ސަލްމާން މިސްކިތުގެ އޭސީތައް އާ އަހަރުގެ ކުރިން މަރާމާތުކުރާނެ: މިނިސްޓްރީ

ކިންގް ސަލްމާން މިސްކިތް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކިންގް ސަލްމާން މިސްކިތުގެ ނަމާދުކުރާ ބައިގައި ހުންނަ އޭސީތައް އާ އަހަރު ފެށުމުގެ ކުރިން މަރާމާތުކޮށް ނިންމާނެކަމަށް އެ މަސައްކަތްކުރާ ކޮންޓްރެކްޓަރު ބުނެފައިވާކަމަަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފިއެވެ.

އެ މިސްކިތުގައި ނަމާދުކުރަން ބޭނުންކުރާ ދެ ފަންގިފިލާއަށް ވެސް ފިނިކުރަން ބޭނުންކުރާ ހަތަރު ޔުނިޓުގެ ތެރެއިން ތިން އޭސީ ޔުނިޓުވަނީ ހަލާކުވެފައެވެ.

ރާއްޖެއިން އެ އޭސީތައް މަރާމާތުކުރެވޭނެ އެއްވެސް ގޮތެއް ނެތްކަމަށާއި ރާއްޖެއިން އެ އޭސީ ޔުނިޓުތަކުގެ މަރާމާތަށް ބޭނުންވާ ތަކެތި ވެސް ނުލިބުނުކަމަށް އިސްލާމިކް މިނިސްޓްރީން "ސަން"އަށް މީގެ ކުރިންވަނީ ބުނެފައެވެ.

އޭގެ ހަފުތާއެއްހައި ދުވަސްފަހުން މިދިޔަ މަހުގެ 13ވަނަ ދުވަހު "ސަން"އާ ވާހަކަދައްކަވަމުން އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް އިސްމާއީލް އަފްރާހް ވިދާޅުވީ ސަލްމާން މިސްކިތުގެ އޭސީ މަރާމާތުކުރާ ތުރުކީގެ އެކްސްޕާޓުންނާއެކު އެ މަސައްކަތުގެ އެގްރީމަންޓުގައި ސޮއިކޮށްފައިވާކަމަށެވެ.

މިއަދު އެ މަސައްކަތުގެ ފަހުގެ މައުލޫމާތު ހިއްސާކުރައްވަމުން އެ މިނިސްޓްރީގެ މީޑިއާ އޮފިޝަލް ޒަމްއަތު އަހްމަދު ވަހީދު ވިދާޅުވީ ސަލްމާން މިސްކިތުގެ އެ މަސައްކަތަށް ބޭނުންވާ ތަކެތި ރާއްޖެއިން ބޭރުން މިހާރު ގެނައުމުގެ މަސައްކަތް ކުރެވޭކަމަށެވެ.

"ރާއްޖެއިން ބޭރުން ގެންނަންޖެހޭ ތަކެތި މިމަހު 15ގެ ކުރިން ލިބޭނެ ކަމަށާއި މުޅި މަސައްކަތް އެއްކޮށް މިމަހު 25ގެ ކުރިން ނިންމާލެވޭނެ ކަމަށް ކޮންޓްރެކްޓަރު މައުލޫމާތުދޭ،" ޒަމްއަތު ވިދާޅުވިއެވެ.

އެ މިސްކިތުގެ އޭސީތައް ހަލާކުވެފައި ހުރުމަކީ އަޅުކަން ކުރަން މިސްކިތް ބޭނުންކުރާ މީހުންގެ އެންމެ ބޮޑު ޝަކުވާއެވެ.

އޭސީތައް ހަލާކުވެފައި ހުރުމުން ނަމާދުކުރާ އެއްވެސް ބަޔަކަށް ފިނި ނުވާއިރު ވެންޓިލޭޝަން ރަނގަޅު ނަމަވެސް އެ ތަނުގައި މެންދުރު ވަގުތު ހުންނަނީ ހޫނުގަދަވެ އުދާސްވެފައެވެ.

ޚާއްސަކޮށް ހުކުރު ދުވަހު ގިނަ ބަޔަކު ހުކުރުކުރަން މިސްކިތަށް ދާއިރު އެ ދަތި އިހުސާސްކުރެވޭ ކަމަށް ގިނަ ބަޔަކު ބުނެއެވެ.

comment ކޮމެންޓް