އަލިފާން ކޮކާލެއްގެ ލޯބި 13

"އެމީހަކު ކުރި ނުބައި އަމަލެއްގެ ހިތިކަން އެމީހަކަށް ފެންނާނެއެވެ. އަދި މީހެއްގެ ހައްގަކަށް އަރައިގެންފައިވާނަމަ ދުނިޔެމަތީގައިވެސް އެކަން ފެނުމަކީ އެތައް ބަޔަކު ދެކެފައިވާ ހަގީގަތެކެވެ. މީހުންނަށް އަނިޔާވެރިނުވާށެވެ. މީހުންގެ ހައްގުތަކަށް އަރައިނުގަންނާށެވެ."

***

"ރަގަޅު އަލްހަމްދުލިﷲ..." އަދާރާގެ އަޑު ކަންފަތުގައި ޖެހުމާއެކު ދެނެފަރިތަ އަޑެއްކަން އެނގުނެވެ. އެތައް އަންހެންކުދިންނާއި ދިމާވެ ވާހަކަ ދައްކާފައިވިޔަސް މާ ކުރީގެ ހަނދާނެއް އޭނަގެ ސިކުނޑީގައި ކޮށްޓަންފެށިއެވެ.

"އަހަންނަށް ހީވަނީ.....ކުރިން ދިމާވެފައި ހުރިހެން.."ހުސާމް ކޮފީތަށި ހިފައިގެން އައިސް މޭޒުގެ އަނެއްފަރާތުގައި ހުރި ގޮނޑީގައި އިށީނެވެ.

"އާރިސްވެސް ދައުވާކުރީ ތިހެން..."އަދާރާގެ ހުނުމުގައި ކަންބޮޑުވުމާއި ނުތަނަވަސްކަން އެކުލެވުނެވެ.

"އާރިސްދެކެ ބިރުން އެކޮޓަރިއަށް ނުވަންނަން ތިހުންނަނީ؟" ހުސާމް އެއް ބުމަ އަރުވައިލިއެވެ.

"ބިރުންނެއްނޫން. ހަގީގަތް އެނގުމުން އެހެން މީހުން ބިރުގަންނާނީ....." އަދާރާ ކުރިއަށްވުރެ އަޑު ބަރުކޮށްލިއެވެ.

"ތިބުނީ ކީކޭތަ؟" ހުސާމް ހައިރާންވިއެވެ.

"ހުޝާމް އަމިއްލަ ނަފުސާއި ތި ސުވާލުކުރިއްޔާ ރަގަޅީ..."

"އަހަންނަށް ކޮންމެވެސް ވަރަކަށް އެނގިފައި އޮތީ. މަޖުބޫރުން ކުރުވައިގެން އުޅޭ ކައިވެންޏެކޯ ދޯ. އެރެންޖް މެރިޖަކާއި ބޮޑަށް ވައްތަރީ. ހެޕީއެއްނޫން؟މިޒަމާނުގައިވެސް މިކަހަލަ ކަންތައް ކުރާ ބަޔަކު އުޅޭތީ ހައިރާންވެއްޖެ. އަދާރާ ތިހާ ބޭނުން ނޫނިއްޔާ ވަރިވީމަ ވީނު. ކީއްވެ ތިހުންނަނީ؟"

"ހުޝާމްއާއިހެދި..."

"ވަޓް؟" ހުސާމް ސިއްސައިގެން ދިޔައެވެ.

"އަހަރެންގެ މަތިން އެހާ އަވަހަށް ހަދާންނެތިދާނެކަމަށް ހިޔެއްނުކުރަން. އެހާ ފަސޭހައިން ފަހަތުން ފިލުވައިލާވަރަށްވުރެ ހާޓްކޮށްފައި ދިޔައީ. އެންމެން ކުރިމަތީގައި ލަދުގަންނަވައިލާ ބޭޒާރުކޮށް ދުނިޔެއަށް ގިނަކޮށް ޑިޕްރެޝަންއަށް ބޭސްކާން ޖައްސާފައި އައިމީހާ އަމްނީޒިއާވީކަމަށް ވާނީ. ޔަގީނުންވެސް އަހަރެން ހަނދާން އެބަހުރި...." އަދާރާ ކުއްލިއަކަށް މޫނުބުރުގާ ތިރިކޮށްލާފައި ހަމައެކަނި ލޯ ފެންނަ ވަރުކޮށްލައިފިއެވެ. ހުސާމް ސިހުނުވަރުން ލޯ ބޮޑުކޮށްލަމުން ކޮޅަށް ތެދުވެވިއްޖެއެވެ.

