ބީއެމްއެލްއަށް ދިގު މުއްދަތަކަށް ޚިދުމަތްކޮށްފައިވާ މުވައްޒަފުންގެ އަގު ވަޒަންކޮށްފި

ބީއެމްއެލްއިން ދަރުބާރުގޭގައި ބޭއްވި ޚާއްސަ ހަފްލާގެ ތެރެއިން --- ފޮޓޯ: ބީއެމްއެލް

ބީއެމްއެލްއަށް ދިގު މުއްދަތަކަށް ޚިދުމަތްކޮށްފައިވާ މުވައްޒަފުންގެ އަގު ވަޒަން ކުރުމުގެ ގޮތުން ޚާއްސަ އެވޯޑެއް ދީފިއެވެ.

ރޭ ދަރުބާރުގޭގައި ބޭއްވި ޚާއްސަ ހަފުލާއެއްގައި ބީއެމްއެލްއަށް 15 އަހަރާއި 40 އަހަރާ ދެމެދުގެ މުއްދަތަކަށް ޚިދުމަތްކޮށްފައިވާ މުވައްޒަފުންނަށް ވަނީ އެވޯޑްތައް ދީފައެވެ.

މި އަހަރު އެ ބޭންކުގެ 40 ވަނަ އަހަރީ ދުވަސް ފާހަގަކުރަމުން ދާއިރު، 40 އަހަރު ބޭންކަށް ޚިދުމަތްކުރި ތިން މުވައްޒަފަކަށް ވަނީ އެވޯޑް ދީފައެވެ. އެގޮތުން އެ ތިން މުވައްޒަފުންނަކީ ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ ޢާއިޝަތު ނޫރައްދީންއާއި ޑެވެލޮޕްމެންޓް ބޭންކިން ޑައިރެކްޓާ ފާތިމަތު މަނިކެއާއި ސީނިއާ ފެސިލިޓީސް އޮފިސަރު މޫސާ މުޙައްމަދެވެ.

މީގެ އިތުރުން 35 އަހަރު ބޭންކުގައި ޚިދުމަތް ކޮށްދެއްވި އެ ބޭންކުގެ ސީނިއާ ރިކޮންސިލިއޭޝަން އޮފިސާ، ފިރާޤު އަޙްމަދަށްވެސް ވަނީ އެވޯޑް ދީފައެވެ.

މި މުވައްޒަފުންނާއެކު ޖުމްލަ 68 މުވައްޒަފަކަށް ރޭގެ ހަފުލާގައި އެވޯޑް ދީފައިވެއެވެ.

ބީއެމްއެލްއިން ދަރުބާރުގޭގައި ބޭއްވި ޚާއްސަ ހަފްލާގެ ތެރެއިން ސީނިއާ ފެސިލިޓީށް އޮފިސާ މޫސާ މުހައްމަދު އަށް ސީއީއޯ ކާލް ސްޓުމްކަ އެވޯޑް ދެނީ --- ފޮޓޯ: ބީއެމްއެލް

އެ ހަފުލާގައި އެ ބޭންކުގެ ސީއީއޯ ކާލް ސްޓުމްކަ ވިދާޅުވީ ބީއެމްއެލް ރާއްޖޭގެ އެންމެ ކުރިއަރާފައިވާ ބޭންކުގެ ގޮތުގައި ދެމި އޮތީ އެ ބޭންކުގައި ހީވާގި ކަމާއެކު މަސައްކަތް ކޮށްފައިވާ މުވައްޒަފުންގެ ސަބަބުން ކަމަށެވެ. އެހެންކަމުން އޭނާ ވަނީ އެ މުވައްޒަފުންގެ މަސައްކަތަށް ތައުރީފުކޮށް، ޝުކުރު އަދާކޮށްފައެވެ.

ބީއެމްއެލް އުފެއްދީ 1982ގައި ކަމަށްވާއިރު، އެ ކުންފުނީގެ 99 ޕަސެންޓް މުވައްޒަފުންނަކީ ދިވެހިންނެވެ.

comment ކޮމެންޓް