ވޯލްޑް ކަޕާ ގުޅުންހުރި މަސައްކަތްތަކުގެ ތެރެއިން އެތައް ސަތޭކަ ބިދޭސީ މަސައްކަތްތެރިން މަރުވި: ގަތަރު

ގަތަރުގެ ސުޕްރީމް ކޮމިޓީ ފޯ ޑެލިވަރީ އެންޑް ލެގަސީ (އެސްސީ)ގެ ސެކްރެޓަރީ ޖެނެރަލް އަދި ވޯލްޑް ކަޕާއި ގުޅުންހުރި އެންމެހާ ކަންތައްތަކެއް ބެލެހެއްޓުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ހަސަން އަލް ތަވާދީ ---

ފީފާ ވޯލްޑް ކަޕް 2022 ހޯސްޓު ކުރުމަށް ކުރި ބިޑު ކާމިޔާބު ކޮށް، މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށް ގެންދިޔަ އުމްރާނީ މަސައްކަތްތަކުގެ ތެރެއިން، އެ މަސައްކަތްތަކުގައި އުޅުނު އެތައް ސަތޭކަ ބިދޭސީ މަސައްކަތްތެރިން މަރުވިކަން ގަތަރުން ހާމަ ކޮށްފިއެވެ.

މިކަން ހާމަކޮށްފައި ވަނީ ސުޕްރީމް ކޮމިޓީ ފޯ ޑެލިވަރީ އެންޑް ލެގަސީ (އެސްސީ)ގެ ސެކްރެޓަރީ ޖެނެރަލް އަދި ވޯލްޑް ކަޕާއި ގުޅުންހުރި އެންމެހާ ކަންތައްތަކެއް ބެލެހެއްޓުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ހަސަން އަލް ތަވާދީ އެވެ.

"ޓޯކް ޓީވީ" އިން ގެނެސްދިން ޕްރޮފްރާމެއްގައި ޕިއާސް މޯގަން އާއި ވާހަކަދައްކަވަމުން ހަސަން އަލް ތަވާދީ ވިދާޅުވީ، މުބާރާތާ ގުޅިފައިވާ ޕްރޮޖެކްޓްތަކުގައި ކުރި މަސައްކަތަކުގެ ތެރެއިން 400 އާއި 500 އާ ދެމެދުގެ އަދަދެއްގެ ބިދޭސީ މަސައްކަތްތެރިން މަރުވެފައިވާ ކަމަށެވެ. އަދި މިއީ ހިތާމަ ކުރާ ކަމެއް ކަމަށާއި އެންމެ މީހަކު މަރުވުމަކީވެސް އެކަމުގެ ހިތާމަ ކުރާނެ ކަމެއް ކަމުގައި ތަވާދީ ވިދާޅުވިއެވެ.

ވޯލްޑް ކަޕް 2022 ގެ ތެރެއިން ---

ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން ގަތަރުން ކުރި އުމްރާނީ މަސައްކަތްތަކުގެ ތެރެއިން ބިދޭސީ މަސައްކަތްތެރިން މަރުވެފައިވާ ކަމަށް ބުނެ، މުބާރާތް ފެށުމުގެ ކުރިންވެސް އަދި މުބާރާތް ކުރިއަށް ދާއިރުވެސް ދުނިޔޭގެ އިންސާނީ ހައްގުތަކާ ބެހޭ ޖަމިއްުޔާ ޖަމާއަތްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

400 އަށްވުރެ ގިނަ ބިދޭސީ މަސައްކަތްތެރިން މަރުވެފައިވާކަން އަލް ތަވާދީ ހާމަކުރެއްވި އިރު، މިއީ މީގެކުރިން ގަތަރުގެ ކަމާބެހޭ އިދާރާތަކުން ހާމަކުރި އަދަދަށްވުރެ އެތައް ގުނައެއް އިތުރު އަދަދެކެވެ.

އަދި މި މަހުގެ ކުރީކޮޅު "ސީއެންއެން" އާ ވާހަކަދައްކަވަމުން ގަތަރުގެ އިސް އޮފިޝަލަކު ވިދާޅުވީ، މި ނިމޭ ނޮވެމްބަރު މަހުގެ ތެރޭގައި، ވޯލްޑް ކަޕް ސްޓޭޑިއަމްތަކާއި ގުޅުންހުރި މަސައްކަތްތަކުގެ ތެރެއިން ތިން މީހަކު މަރުވެފައިވާ އިރު، މަސައްކަތާ ގުޅުން ނެތް 37 މީހަކު މަރުވި ކަމަށެވެ.