"ކަލޭ.................."ދެވަނަ ސިކުންތުކޮޅުގައި މުށްކެވުނު އަތް ޖީބަށް ޖެހުމާއެކު ބުމަ ކައިރިކޮށްލެވުނީ ރުޅިވެރިކަމުން ފުރިފައިވާ ގޮތަކަށެވެ. އަޅި ލޮލުގެ ކުލަ ތަންކޮޅެއް ގަދަވިއެވެ.

"އާނ މީ މަށޭ..."

"ކަލޭ ކީއްކުރަން އަހަރެންގެ ކޮއްކޮގެ ދިރިއުޅުމަށް ފުންމައިލީ؟ބި*........"ހުސާމް މުޚާތަބުކުރީ އަދާރާ ރުޅިއަންނަވަރުގެ ހުތުރު ނަމަކުން ގޮވާފައެވެ.

"އަހަރެން އެހާވަރަށް ރުޅި އަންނަންވީމަ ތިވަރަށް ނައްޓަންވީ އަހަރެން އާރިސްއާއި ކައިވެނިކުރީމަތަ؟އެހާ އަނިޔާދީފައި އެހާ ނިކަމެތިކޮށްލާފައި ކައިވެނީގެ މަޖިލީހަށް ނައި މީހާއަށް މާފުދީފައި މިގެއަށް އައީ ހަމައެކަނި ދެކިލަންވެގެން. އަދިވެސް ލޯބިވާތީ......ވަރަށް ވަރަށް ލޯބިވާތީ..."

"އިނަފް...."ހުސާމް ކައިރިވެލާފައި އަތް މަޅައިލިގޮތުން ދެންމެ ދެންމެ އަދާރާގެ މޫނުމައްޗަށް އެތިފަހަރެއް ވީއްލަލާފާނެކަހަލައެވެ.

"ކީއްވެހޭ؟ "އަދާރާ ސުވާލުކުރަން އުޅުނެވެ.

"އަނގަމަތީ ޖަހާނަން ދެން އަނގަ ހުޅުވިޔަސް...."

އެވަގުތު ދޮރުމައްޗަށް މީހަކު އެރުމުން ހުސާމް ދުރަށް ޖެހިލިއިރު އަދާރާވެސް މޫނު ފޮތިކޮޅު ރަގަޅުކޮށްލައިފިއެވެ. ދޮރުމަތީގައި ހުރި އާރިސްއަށް ހުސާމް ފެނުމުން ކުޑަކުއްޖެއްހެން އުފާވެގެން އައިގޮތަށް ހުސާމްގެ އަތުގައި ހިފާ ދަމައިގަތެވެ." ސޭމް ނުފެނިގެން ހޯދާތާ ކޮންއިރެއް؟"

ހުސާމް ބޭރަށް ނުކުތްއިރުވެސް ރުޅިގަދަވެގެން އޭނައަށް ހުރީ މައިނޭވާލެވިފައެވެ. ފަހަތަށް ބަލައިލެވުނީ އަނދަ އަނދާ ހުރި ލޮލަކުންނެވެ. އަދާރާގެ ސަބަބުން އޭނަގެ އުފާވެރިކަމާއި މޫޑު އެއްކޮށް ޚަރާބުވެއްޖެއެވެ. އެންމެ ރުޅިއައީ އަދާރާގެ ހިތުގެ ކަޅުކަން އެނގުމުންނެވެ. އެ ނިޔަތާއިމެދުގައެވެ. ފޮތިބޮނޑިއެއްގެ ފުރަގަހުގައި ފިލާ ހުރީ ހަމަ ރަގަޅަށްވެސް ޝައިތާނެކެވެ. އޭނަގެ ދިރިއުޅުމަށް ވިހަލާން އެ ވަދެގަތީ އެންމެ ނުބައިގޮތުގައެވެ. މިގޭގައި ހުރެއްޖެއްޔާ އޭނަ ހިތާމަކުރާވަރުގެ ހާދިސާއެއް ހިނގާނެއެވެ.

