އެންމެ ދަށް ނަތީޖާއެއް ނެރުނު ހޯސްޓުގެ ގޮތުގައި ގަތަރަށް މުބާރާތް ނިމިއްޖެ

ގަތަރުން ނެދަލެންޑްސް އާއި ދެކޮޅަށް ނެރުނު ފުރަތަމަ 11.

ފީފާ ވޯލްޑް ކަޕުގެ ތާރީޚުގައިވެސް، މުބާރާތް ބާއްވާ ގައުމަކުން ނެރުނު އެންމެ ދަށް ނަތީޖާ ހޯދައިގެން ގަތަރުން މުބާރާތުގެ ފަހު މެޗުން ބަލިވެއްޖެއެވެ.

ގަތަރުގައި މިފަހަރު ބާއްވާ ވޯލްޑް ކަޕަކީ މި މުބާރާތުގެ 22 ވަނަ އެޑިޝަނެވެ. މިހާތަނަށް ކުޅުނު 22 ވޯލްޑް ކަޕުގެ ތެރެއިން ހޯސްޓު ގައުމަކުން ނެރުނު އެންމެ ދަށް ނަތީޖާއަށް ގަތަރު ނެރުނު ނަތީޖާ ވަނީ، އެ ގައުމު ނޫނީ ޕޮއިންޓަކާއި ނުލައި މުބާރާތް ނިންމާލި އިތުރު އެއްވެސް ހޯސްޓް ގައުމެއް ނެތީމައެވެ.

ގަތަރު ހިމެނުނީ ނެދަލެންޑްސް އާއި ސެނެގާލްގެ އިތުރުން އެކުއެޑޯ އާއި އެއް ގުރޫޕެއްގައެވެ. ގަތަރު މި ގުރޫޕުގެ ފުލުގައި އޮވެ މުބާރާތް ނިންމާލަނީ ކުޅުނު ހުރިހާ މެޗަކުން ބަލިވެގެންނެވެ.

މުބާރާތުގެ ހޯސްޓު ގައުމަތަކުގެ ތެރެއިން މީގެކުރިން 2010 ވަނަ އަހަރު ސައުތު އެފްރިކާ އަދި މި އަހަރު ގަތަރު މެނުވީ އެހެން ހުރިހާ ހޯސްޓު ގައުމަކުން ވެސް މުބާރާތުގެ ގްރޫޕް ސްޓޭޖު ފަހަނައަޅައި ދެވަނަ ބުރުން ޖާގަ ހޯދާފައިވެއެވެ.

ގްރޫޕް ސްޓޭޖާއި ހަމައިން ވޯލްޑް ކަޕް ނިންމާލަން ޖެހުނު ފުރަތަމަ ހޯސްޓް ގައުމުގެ ގޮތުގައި އޮތް ސައުތު އެފްރިކާ އިންވެސް އެ ފަހަރުގެ ވޯލްޑް ކަޕުގައި ކުޅުނު ތިން މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރު ކޮށްލާފައިވެއެވެ. އެފަހަރުގެ މުބާރާތުގައި ސައުތު އެފްރިކާއަށް ރައުންޑް އޮފް 16 ގެ ޖާގައެއް ނުލިބުނީ އެ ގުރޫޕުގެ ދެވަނައިގައި އޮތް މެކްސިކޯ އާއި ޕޮއިންޓުގެ ގޮތުން އެއްވަރުވި ނަމަވެސް، ލަނޑުގެ ތަފާތުން ކުރި ނުލިބުމުންނެވެ.

މެޗުގައި ކުޅުނު ނެދަލެންޑްސްގެ ބައެއް ކުޅުންތެރިން --

މި ޝަރަފުވެރި މުބާރާތުގެ އެންމެ ދަށް ނަތީޖާއެއް ނެރުނު ހޯސްޓު ގައުމުގެ ގޮތުގައި ގަތަރުން ވޯލްޑް ކަޕް ނިންމާލިއިރު، ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އެޓީމުން ނެދަލެންޑްސް އަތުން ބަލިވީ 0-2 ގެ ނަތީޖާ އަކުންނެވެ.

