ރާއްޖޭގެެ އެންމެ ފުރަތަމަ ސަބްމެރިން ކޭބަލް ލޭންޑިން ސްޓޭޝަން ހުޅުމާލޭގައި

ސަބްމެރިން ކޭބަލްގެ ލޭންޑިން ސްޓޭޝަން ހުޅުމާލޭގައި ޤާއިމް ކުރުމަށް ބޭނުންވާ ބިން އެޗްޑީސީ އިން އޯސީއެމް އަށް ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ އެޗްޑީސީ

ރާއްޖޭގައި އަޅާ ފުރަތަމަ ސަބްމެރިން ކޭބަލްގެ ލޭންޑިން ސްޓޭޝަން ހުޅުމާލޭގައި ގާއިމް ކުރުމަށް ބޭނުންވާ ބިން ހައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އޯޝަން ކަނެކްޓް މޯލްޑިވްސް (އޯސީއެމް)އަށް ދީފިއެވެ.

މި ސްޓޭޝަން އެޅުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައެވެ. އެގޮތުން މިއަދު އެޗްޑީސީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ، އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު އާތިފެވެ. އަދި އޯސީއެމްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ޝިހާބެވެ.

މި ސަރުކާރުން އެޅުމަށް ނިންމާފައިވާ ސަބްމެރިން ކޭބަލްގެ މަޝްރޫއަކީ ރާއްޖޭގެ ޑިޖިޓަލް ބެކްބޯން ވަރުގަދަ ކުރުމަށްޓަކައި، ހަލުވި ދުވެއްޔެއްގައި ޑިޖިޓަލް ޓްރާންސްފޮމޭޝަން ރާއްޖެއަށް ގެނައުމަށް ބާރުއަޅާ މަޝްރޫއެކެވެ.

މި ސަބްމެރިން ކޭބަލް އަޅަނީ ރާއްޖޭގައި އިންޓަނެޓްގެ އަގުހެޔޮކޮށް އަވަސް އިންޓަނެޓްގެ ޚިދުމަތެއް މުޅި ރާއްޖެއަށް ފޯރުކޮށްދިނުމަށެވެ. އެގޮތުން މި ސަބްމެރިން ކޭބަލް މެދުވެރިކޮށް ރާއްޖެ އާއި އިންޑިޔާގެ މުންބާއީއާއި މި ސަހަރައްދުގެ އެހެން ގައުމުތަކާ ގުޅާލެވޭނެއެވެ.

މި ޕްރޮޖެކްޓު ހިންގުމަށް ހަވާލުކޮށްފައި ވަނީ އިންޑިއާގެ ބިލިއަނަރު މުކޭޝް އަންބާނީގެ ރިލަޔަންސް ޖިއޯ ކުންފުންޏާއެވެ. އެގޮތުން މި ސަބްމެރިން ކޭބަލްތައް އެޅުމަށް އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.

comment ކޮމެންޓް