***

މަޚުތޫމްއާއި ފަރަހްނާޒްގެ ދަރިފުޅު ޖުއާނާއާއި ހުސާމްގެ ލޯތްބަކީ ސޯޝަލްމީޑިއާގައި އާ ކަމެއްނޫނެވެ. ދެކުދިން އެކީ ނަގާފައިވާ ރީތި ފޮޓޯތަކަށް އެތައް ކޮމެންޓެއް ލިބޭއިރު ހަސަދައިގެ އަލިފާނުގައި އަނދަމުންދާ މީހުންވެސް މަދެއްނޫނެވެ. ހަސަދައާއި ވިހަލޮލުގައި އަޅައިގެންފިއްޔާ ބައެއްފަހަރު ހަޔާތް އެ އަލިފާނުގައި އަނދައިގެން ހިނގައިދާނެއެވެ. ހުސާމް ޖުއާނާއާއި ރައްޓެހިވެގެން އުޅުނަސް އޭނަގެ ހިތުން އަދާރާގެ ނަން އޮތީ ފިލައިގެން ނުގޮސް ރައްކާކުރެވިފައެވެ. ހިތްއެދުނީ އެލޯތްބަށްޓަކައެވެ. އަދާރާ އޭނަގެ ފަހަރީގެ ގޮތުގައި އޭނަގެ އާއިލާގެ ތެރެއަށް ވަނުމުން ހުސާމް އަވަހަށް އެހެން ފިޔަވަޅެއް އަޅަން ނިންމިއެވެ.

ހުސާމްއާއި ޖުއާނާ ކާރުތެރޭ ތިބިއިރު ތުނިކޮށް ވާރޭވެހެމުން ދިޔައެވެ.

"ޖޫނީ. މެރީ މީ...."ކުއްލިއަކަށް ހުސާމް ޖުއާނާގެ މޫނުގައި ހިފާފައި އޭނައައި ދިމާލަށް އަނބުރައިލިއިރު އެ އަޅި ދެލޮލުން ފެނުނީ ލޯތްބެވެ. މަސްޓަޑް ކުލައިގެ ފަޓުލޫނަކާއި ކަޅު ޓީޝާޓެއްގައި ކަޅު ބޫޓަކަށް އަރާފައި ހުރުމުން ހޮލީވުޑްތަރިއެއް ފަދައެވެ.

ޖުއާނާއަށް އަނގަމަތީގައި އަތް އަޅައިލެވުނެވެ.

އަދި ކައިވެނި ކުރާނީ ޖުއާނާ ސްޕެޝަލައިޒް ވެގެން އައުމުން ކަމަށް ބުނެފައިވަނިކޮށް ކުއްލިއަކަށް އެގޮތަށް ކައިވެނި ހުށަހެޅުމުން ލިބުނު ހިތްގައިމު ސަޕްރައިޒާއެކު ހިތަށް ބަޔާންކުރަން ދަތި އުފަލެއްލިބި މޫނަށް ރަތްކުލަ ވެރިވިއެވެ. ހޭންފެށުނުގޮތަށް ލޮލަށް ކަރުނަ އައެވެ.

"ޔެސް....ޔެސް މައި ލަވް..."

އެހާ އަވަސް އަރުވާލައިގެން ހުސާމް ކައިވެނި ކުރަން ނިންމި ސަބަބެއް އޮޅުން ފިލުވަން ޖުއާނާ ބޭނުމެއްނުވިއެވެ. ކައިވެނިނުކޮށް ލޯބީގެ ގުޅުން ދިގުދެމިގެންދާތީ މަންމަވެސް ކިތަންމެ ފަހަރަކު ސުވާލުކޮށްފިއެވެ. އެންމެފަހުން ޖުއާނާގެ ހުރިހާ ހުވަފެންތަކެއް ފުރިހަމަވާން އުޅެނީއެވެ. އުފަލުންގޮސް ރޮއި އުޅޭކަމެއް ޖުއާނާ ކުރިއަކުން ނުދަނެއެވެ. ޅައިރުއްސުރެ ނިއުމަތާއި އުފާތަކުގެ ތެރޭގައި އުޅެ ބޮޑުވި އަންހެންކުއްޖަކަށް ވުމުން އުފާތައް އަބަދު ވަށާލާފައި ވިނަމަވެސް ހުސާމް އޭނަގެ މިލްކަކަށްވާން އުޅޭކަން އެނގުމުން އެލިބުނީ ތަފާތު އުފަލެކެވެ.

