މާލޭ ސިޓީ ކައުންސިލްގެ ދޮޅު އަހަރުގެ މަސައްކަތް: އެންމެ ގިނައީ ބިމާއި ރަށްވެހިކަމުގެ މަސައްކަތް

މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފާއިތުވި ދޮޅު އަހަރުގެ ތެރޭގައި މާލޭ ސިޓީ ކައުންސިލުން އެންމެ ގިނަ ޚިދުމަތްތައް ދިނީ ބިމާއި އިމާރާތާއި ރަށްވެހިކަމުގެ ދާއިރާއިން ކަމަށް މަލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.

މާލޭ ސިޓީ ކައުންސިލުން މިއަދު އާންމު ކުރި ތަފާސްހިސާބުގައިވާ ގޮތުން، މިދިޔަ އަހަރުގެ މޭ މަހުގެ 17ވަނަ ދުވަހުން ފެށިގެން މި މަހުގެ 17ވަނަ ދުވަހުގެ ނިޔަލަށް އެ ކައުންސިލުން ވަނީ އިޖުތިމާއީ ގޮތުންނާއި އުމްރާނީ ގޮތުންނާއި ކަނޑުފަޅުތަކާއި ކޮންސްޓްރަކްޝަނާއި މަގުމައްޗާއި ބިމާއި އިމާރާތާއި ރަށްވެހިކަމުގެ ދާއިރާއިން ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.

އެގޮތުން އެންމެ ގިނަ މަސައްކަތްތައް ކޮށްފައި ވަނީ ބިމާއި އިމާރާތާއި ރަށްވެހިކަމުގެ ދާއިރާއިންނެވެ. އޭގެ ތެރެއިން ވެސް އެންމެ ގިނައީ އުފަންދުވަހުގެ ސެޓްފިކެޓް ހަދައިދިން އަދަދާއި އުފަންދުވަހުގެ ރަޖިސްޓްރީ ހަދައިދިން އަދެދެވެ. އެގޮތުން 12،018 އުފަންދުވަހުގެ ސެޓްފިކެޓް ހަދާފައިވާއިރު 10،263 އުފަންދުވަހުގެ ރަޖިސްޓްރީ ވަނީ ހަދައިފައެވެ.

ހަމައެއާއެކު 1،244 އިމާރާތާއި ގޯތީގެ ރަޖިސްޓްރީ ހަދާފައިވާއިރު 1،497 ހަތަރު ފުރޮޅުލީ ވެހިކަލް ގަރާާޖުކުރުމުގެ ހުއްދަ ވަނީ ދީފައެވެ. އަދި މާލޭގެ ރަށްވެހިންގެ ރަޖިސްޓްރީއަށް 2،306 މީހުން ނުވަތަ ކުދިން އިތުރުކޮށްފައިވާއިރު 1،813 މީހުން ރަށްވެހިވާ ސެޓްފިކެޓް އަލަށް ވަނީ ހަދައިފައެވެ.

ހަމައެއާއެކު އެ ދާއިރާއިން އެއްމެދު އިމާރާތުގެ ފްލެޓް ރަޖިސްޓްރީ ކުރުމާއި ގޯތީގެ ނަން ފާސްކުރުމާއި އިމާރާތް ބޭނުން ކުރުމުގެ ހުއްދަ ދިނުމާއި ވަކި ކަމަކަށް އިމާރާތް ކުރުމުގެ ހުއްދަ ދިނުމާއި އިމާރާތް ކުރުމުގެ އުސްމިން ބެލުމާއި އިން ވަކި ކުރުމާއި ރަހުނު ރަޖިސްޓްރީ ކުރުމުގެ ގިނަ މަސައްކަތްތަކެއް ސިޓީ ކައުންސިލުން ވަނީ ކޮށްފައެވެ.

މީގެ އިތުރުން ގޯތިތަކުގެ ޗާޓު ކުރެހުމާއި ރަހުނު ޚަލާސް ކުރުމާއި މާލޭގެ ފްލެޓް ރަޖިސްޓްރީ އަލަށް ހެދުމާއި މާލޭގެ ރަށްވެހިންގެ ރަޖިސްޓްރީ އަލަަށް ހެދުމާއި ޕާކިން ސްލޮޓް އެގްރީމެންޓުތައް ނިންމުމާއި ޕާކިން ސްލޮޓް އެގްރީމެންޓުގައި ސޮއިކުރުމުގެ ގިނަ މަސައްކަތްތަކެއް ސިޓީ ކައުންސިލުން ވަނީ ކޮށްފައެވެ.

އެ ކައުންސިލުން އާއްމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު ދެން އެންމެ ބޮޑަށް ކޮށްފައިވަނީ އިޖުތިމާއީ ގޮތުންނާއި އުމްރާނީ ދާއިރާގެ މަސައްކަތްތަކެވެ.

އެގޮތުން އިޖުތިމާއީ ދާއިރާއިން މަދިރި ކޮންޓްރޯލް ކުރުމުގެ ގޮތުން ޖުމުލަ 22،426 ތަނެއް ބަލާފައިވާއިރު މަދިރި އުފެދޭ ގޮތަށް ހުރުމުން 2،895 ތަނަކަށް ބޭސް އަޅައި 2،219 ބްލޮކެއް ވަނީ ފޮގް ކޮށްފައެވެ. އަދި އުމުރާނީ ދާއިރާއިން 12،106 ކާނު ސާފުކޮށްފައިވާއިރު 2،526 ހުއްދަ ވަނީ އުމުރާނީ މަސައްކަތަށް ދޫކޮށްފައެވެ. އަދި 403 މަގެއްގައި އަލަށް ވަނީ 938 ލައިޓު ހަރުކޮށްފައެވެ.

ސިޓީ ކައުންސިލުން ކޮށްފައިވާ މަސައްކަތްތަކުގެ ތެރެއިން މަގުމައްޗާ ގުޅޭ ފަސް މަސައްކަތެއް ހިމެނެއެވެ. އެގޮތުން ކާރު ޒޯނުތައް ކުރެހުމާއި މަގުތައް މަރާމާތު ކުރުމާއި ކާނު މަތިގަނޑު ބަދަލުކުރުމާއި ރޭމްޕް ހެދުމުގެ އިތުރުން ސައިކަލް ޒޯނުތައް ކުރެހުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.

މީގެ އިތުރުން ކަނޑުފަޅާ ގުޅޭ މަސައްކަތްތަކުގެ ތެރެއިން އުޅަނދުތައް ގަވާއިދާ ޚިލާފުވެގެން ވަނީ ސްޓިކާ ޖަހާފައެވެ. އަދި ކޮންސްޓްރަކްޝަން މަސައްކަތްތަކުގެ ތެރޭގައި އެ މަސައްކަތްކުރާ ސައިޓްތަކުގެ ސޭފްޓީ ބެލެހެއްޓުމާއި ކޮންސްޓްރަކްޝަން ސައިޓްތަކުގެ ސޭފްޓީ މައްސަލަތައް ހައްލުކުރުން ހިމެނެއެވެ.

comment ކޮމެންޓް