުންފުނިން ހިންދީ ސިނަމާއަށް ތަޢާރަފްވި އެކްޓަރު ސިދާތްގެ ކެރިއަރުގެ ގިނަ ފިލްމުތަކަކީ ދަރްމާ ކުންފުނިން އުފައްދާފައިވާ ފިލްމުތަކެވެ. އޭގެތެރޭގައި ފިލްމު "ކަޕޫރް އެންޑް ސަންސް"، "ހަސީ ތޯ ޕަސީ" އަދި މިދިޔަ އަހަރު ރިލީޒްވި ފިލްމު "ޝޭރްޝާހް" ހިމެނެއެވެ.

ފިލްމު "ޝޭރްޝާހް"ގެ ކާމިޔާބީއާއެކު ސިދާތްއަށްވަނީ ބޮލީވުޑުގެ ގިނަ ފިލްމުތަކުން ފުރުޞަތު ލިބިފައެވެ. ފިލްމު "އޭކް ވިލެން"، "މަރްޖާވާން" ފަދަ ރީތި ފިލްމުތައް ކުޅެފައިވާ އެކްޓަރު އެންމެ ފަހުން ފެނުނީ މިއަހަރުގެ އޮކްޓޯބަރު މަހު ރިލީޒްވި ފިލްމު "ތޭންކް ގޯޑް"އިންނެވެ. ޓީސީރީސް ފިލްމްސްއިން އުފެއްދި މިފިލްމަށް ބޮކްސް އޮފީހުގައި 49 ކްރޯޑް ރުޕީސްވަނީ ލިބިފައެވެ. ފިލްމު "ޔޯދާ"ގެ އިތުރުން އަންނަ އަހަރު ސިދާތް ފެންނާނެ އިތުރު ފިލްމަކީ، ބަތަލާ ރަޝްމިކާއާއެކު ކުޅޭ ފިލްމު "މިޝަން މަޖްނޫ"އިންނެވެ.

comment ކޮމެންޓް