ޗައިނާގެ ކުރީގެ ރައީސްގެ ތައުޒިޔާގެ ދަފުތަރުގައި ރައީސް ސޮއި ކުރައްވައިފި

ޗައިނާގެ ކުރީގެ ރައީސް ޖިއަން ޒިމިންގެ ހަނދާނުގައި ހުޅުވާފައިވާ ތައުޒިޔާގެ ދަފުތަރުގައި ރައީސް ޞާލިޙު ސޮއިކުރެއްވުމުގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސް

ޗައިނާގެ ކުރީގެ ރައީސް ޖިއަން ޒިމިންގެ ހަނދާނުގައި ރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީގައި ހުޅުވާފައިވާ ތައުޒިޔާގެ ދަފުތަރުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ސޮއިކުރައްވައިފިއެވެ.

ތައުޒިޔާގެ ދަފުތަރުގައި ރައީސް ޞާލިޙު ލިޔުއްވި ބަޔާނުގައި ވަނީ ޗައިނާގެ ކުރީގެ ރައީސް އަވަހާރަވުމުގެ ހިތާމައިގައި ޗައިނާގެ ސަރުކާރަށާއި ރައްޔިތުންނަށް ތަޢުޒިޔާ ވިދާޅުވެފައެވެ.

ހަމައެއާއެކު ޗައިނާގެ ކުރީގެ ރައީސް ޖިއަން ޒިމިންގެ ޒަޢާމަތުގައި އެ ގައުމަށް ލިބުނު ކުރިއެރުންތައް ފާހަގަކުރައްވައި، އެކަމަށް އެމަނިކުފާނު ތައުރީފު ކުރެއްވިއެވެ.

ޗައިނާގެ ކުރީގެ ރައީސް ޖިއަން ޒިމިން އަވަހާރަވުމާ ގުޅިގެން، ރައީސް ޞާލިޙު ވަނީ ޗައިނާގެ ރައީސް ޝީ ޖިންޕިންއަށް ތަޢުޒިޔާގެ މެސެޖެއް ވެސް ފޮނުއްވައިފައެވެ.

ޗައިނާގެ ކުރީގެ ރައީސް ޖިއަން ޒިމިންގެ ހަނދާނުގައި ހުޅުވާފައިވާ ތައުޒިޔާގެ ދަފުތަރުގައި ރައީސް ޞާލިޙު ސޮއިކުރެއްވުމުގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސް

ރައީސްގެ ތައުޒިޔާގެ މެސެޖުގައި، ޗައިނާގެ ކުރީގެ ރައީސް ޖިއަން ޒިމިން އަވަހާރަވުމާ ގުޅިގެން މުޅި ޗައިނާ ހިތާމަ ފާޅުކުރަމުންދާ މި ދަނޑިވަޅުގައި، ދިވެހި ސަރުކާރާއި އެންމެހާ ދިވެހި ރައްޔިތުންގެ ނަމުގައި ތަޢުޒިޔާ ފޮނުއްވާފައިވެއެވެ.

ހަމައެއާއެކު ޖިއަން ޒިމިންއަކީ ދުރު ވިސްނުމާއެކު އެ ގައުމުގެ ރައްޔިތުންނަށް އިޖްތިމާއީ އަދި އިގްތިސޯދީ ފުދުންތެރިކަން ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރެއްވި ބޭފުޅެއް ކަމަށް ރައީސްގެ މެސެޖުގައިވެއެވެ. އަދި ބައިނަލްއަގުވާމީ މައިދާނުގައި ވެސް ޗައިނާއަކީ ފާހަގަކޮށްލެވޭފަދަ މުހިންމު ދައުރެއް އަދާކުރާ ގައުމަކަށް ހެދުމަަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވި ލީޑަރެއްގެ ގޮތުގައި ފާހަގަކުރެވޭނެ ކަމަށް ރައީސްގެ މެސެޖުގައި ފާހަގަކުރެއްވިއެވެ.

ޖިއަން ޒިމިން އަވަހާރަވީ، މިދިޔަ ބުދަ ދުވަހުއެވެ. އަވަހާރަވި އިރު އުމުރުފުޅަކީ، 96 އަހަރެވެ.

comment ކޮމެންޓް