ފަރަހްނާޒަށް އެ ޚަބަރު ލިބުނުތަނާ މާ ގިނައިރެއްނުވެ ޝުވޭކާރުވެސް އެ އުފާވެރި ޚަބަރު ހިއްސާކުރަންވެގެން ބަައްދަލުކުރިއެވެ. ދެމީހުންގެ އެކުވެރިކަން އާއިލީ ގުޅުމަކަށް ބަދަލުވާތީ އެކަކު އަނެކަކަށް ތަހުނިޔާކިޔާ އެހެން އެކުވެރިންނަށް ގުޅާ އެ އުފާވެރި ޚަބަރު ބުނެދިނެވެ. އުރުސުލާއާއި ޝުވޭކާރު އަދި ފަރަހަނާޒް ޖުއާނާ ގޮވައިގެން ބާޒާރުކޮށްލަންވެގެން ޔޫރަޕަށް ފުރަން އުޅުނުއިރު އަދާރާގެ ކަންފަތާއި ހަމަޔަށްވެސް އެ ޚަބަރު ފޯރިއެވެ. އަދާރާގެ ހިތަށް އެތައް ހާސް ޚަންޖަރެއް އެއްފަހަރާ ހެރިހެން ހީވިއެވެ. ހުސާމްގެ ގާތުގައި ހަގީގަތް ނުބުނެވުނުނަމައެވެ. އޭނަ ކައިވެނި ކުރަން އުޅެނީ އަދާރާއަށް ދައްކަން ހެއްޔެވެ؟ އެކަނި އިނދެ ކަރުނަ އޮއްސާފައި އަދާރާ ދާނިޔާއަށް ގުޅިއެވެ. ދާނިޔާއާއި ވާހަކަދެއްކުމުން ހިތަށް ލުޔެއް ލިބިދާނެއެވެ.

ޖުއާނާ ފެނުނީ އަދާރާ ތައްޔާރުވެލައިގެން ފެންޑާއަށް ނުކުތްތަނާއެވެ. އެކުއްޖާ ހަމަ ލޮލުން ފެންނަލެއް ފޮޓޯތަކަށްވުރެ މާ ރީތިކަން އެނގުނެވެ. ފިޔާތޮށިކުލަ އަރާ ހަންގަނޑުގައި އެންމެ ލަފެއްވެސް ނެތެވެ. އެހާ އޮމާނެވެ. ކުދިބުޅިތައް ލާފައިވާ ވަރުގަދަ އިސްތަށިގަނޑަށް އަލި އެޅުމުން ރަންކުލަ އަރާގޮތާއި ހިނިތުންވެލުމުން ކޮލަށް އެޅޭ އަޑިކޮޅާއިއެކު ހެދުމުގެ ސްޓައިލް އެހާ ރީއްޗެވެ. ކޮންމެ އަދާއެއް އެހާ ލޯތްބެވެ. މަސްޓަޑް ކުލައިގެހެދުން ކަކުލާއި ހަމަޔަށް އޮތްއިރު ދޮން އަތާއި ދިގު ކަދުރާ ހާމަޔަށް ވިއެވެ. ދެމީހުންގެ ހެދުމުގެ ކުލަ ގުޅޭގޮތަށް އަޅައިގެން ތިބީ ލޯބިވާވަރު ސާބިތުކޮށްދޭން ކަން ނޭގެއެވެ. ހުސާމްއަށް އަދާރާ ފެނުމުން ޖުއާނާގެ އުނަގަނޑުގައި އަތް އަޅުވާލަމުން އަދާރާ ތައާރަފުކޮށްދިނެވެ.

"މަގޭ ފަހަރި އަދާރާ......"

