ދިރާގުން ތަފާތު ކުއިޒެއް، އެއްވަނައަށް ދާ މީހަކަށް ޕީއެސް5އެއް

ދިރާގު ހެޑް އޮފީސް -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ދިރާގުން ވޯލްޑް ކަޕާ ދިމާކޮށް ކުރިއަށްގެންދާ "ދިރާގު ފުޓްބޯޅަ އީދު"ގެ ދަށުން "ގެސް ދަ ޕްލޭޔާ"ގެ ނަމުގައި ތަފާތު އިނާމުތައް ލިބޭ ކުއިޒެއް ފަށައިފިއެވެ.

މި ކުއިޒުގައި ފެންނާނީ، ކާކުކަން ނޭނގޭ ގޮތަށް ފޮރުވާފައިވާ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިއެއްގެ ފޮޓޯއެކެވެ. ދިރާގުން ކޮންމެ ފަސް ދުވަހަކުން އެއް ދުވަހު އޭގެ ފޮޓޯއެއް ފޭސްބުކް، އިންސްޓަގްރާމް އަދި ޓްވިޓާގައި ހިއްސާކުރާނެއެވެ. އަދި ކުއިޒުގައި ބައިވެރިވާން ބޭނުންވާ މީހުން ޖެހޭނީ އެއީ ކޮން ކުޅުންތެރިއެއްކަން ޔަގީން ކުރުމަށް ފަހު، ކޮމެންޓު ކުރާށެވެ.

މި ކުއިޒުން ކޮންމެ ދުވަހަކު ނަތީޖާ ދިމާކުރާ ނަސީބުވެރިއަކަށް ސޮނީ ސްޕޯޓްސްގެ ފަރާތުން 3000 ރުފިޔާގެ ގިފްޓް ވައުޗާއެއް ލިބޭނެއެވެ. އަދި ހުރިހާ ބުރެއްގެ ބައިވެރިންގެ ތެރެއިން ހޮވާލެވޭ ކޮންމެވެސް އެއް ނަސީބުވެރިއަކަށް ޕްލޭސްޓޭޝަން ފަހަކާއި ފީފާ 23 ގެ ގޭމް ސީޑީ އެއް ލިބޭނެއެވެ.

ދިރާގުން ކުރިއަށް ގެންދާ ޕްރޮމޯޝަން

މި ކުއިޒްގެ އިތުރުން ވެސް ދިރާގުން ވޯލްޑް ކަޕާ ދިމާކޮށް ދަނީ އިތުރު ޕްރޮމޯޝަންތައް ހިންގަމުންނެވެ. އެގޮތުން ދިރާގުގެ ކަސްޓަމަރުންނަށް ޚާއްސަކޮށް "ޖެހީ ލިބުނީ"ގެ ނަމުގައި ކުރިއަށްގެންދާ ޕްރޮމޯޝަންގެ ދަށުން އެ މީހަކު ސަޕޯޓް ކުރާ ޓީމެއް ގޯލެއް ޖެހުމުން އެއް ޖީބީ ޑާާޓާ އެ މީހަކަށް ލިބޭނެއެވެ.

މީގެ އިތުރުން ވައިބާއާއި ޓެލެގްރާމްއާއި އިންސްޓަގްރާމްއާއި ސްނެޕްޗެޓްގައި ދިރާގު ފުޓްބޯޅަ އީދުގެ ޚާއްސަ އެނިމޭޓެޑް ސްޓިކާ ޕެކެއް ދިރާގުން ވަނީ ލޯންޗްކޮށްފައިއެވެެ.

ދިރާގުގެ ޕްރޮމޯޝަންތަކާ ބެހޭ އިތުރު މައުލޫމާތު ދިރާގު ވެބްސައިޓުން ލިބެން ހުންނާނެއެވެ.

comment ކޮމެންޓް