އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން (އައިއެފްސީ) އިން ރާއްޖެ އާއި ސްރީލަންކާއަށް އާ ކަންޓްރީ މެނޭޖަރެއް ހަމަޖައްސައިފިއެވެ. އެގޮތުން މި މަގާމަށް ހަމަޖައްސައިފައިވަނީ ސްޕެއިންގެ ރައްޔިތެއް ކަމުގައިވާ އަލެހަންޑްރޯ އަލްވަރޭޒް ޑި ލާ ކެމްޕާއެވެ.
އެގޮތުން އައިއެފްސީގެ ރާއްޖެ އާއި ސްރީލަންކާގެ ކަންޓްރީ މެނޭޖަރެއްގެ ގޮތުގައި ހަމަޖެއްސި ނަމަވެސް އޭނާ މަސައްކަތް ކުރާނީ ކޮލޮމްބޯގައެވެ.
އަލްވަރޭޒް މި މަސައްކަތާ ހަވާލުވުމަށްފަހު އެންމެ ބޮޑު އިސްކަމެއް ދޭނީ އައިއެފްސީގެ ފަރާތުން ރާއްޖޭގައި ކުރިއަށް ގެންދާ އިންވެސްޓްމެންޓްތަކަށް ލަފާ ދިނުމުގެ މަސައްކަތް އިތުރަށް ހަރުދަނާ ކުރުމުގެ އިތުރުން އަމިއްލަ ވިޔަފާރިތައް ކުރިއަރުވައި ހަރުދަނާ ކުރުމަށެވެ. މީގެ ތެރޭގައި އަމިއްލަ ވިޔަފާރިތަކުން އާންމުންނަށް އިތުރު ވަޒީފާގެ ފުރުސަތުތައް ތަނަވަސްކޮށްދިނުން ހިމެނެއެވެ.
އަލްވަރޭޒް ވިދާޅުވީ ފަތުރުވެރިކަމަކީ އެންމެ މައިގަނޑު ސިނާއަތް އަދި އިގްތިސާދުގެ އެންމެ މައިގަނޑު އަސާސް ކަމަށެވެ.
ފަތުރުވެރިކަން ކުރިއެރުވުމަކީ އެންމެ ބޮޑު އިސްކަމެއްދޭ އަދި އިގްތިސާދުގެ މައިގަނޑު އެއް އަސާސް ކަމަށް ވާއިރު، ޑިޖިޓަލް ފައިނޭންސްގެ އީޖާދީ ގޮތްތައް މެދުވެރިކޮށް މާލީ ދާއިރާގައި ވީހާ ވެސް ގިނަ މީހުން ބައިވެރިކުރުވައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މާލީ އެހީ ލިބުން ހަރުދަނާކޮށް، ދިވެހިންނަށް އިތުރު ފުރުސަތުތައް ތަނަވަސްކޮށްދިނުމަށް ވެސް އައިއެފްސީން އަންނަނީ މަސައްކަތްކުރަމުން އަލްވަރޭޒް
އަލްވަރޭޒް ވިދާޅުވީ އަމިއްލަ ވިޔަފާރިތަކަށް ބޭނުންވާ އިތުރު ފުރުސަތުތައް ފަހި ކޮށްދޭނެ ކަމަށެވެ. އަދި އައިއެފްސީގެ ފަރާތުން ރާއްޖެ އާއި ލަންކާގައި ކުރިއަށް ގެންދާ އިންވެސްޓްމެންޓްތައް ފުޅާކޮށް، އެންމެންގެ ބައިވެރިވުން އޮންނާނެ ފަދަ މުސްތަގްބަލެއް ބިނާ ކުރަން ދެ ގައުމަށް އެހީތެރިވެދޭނެ ކަމަށެވެ.
ވޯލްޑް ބޭންކް ގްރޫޕުގެ ދަށުން ހިންގާ އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން (އައިއެފްސީ) އަކީ އަމިއްލަ ވިޔަފާރިތައް ކުރިއަރުވައި ހަރުދަނާ ކުރުމަށް ފަންޑުކޮށްދޭ ބައެކެވެ. އެގޮތުން ރާއްޖޭގެ އަމިއްލަ ވިޔަފާރިތަކަށް އައިއެފްސީއިން ފަންޑުކޮށްދޭން ފެށީ 1983 ވަނަ އަހަރުއެވެ.