މުޅި މެޗު ޑޮމިނޭޓޫ ކޮށްގެން މޮޅަށް ކުޅުނީ ނެދަލެންޑްސް ޓީމުންނެވެ. ފުރަތަމަ ހާފުގައި އެކަނިވެސް ނެދަލެންޑްސް އިން 10 ހަމަލާއެއް ގަތަރުގެ ގޯލާއި އަމާޒުކޮށް ފޮނުވާލާފައިވެއެވެ.

ލަނޑު ޖެހުމަށްފަހު ގަކްޕޯ އުފާ ފާޅު ކުރަނީ --ފޮޓޯ/ގެޓީ އިމޭޖަސް

ނެދަލެންޑްސް އިން މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ފުރަތަމަ ހާފުގެ 26 ވަނަ މިނެޓުގައެވެ. މިއީ ކްލާސަން ތަނަވަސް ކޮށްދިން ފުރުސަތެއްގައި ކޯޑީ ގަކްޕޯ ކާމިޔާބު ކުރި ލަނޑެކެވެ. މިއީ މިފަހަރުގެ މުބާރާތުގައި ގަކްޕޯ ޖެހި ތިން ވަނަ ލަނޑެވެ. ގަކްޕޯ ވަނީ ނެދަލެންޑްސް އިން މުބާރާތުގެ މިހާތަނަށް ކުޅުނު ތިން މެޗުގައިވެސް ލަނޑު ޖަހާފައެވެ.

މުބާރާތުގައި މީގެކުރިން ގަތަރު ކުޅުނު ދެ މެޗަށްވުރެ ރަނގަޅަށް މި މެޗުގައި ގަތަރުން ކުޅުނު ނަމަވެސް، ދެވަނަ ހާފު ފަށައިގެން މާގިނަ އިރެއް ނުވެ ނެދަލެންޑްސް އިން މެޗުގައި ދެވަނަ ލަނޑެއް ޖަހައި ލީޑު ފުޅާ ކުރިއެވެ. ދެވަނަ ހާފުގެ ހަތަރު ވަނަ މިނެޓުގައި މެމްފިސް ޑީޕާއި ގޯލާއި ދިމާލަށް ފޮނުވާލި ހަމަލާއެއް ގަތަރުގެ ކީޕަރުގެ އަތުގައި ޖެހިފައި، ރިބައުންސްވި ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައިގެން މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ފްރެންކީ ޑި ޔޯންގ އެވެ.

މި މެޗުން ހޯދި މޮޅާއެކު ނެދަލެންޑްސް އިން މުބާރާތުގެ ރައުންޑް އޮފް 16 އަށް ދަތުރު ކުރީ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗު ކާމިޔާބު ކޮށް، އެއް މެޗު އެއްވަރުކޮށްލައިގެން ހޯދި ހަތް ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގެ ގޮތުގައެވެ. ޕޮއިންޓެއް ނުލިބި ގަތަރު ތާވަލުގެ ފުލުގައި އޮތްއިރު، ދެވަނައިގެ ގޮތުގައި ރައުންޑް އޮފް 16 އަށް ދަތުރު ކުރީ، ސެނެގާލް އެވެ. ސެނެގާލް އިން ވަނީ ތިން މެޗުން ހަ ޕޮއިންޓު ހޯދާފައެވެ. މި ގުރޫޕުގެ ތިންވަނަ ހޯދައިގެން މުބާރާތުން ވަކިވާން ޖެހުނީ އެކުއެޑޯ އަށެވެ. އެކުއެޑޯ އިން ހަތަރު ޕޮއިންޓު ހޯދާފައިވެއެވެ.

comment ކޮމެންޓް