އެސްސީގެ ތަރުޖަމާނު އިއްޔެ ނެރުނު ބަޔާނެއްގައި ވަނީ، މި އަދަދުތަކަކީ 2014 ވަނަ އަހަރު ވޯލްޑް ކަޕަށްޓަކައި ގަތަރުން ވާން ފެށި ތައްޔާރީތަކުން ފެށިގެން 2020 ވަނަ އަހަރުގެ ނިޔަލަށް، އުމްރާނީ މަސައްކަތްތައް ކުރާ ހުރިހާ ދާއިރާތަކުން ގަތަރުގައި މަރުވި މަސައްކަތްތެރިންގެ އަދަދު ކަމަށެވެ.

އަދި މިއީ ހަމައެކަނި ވޯލްޑް ކަޕަށްޓަކައި ކުރިއަށް ގެންދިޔަ އުމްރާނީ މަސައްކަތްތައް ނޫން ކަމަށް ތަރުޖަމާނުގެ ބަޔާނުގައި ވެއެވެ. އެގޮތުން ވޯލްޑް ކަޕަށްޓަކައި އަދި މީގެއިތުރުން ވެސް ގަތަރުގައި ކުރިއަށްދާ ތަފާތު އެކިއެކި އުމްރާނީ މަސައްކަތްތަކުގެ ތެރެއިން، އެގައުމުގައި މަސައްކަތްކުރާ ހުރިހާ ގައުމުތަކެއްގެ ބިދޭސީ މަސައްކަތްތެރިން ހިމެނޭހެން 414 މީހަކު، 2014 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރުގެ ނިޔަލަށް މަރުވި ކަމަށް ބަޔާނުގައި ވެއެވެ.

ގަތަރު 2022 ---

ގަތަރުގެ ކަމާބެހޭ އޮފިޝަލުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކުން 414 މީހަކު މަރުވިކަމަށް ދެއްކި ނަމަވެސް، އިނގިރޭސިވިލާތުގެ ނޫހެއް ކަމުގައިވާ ދަ ގާޑިއަން އިން މިދިޔަ އަހަރު ރިޕޯޓު ކޮށްފައިވާ ގޮތުގައި، 2010 ވަނަ އަހަރު ގަތަރުން ވޯލްޑް ކަޕު 2022 ހޯސްޓު ކުރުމަށް ބިޑު ކާމިޔާބު ކުރުމާއި ހަމައިން ފެށިގެން މިދިޔަ އަހަރާއި ހަމައަށް، ސައުތު އޭޝިއާ ސަރަހައްދަށް ނިސްބަތްވާ 6،500 މަސައްކަތްތެރިން ގަތަރުގައި މަރުވެފައިވެއެވެ. އޭގެ ތެރެއިން ގިނަ މީހުންނަކީ ކުޑަ އުޖޫރައެއް ލިބޭ، ނުރައްކާތެރި މަސައްކަތްތައް ކުރާ މީހުން ކަމަށް އެ ރިޕޯޓުގައި ވެއެވެ.

އެހެންނަމަވެސް ގަތަރުގެ އޮފިޝަލުން ވަނީ ގާޑިއަން އިން ދެއްކި ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް، މޮޅު ހެޑްލައިނެއް ހަދާލަން ދެއްކި ވާހަކަތަކެއްގެ ގޮތުގައި ސިފަ ކޮށްފައެވެ.

ވޯލްޑް ކަޕުގައި ބޭނުންކުރާ ސްޓޭޑިއަމްތައް ---

ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން ގަތަރުން ވަނީ އަށް ސްޓޭޑިއަމެއްގެ މަސައްކަތް ނިންމާލައި، އައު ހޮޓާތަކެއް ހަދައި، އެ ގައުމުގެ އެއާޕޯޓާއި އެހެންވެސް ބައެއް ދަތުރުފަތުރުގެ ނެޓްވޯކްތަކާއި ހައިވޭތައް ފުޅާކޮށްފަ އެވެ.

comment ކޮމެންޓް