ޚާއްސަ އެހީއަށް ބޭނުންވާ މީހުން ތަމްސީލްކޮށްދިނުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އެ ކުންފުނީގެ ދެ މުވައްޒަފަކު އެމްބެސެޑަރުންގެ ގޮތުގައި ކަނޑައަޅައިފިއެވެ.
އެ ކުންފުނިން ދެ އެމްބެސެޑަރަކު ކަނޑައެޅީ، އިއްޔެ ފާހަގަކުރި ބައިނަލްއަގްވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހާ ގުޅިގެންނެވެ.
އެމްބެސެޑަރުންގެ ގޮތުގައި ކަނޑައަޅައިފައިވަނީ، އެޗްޑީީސީގެ ދެ މުވައްޒަފުން ކަމަށްވާ އާމިނަތު އިރާޝާ އާއި، އަހުމަދު ނަޖީބެވެ. އެއާއެކު އެޗްޑީސީގެ ހޮޓްލައިން 1516އަށް ގުޅައިގެން އެމްބެސެޑަރުންނަށް މައްސަލަތަކާއި ޚިޔާލު ހުށަހެޅޭނެއެވެ.
އެޗްޑީސީއިން ބުނީ އޭގެ ސަބަބުން ހުޅުމާލޭ ތަރައްގީކުރަން ކުރާ މަސައްކަތުގައި ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަޝްވަރާ ހިމަނަައި އެ މީހުންނަށް ދިމާވާ ދަތިތައް ހައްލުކުރަން ފަސޭހަވާނެކަމަށެވެ.
ޑިސެބިލިޓީ އެމްބެސެޑަރުންގެ މައިގަނޑު މަސައްކަތަކަށް ވާނީ، ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް، ހަމަހަމަ ފުރުސަތުތަކެއް މުޖުތަމައުގައި ފަހިކޮށްދިނުމަށް މަސައްކަތްކުރުމެވެ. އަދި މުޖުތަމައުގެ އެފަދަ މީހުންގެ ޚިޔާލާއި މަޝްވަރާ ފޯރުކޮށްދިނުމާއި، ނުކުޅުދުންތެރިކަން ހުންނަ މީހުންނަށް އަލަށް ދިމާވާ ދަތިތައް ފާހަގަކޮށް އެޗްޑީސީއަށް ހުށަހެޅުމެވެ.
ހަމައެއާއެކު އެ ކަންކަމަށް ހައްލު ހޯދުމަށް މަސައްކަތްކޮށް އެ މަސައްކަތް ކުރިއަށްދާ މިންވަރު މޮނީޓާކޮށް، ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އެޗްޑީސީއިން ހިންގާ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކުގައި އެހީތެރިވުން ހިމެނެއެވެ.