"ނައިސް ޓު މީޓް ޔޫ..." ޖުއާނާ ހިތްހެޔޮކަމާއެކު ސަލާމްކޮށްލަން އަތްދިއްކޮށްލިއެވެ. އިނގިލީގައި އޮތް އަނގޮޓިއާއި ފިޔާތޮށިރަންކުލައިގެ ކެވެލިކޮޅު އަދި އަނެއް އަތުގައި އޮތް އަގުބޮޑު ގަޑިވެސް އަދާރާގެ ހިތަށް ތަދުކުރުވިއެވެ. ހުސާމްއަށް ޖަވާހިރެއްފަދަ އަންހެންކުއްޖަކު ލިބިފައިވަނިކޮށް އޭނަވާނީ ކޯނޗަކަށް ހެއްޔެވެ؟ އަދާރާ ހިންދިރުވައިލިއެވެ. ހުސާމް އަދާރާދެކެ އެހާ ނަފްރަތުކުރަނީ ޖުއާނާ ގާތު ހަގީގަތް ހާމަކޮށްފާނެތީކަމަށް ވެދާނެއެވެ.އަދާރާގެ ލޮލުން ކަރުނަތިއްކެއް ތިރިއަށް ދެމިގަތެވެ. ނަމަވެސް ބޭޒާރުނުވެ ސަލާމަތްކޮށްދޭ އައްޑަނައެއްކަމުގައި މޫނު ފޮތިކޮޅުވިއެވެ.

"ތަނަކަށް ދާން އުޅެނިިކޮށް މި ދިމާވީ....." އަދާރާ އަޑު އެއްވަރަކަށް ހިފެހެއްޓިއެވެ.

"އިޓްސް އޯކޭ. އަދި މީޓްވާނެ ފަހުން.."ޖުއާނާ ހީލިއެވެ.

"ތިގޭގައި ހުންނަން ދެން ބޭނުމެއްވެސް ނޫން. ފޫހިވެއްޖެ. ފޫހި ނުބައި ކުއްޖާގަނޑެއް. ހުސާމްވެސް ހާދަ ނުލަފައޭ. ކުރެވުނުވަރު ކުޑައީ. އޭނަ ހުއްޓާލާނީ އަހަރެން މަރާލާފައިކަން ނޭގޭ...."އަދާރާ ހިތާހިތުން ކުދިކިޔަމުން އެގެއިން ނުކުތެވެ.

***

އަދާރާ ދާނިޔާގެ ކޮޓަރީގެ ދޮރުގައި ޓަކިދިނުމުން ދޮރު ހުޅުވާލައިފިއެވެ. ކޮޓަރީގައި އުޅޭތީ އޭނަ ހުރީ ބުރުގާވެސް ނާޅައެވެ. އިސްތަށިގަނޑު ފަންވެފައި ފަށުއިކަމުން ޖަޕާންކުއްޖެއް ފާޑުވަކިން ހުއްޓެވެ. އަދާރާ އެނދުގައި އިށީން ގޮތަށް އޭނައާއި ހުސާމްގެ ބައްދަލުވުމާއި ދެކެވުނު ވާހަކަތައް ކިޔައިދިނެވެ.

"އޭނަ އެހާ ނައްޓައިގެން އުޅެނީ އަހަރެން އޭނަގެ ގާލްގެ ގާތުގައި އޭނަގެ ނުބައިކަމުގެ ވާހަކަދައްކަފާނެތީ. ހީވާގޮތުން އެތައް ބަޔަކާއި ރައްޓެހިވެގެން އުޅޭ މަޑިއެއް.. މައްސަލައަކީ އަހަންނަށް މި ކަރުނަތައް ނުހުއްޓުވިގެން އުޅޭކަން. އޭނަދެކެ ވާ ލޯތްބަށް ބަދަލެއް ނާންނަކަން.....ޖުއާނާ ފެނުމުން ބޭނުންވީ އެކުއްޖާ އެގެއިން ނެރެލަން. ވަރަށް ބޮޑަށް ހަސަދަވެރިވެއްޖެ. އައި ހޭޓް ހާރ....ދާނީ. ކިހިނެއް ހަދާނީ؟"

"އަދާ. އަހަރެން މިހެން ބުނީމަ ރުޅި ނާންނައްޗޭ..."

"ރުޅި ނާންނާނަން...ދާނީ ނޫނީ އަހަރެންދެކެ ލޯބިވާ މީހެއްވެސް ނެތްހެން ހީވަނީ. ދުނިޔެއަށް ބާކީވެއްޖެ..."

