ދުނިޔޭގެ އެންމެ ބޮޑު އެއާޕޯޓު ސައުދީ އަރަބިއްޔާގައި އަޅަނީ

ދުނިޔޭގެ އެންމެ ބޮޑު އެއާޕޯޓުތަކުގެ ތެރޭގައި ހިމެނޭ ފެންވަރުގެ ބޮޑު އެއާޕޯޓެއް ސައުދީ އަރަބިއްޔާގައި އެޅުމަށް ނިންމައިފިއެވެ.

"އޭރޯޓްރޯޕޮލިސް" އެއްގެ ގޮތުގައި ތަރައްގީ ކުރަން ނިންމާފައިވަނީ ކިންގް ސަލްމާން އިންޓަނޭޝަނަލް އެއާޕޯޓެވެ. މި އެއާޕޯޓު ތަރައްގީ ކުރުމަށް ހަމަޖެހިފައިވަނީ ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާދުގައެވެ.

މި އެއާޕޯޓުގައި ހަ ޕެރަލަލް ރަންވޭ ހިމެނޭނެއެވެ. ސައުދީ އަރަބިއްޔާގައި މި ބޮޑު އެއާޕޯޓު ތަރައްގީ ކުރުމަށް ނިންމާފައިވަނީ ފަތުރުވެރިކަން އިތުރަށް ފުޅާ ކުރުމުގެ ގޮތުންނެވެ. އެ އެއާޕޯޓުން އަހަރަކު 185 މިލިއަން ފަތުރުވެރިން ގެނެވޭނެ ކަމަށް، ސައުދީއިން ބުނެއެވެ.

މިހާރު ހިންގާ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓު ހުރި ތަނުގައި ތަރައްގީ ކުރާ އެ އެއާޕޯޓަކީ 22 ސްކުއެއާ މައިލްގެ ބޮޑު އެއާޕޯޓެކެވެ.

އޭރިއާއަށް ބަލާނަމަ ދުނިޔޭގެ އެންމެ ބޮޑު އެއާޕޯޓު މިހާރު ވެސް އޮތީ ސައޫދީ އަރަބިއްޔާގެ ދަމާމްގައެވެ. ކިންގް ފަހަދު އިންޓަނޭޝަނަލް އެއާޕޯޓަކީ ދުނިޔޭގެ އެންމެ ބޮޑު އެއާޕޯޓެވެ. މި އެއާޕޯޓަކީ ރިޔާދުގެ އުތުރު އިރުމަތީ ސަރަހައްދު ބޭރުގައި އޮންނަ އެއާޕޯޓެކެވެ.

އަލަށް ތައްޔާރުކުރާ އެއާޕޯޓާއެކު އެއާޕޯޓުގެ ކޮންސެޕްޓަށް ބަދަލު ގެންނާނެ ކަމަށް އެ އެއާޕޯޓުގެ ޑިޒައިން ކުންފުނި ފޮސްޓާ ޕްލަސް ޕާޓްނާސް އިން ބުނެއެވެ. ތަފާތު އެކި މަގުތަކުން އެއާޕޯޓަށް ވަދެވޭއިރު މި އެއާޕޯޓުގައި ތަފާތު ފިހާރަތަކާއި ހޮޓެލްތަކުގެ އިތުރުން މީހުންނަށް ދިރިއުޅެވޭނެ ބައެއް ސަރަހައްދުތައް ވެސް ހުންނާނެއެވެ.

މި އެއާޕޯޓު ނިމޭނެ ދުވަހެއް އަދި ނޭނގެއެވެ. ނަމަވެސް އެއާޕޯޓުގެ ބޮޑު ބައެއް 2030 އަށް ވާން ވާއިރަށް ތަރައްގީ ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި 2030 ވާން ވާއިރަށް އެއާޕޯޓުން ފަތުރުވެރިން ޒިޔާރާތް ކުރާ މިންވަރު 130 މިލިއަނަށް އަރުވަން ބޭނުންވާ ކަމަށް އެއާޕޯޓުން މައުލޫމާތު ދެއެވެ. އަދި 2050 އަށް ވާން ވާއިރަށް އެ އަދަދު 50 ޕަސެންޓަށް އިތުރު ކުރަން ވަނީ ނިންމާފައެވެ.

comment ކޮމެންޓް