ރޯޑް ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)އިން އަމީނީ މަގު ހެދުމުގެ އަމަލީ މަސައްކަތް އަލުން ފަށައިފިއެވެ.
އެމްޑަބްލިއުއެސްސީން ކުރަން ޖެހޭ އަޕްގްރޭޑްގެ ކަންކަމަށް ބޭނުންވާ ބައެއް ވަސީލަތްތައް ލިބުން ލަސްވެގެން އަމީނީމަގު ހެދުމުގެ މަސައްކަތް މެދުކަނޑާލައިފައިވަނީ މީގެ ދެ ހަފުތާ ކުރިންނެވެ. އެކަން އާރްޑީސީއިން އިއުލާން ކުރީ ނިމިދިޔަ ހަފުތާގެ ތެރޭގައެވެ.
މި ފަހަރު މަގު ހެދުމުގެ މަސައްކަތަށް އާރްޑީސީން ބަންދުކޮށްފައިވަނީ ކަލާފާނު ސްކޫލާ ހިސާބަށެވެ. އެހެންކަމުން ބޮޑު ތަކުރުފާނު މަގުން ފެށިގެން ކަލާފާނު ސްކޫލް ހުންނަ ކަލާފާނު ހިނގުމާ ހިސާބަށް އެމަގު ބަންދުކޮށް، ދުއްވާ އުޅަނދުތަކަށްވެސް ނުވަދެވޭ ގޮތަށް ވަނީ ހަދާފައެވެ.

އަމީނީ މަގު ހެދުމުގެ މަސައްކަތަށް ކަލާފާނު ހިނގުމާއި ހިސާބަށް ބަންދުކޮށްފައި --- ސަން ފޮޓޯ/ އަހްމަދު ސަދޫފް މޫސާ
"ސަން"އާ ވާހަކަދައްކަވަމުން ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ މަގު ހެދުމުގެ މަސައްކަތް ދެހަފުތާއަށް މަޑުޖައްސައިލީ އިކުއިޕްމެންޓްސް ހަމަ ކުރުމަށް ކަމަށެވެ.
މަގު ބަންދުކޮށްފައި އަބަދަކު ނުބޭއްވޭނެ ދެއްތޯ. ދެހަފުތާއަށް ވެސް ބަންދުކުރީ މަގު ހެދުމަށް ބޭނުންވާ އިކުއިޕްމެންޓްސް ހަމަކުރަން އަކްރަމް ކަމާލުއްދީން
އަމީނީ މަގު ހެދުމުގެ އަމަލީ މަސައްކަތް ފެށީ މި އަހަރުގެ އޮގަސްޓު މަހުގެ 30 ވަނަ ދުވަހުއެވެ. އެދުވަހުއްސުރެ އަމީނީ މަގާއި ބޮޑު ތަކުރުފާނު މަގާ ގުޅޭ ހިސާބުން މޫނިމާ ހިނގުމާއި ހަމައަށް ބަންދުކޮށްފައި އޮންނަތާ ގާތްގަޑަކަށް މަހަކަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ. ނަމަވެސް ނިމިދޔަ މުއްދަތުގައި އެ ސަރަހައްދުގައި ތާރުއެޅުން ފިޔަވައި ދެން ހުރި ހުރިހާ މަސައްކަތްތަަކެއް ނިމިފައިވާ ކަމަށް އާރްޑީސީއިން ކުރިން ވަނީ ބުނެފައެވެ.

އަމީނީ މަގު ހެދުމުގެ މަސައްކަތަށް ކަލާފާނު ހިނގުމާއި ހިސާބަށް ބަންދުކޮށްފައި --- ސަން ފޮޓޯ/ އަހްމަދު ސަދޫފް މޫސާ
1.7 ކިލޯމީޓަރުގެ މި މަގުގައި ތާރު އެޅުމާއި މަގުގައި ފެން ހިންދާ ނިޒާމު ގާއިމުކުރުމާއި މަގު ބައްތި ހަރުކުރާނެއެވެ. އާރްޑީސީއާ މި މަސައްކަތް ހަވާކުރީ 10 މަސްދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
އެގޮތުން އަމީނީ މަގު ތަރައްގީ ކުރުމުގެ މަސައްކަތް އެންމެ ފުރަތަމަ ހަވާލުކުރީ މާލޭ ސިޓީ ކައުންސިލަށް 39 މިލިއަން ރުފިޔާއަށެވެ. ނަމަވެސް ފަހުން އެ މަސައްކަތް ހަވާލުކުރީ އާރުޑީސީއަށް ހަވާލުކުރ ސިޓީ ކައުންސިލަށް އެ މަސައްކަތް ހަވާލުކުރި ވަރަށް ވުރެ ދެގުނަ އަގު ބޮޑުކޮށް 84 މިލިއަން ރުފިޔާއަށެވެ.
އަމީނީމަގު ހެދުމުގެ މަޝްރޫއުގެ ތެރެއިން ކުރާނެ ކަންކަން:
- ދުވާރުގައި ލޯފަން މީހުނަށް ޚާއްސަ ބްރެއިލް ބްލޮކްސް ޖެހުން
- ފުރޮޅުލީ ގޮނޑި ބޭނުން ކުރާ މީހުނަށް އެކްސެސް ވެވޭނެހެން ހެދުން
- މަގުގެ ދެފަރާތުގައި މަގު ބައްތި ހަރުކުރުން
- ބަންޕަރުތައް ހެދުން
- ބަސް ހުއްޓިއާއި ސައިން ބޯޑުތައް ހަރުކުރުން
- މަގު ފެހިކުރުމަށް ޓްރީ ޕޮޓް ބެހެއްޓުން
- ކޭބަލްތައް އެޅުމަށް ކޭބަލް ޓްރޭ މަގުގެ ދެފަރާތުގައި އެޅުން
- އެޗްވީ ކޭބަލަށް ޚާއްސަ ޖަންކްޝަން ހެދުން