"އަދާ އާރިސްއާއި މެރީކޮށްގެން ހުރެ އޭނަދެކެ ލޯބިވުމަކީ ފާފައަކަށް ވާނީ...އައި މީން ލޯތްބަކީ ހިތުގައި ލައްވާ އެއްޗެއް. ލޯބިވުމަކުން މީހަކު ފާފަވެރިއެއްނުވާނެ. ފާފަވެރިވާނީ އަމަލުން. ހުސާމްއާއި ވާހަކަދައްކާ އޭނަގެ ފަހަތުން އުޅުން. އޭނައަށް ބެލުން.އަދާ. ﷲއަށް ދުއާކުރޭ. ހިތްތައް ބަދަލުކުރައްވާ ފަރާތަކީ އެއީ...ހިތްތަކުގައި ލޯބި ލައްވަނީވެސް އެފަރާތުން. ހުސާމް އަދާއާއިމެދު ކަންތައްކުރީ އިހާނެތިކޮށް އެކަމަކު އަދާގެ ހިތުގައި އަދިވެސް އޭނައަށްޓަކާ ލޯބި ވުމުގެ ހިކުމަތް ދެނެވޮޑިގެންވަނީ ﷲ. ހުސާމް މިހާރު މީހަކާއި އިންނަން އުޅޭއިރު އޭނަގެ ފަހަތުން އުޅުމުގެ ބޭނުމެއް ނޭގޭ. އޭނަދެކެ ލޯބިވާކަމަށް އޭނަ ގާތު އަދި އަދާ ބުނެފި............"ދާނިޔާ ދެފައި ވަށްކޮށްލައިގެން އެނދުމަތީގައި އިށީނެވެ.

"ދާނީއަށް އޭނަ އަހަންނާއި ރުޅިވީ ސަބަބު އެނގޭތަ؟"

"އަދާ ނުބުނަމެއްނު..."

އަދާރާ ކުއްލިއަކަށް މޫނު ފޮތިކޮޅުނެގުމުން ދާނިޔާއަށް ސިފަވީ ޕާކިސްތާނުގެ ފިލްމުކުޅޭ ތަރިއެކެވެ. މިނަލް ޚާންގެ ޓްވިންއެއްފަދައެވެ. އެހާ ބޮޑު ދެލޮލާއި ހިމަ ނޭފަތެކެވެ. ކޯކަށިގަނޑުވެސް އެއްގޮތެވެ. ތުންފަތުގެ ބައްޓަން އެހާ ނަލައެވެ. އެދޮން ދޮން މޫނުގެ އެއްފަޅީގައި ކަޅުކުލައިގެ ބޮޑުމާސިންގާ އުފަން ލަފެއް ފަޅާފައިވާގޮތުން އެއްފަޅީގައި މާސްކެއް އަޅާފައިވާފަދައިން ފެނުނަސް އެރީތިކަމަށް ބޮޑު ބަދަލެއް ނާދެއެވެ. ހަނދަށް ކަޅުވިލާކޮޅެއް އެޅިފައިވުމެކޭ އެއްގޮތެވެ.

"މައްސަލައަކީ އޭނައަށް އަހަރެންގެ މޫނު ފެނުން. މި ކަޅުތިލަ......ކިހާ ހުތުރު. އިސްތަށިތައްވެސް ފަޅާފައި މިތާގައި މިހިރީ. މިހެން ހުރެގެން ކާކަށް އަހަރެން ކަމުދާނީ؟ ލޯބިވީމީހާވެސް ދޫކޮށްލީ މޫނުގައި ހުތުރު ލަފެއް ހުރީމަ. ދާނީއަށް އޯކޭވިޔަސް އޭނައަށް ކަމުނުދިޔައީމަ އެހެން އެހެދީ...އަހަރެންގެ ފޯލްޓަކީ ކޮބާ ދާނީ؟ﷲ އިންސާނާ ޚަލްގުކުރެއްވީ އެންމެ ރީތި ސިފައިގާ.މަންމަ ގާތުން އެހިން ކީއްވެހެއްޔޭ ކުޑައިރު މީތި ރިމޫވް ނުކުރުވީ، މަންމަ ބުނީ ބޮޑުވެގެން އަމިއްލައަށް އެ ޑިޒިޝަން ނަގަން ބެހެއްޓީއޭ. އެކަމަކު ލޭޒާއިންވެސް ރިމޫވްކުރުވަން ވީ ކީއްވެތަ؟ އޭނަ އަހަރެންދެކެ ހޭޓްކުރޭ....."އަދާރާގެ ލޯ ކަރުނުން ފުރުނެވެ."އަހަންނަށް ލޯބި ނުލިބުނީ މީގެ ސަބަބުން....."

"ނޫން ތީ ހަމަ ރީތިކުއްޖެއް މާޝާﷲ. ކިހާ ޔުނީކް.އެހެން މީހުންނާއި ކިހާ ތަފާތު.މިގޮތަށް ހުރީމަ ވަރަށް ސްޕެޝަލް. ހުރިހާ އެންމެން ހުސާމް ގޮތަށް ނުވާނެ. ޔޫ އާ ބިއުޓިފުލް އިންސައިޑް އެންޑް އައުޓް އަދާ، ހުސާމްގެ ބަދުނަސީބުކަމުން ދުރަށް ދިޔައީ........."

"އޭނަ ޖުއާނާއާއި މެރީކުރަން އުޅެނީ.ވަރަށް ރީތި އަންހެންކުއްޖެއް. އެހާ ރީތިކޮށް ހެދުން އަޅާފައި ހުރީ. ދެމީހުން އެއްތަނެއްގައި ތިބިއިރު ހާދަ ގުޅެއޭ........."އަދާރާ އިންސްޓަގްރާމް ހުޅުވާލައިގެން އިނދެ ޖުއާނާ ލާފައި ހުރި ފޮޓޯތައް ބަލަމުން ދިޔައެވެ. ހިތުގައިވާ ހަސަދައިގެ އަލިފާނަށް އިތުރަށް ދަރުއެޅުނީ ދެމީހުންގެ ގުޅުވާފައިވާ އަތްތިލަ ފެނިފައެވެ.

"މީހަކަށް އަނިޔާއެއް ދީފައި އަނެކާއަށް އުފަލެއް ނުލިބޭނެ. ގެއަށް ދާންވީ. އެގެއަށް ވަނިއްޔާ ލޯ ކުރިމަތިން ފެންނާނީ ކޮންފަދަ ހިތްދަތި މަންޒަރުތަކެއްކަމެއްވެސް ނޭގޭ.." އަދާރާ މޫނުފޮތިކޮޅު އަޅަންވެގެން ލޯގަނޑު ކައިރީގައި ހުއްޓުނެވެ."ވަރަށް ޒަމާންކޮށްފައި ލޯގަނޑުން މިބަލައިލީ.....ކުރިއަށްވުރެ މި މާކް ބޮޑުވެފައި ކަން ނޭގޭ....ޗީޑި. ހިތަށް އަރާ ވަޅިއަކުން މޫނު ކަނޑައިލާފާނަމޭ.އަމިއްލަ ސިފައަށް ބަލަން ނުކެރޭހާ މި ހަޑި. ސްކޫލް ދުވަސްވަރުވެސް އެންމެން ވަރަށް ބުލީކުރި. މޫނުގައި ދެލި އުނގުޅައިގެންނޭ ދެލިކޮޅާއޭ ކިޔާ ނަން ހަރުކުރި. ހިތަށް އަސަރުކުރާނެ ވަރު އެކަކަށްވެސް އިހުސާސެއްނުވޭ............"

"ސުބުހާނަﷲ. އަދާ ތިހެން ނުބުނޭ..ކޮންމެ އިންސާނަކަށް ތަފާތު ސިފަތަކާއި ރީތިކަމެއް ދެއްވާފައިވޭ. އެކި މީހުން ރީތިކަން ދެކެނީ އެކިގޮތަށް. އަދާގެ މި މާކް ހުރުމަކީ ހަގީގަތުގައި ލިބިފައިވާ ތަފާތުކަމެއް. ސޯ ކޫލް..."ދާނިޔާ އަދާރާއަށް ވިސްނައިދޭން މަސައްކަތްކުރިއެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު